19 ޖުލައި 2022 - 11:33

ގދ. ގައްދޫގައި ބަންނަމުންދިޔަ ފައިބަރު ދޯންޏެއްގައި މިދިޔަ އާދިއްތަ ދުވަހު ހަވީރު ރޯވެ ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ދެ މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އެ ދޯނީގެ ވެރިފަރާތުން ބުނެފި އެވެ.
ދޯނީގެ އެއް ހިއްސާދާރު އަބްދުއްލަތީފް މިއަދު ބުނިގޮތުގައި، އެ ދޯނި އޮތީ އިންޝުއާ ވެސް ނުކޮށެވެ. ރޯވި އަލިފާންގަނޑު ނިއްވާލި އިރު، ދޯނި އޮތީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
"އިންޝުއާ ކުރަން ވެސް އުޅުނިން. އެކަމަކު އޭރު އެއްކޮށް ބަނދެ ނުނިމޭތީ މަރުހަލާ ދިގުވެގެން އަހަރުމެން މަޑުކުރީ އެއްކޮށް ނިންމައިފައި އިންޝުއާ ކުރަން،" ލަތީފް ބުންޏެވެ.
ދޯނި ބަނުމުގެ މަސައްކަތް ފެށި ފަހުން އަށް އަހަރު ވެއްޖެ އެވެ. އެކަމަކު މަސައްކަތް ކުރިއަށް ގެންދިޔައީ ވަރަށް ލަސްލަހުންނެވެ.
ބޮޑު މަސް ދޯންޏެއްގެ ގޮތަށް ތިން ޑެކް ލައިގެން އެ ދޯނި ބަންނަމުން ދިޔައީ އާއިލާއަކުންނެވެ. ހަރަދުކުރަމުން ދިޔައީ އާއިލާގެ އެއްބަނޑުއެއްބަފާ މީހުންނާއި އެ މީހުންގެ ދަރިންނަށް ލިބޭ އާމްދަނީންނެވެ. ދޯނީގައި ރޯވި އިރު، ދޯނީގެ މަސައްކަތް ހުރީ ގާތްގަނޑަކަށް ނިމިފަ އެވެ.
ދޯނީގައި ރޯވި އިރު އެ ދޯނި ބަލަހައްޓަން ގެންގުޅޭ ބިދޭސީއަކު ވެސް ދޯނި ތެރޭގައި ހުއްޓެވެ. އެކަމަކު އޭނާ އަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
"ހުޅުގަނޑު ފުރަތަމަ ހިފީ މަތީޑެކުގައި، އެހެންވެ އޭރު ދޯނީގައި ހުރި މީހާއަށް ވެސް ނުފެނޭ އަލިފާންގަނޑެއް. ބޭރަށް ނުކުތް ފަހުން މަތީ ޑެކުގައި ރޯވެފައި ހުއްޓާ ފެނިގެން އަވަހަށް އޭނަ ދުރަށް ދިޔައީ،" ލަތީފް ބުންޏެވެ.
ދޯނީގައި ރޯވީ ކީއްވެ، ކިހިނެއް ކަމެއް ދޯނީގެ ވެރިންނަކަށް އަދި ނޭނގެ އެވެ. އެކަމަކު ގައްދޫ ކައުންސިލުން ބުނި ގޮތުގައި އަލިފާން ރޯވި ކަމަށް ބޮޑަށް ބެލެވެނީ ކަރަންޓު ޝޯޓެއްގެ ސަބަބުންނެވެ.