19 ޖުލައި 2022 - 10:53

ރ. އަތޮޅުގެ ރަށެއްގައި ޓީޗަރަކާއި އިތުރު ބަޔަކުވެގެން ސްކޫލު ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ، ހެކި ނެތިގެން ފުލުހުން ފައިލްކުރިޔަސް އެ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ރިވިއުކުރުމުގެ ވިސްނުން މި ވަގުތު ނުގެންގުޅޭ ކަަމަށް އެ އޮފީހުން ބުނެފި އެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޓީޗަރަކާއި މޫނު ނިވާކޮށްގެން ތިބި އިތުރު ތިން މީހަކު ވެގެން ސްކޫލު ކުއްޖަކު ރޭޕްކުރި ކަމަށް ބުނަނީ، ފިލާވަޅެއްގެ ކަމަކު ކަމަށް ބުނެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސްގެންނެވެ. އުމުރުން 14 އަހަރުގެ އެކުއްޖާ އެކަން ހިނގާދިޔަ ގޮތް ތަހުގީގީ އިދާރާތަކަށް ކިޔައިދީފައިވާއިރު އާއިލާ އިން ބުނީ ޑޮކްޓަރުންގެ ރިޕޯޓުން ވެސް ކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ބަޔާންކުރާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހުންނަށް ދައުވާކުރުމަށް ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން މައްސަލަ ފޮނުވާލުމުން އެ މައްސަލަ ފުލުހުން ފައިލް ކުރީ އެވެ. އެކަމަކު އާއިލާ އިން ވަނީ ޕީޖީ އާއި ފުލުހުންނަށް މައްސަލަ އަލުން ރިވިއުކޮށްދޭން އެދިފަ އެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކުއްޖާގެ ބައްޕަ ވަނީ މައްސަލަ ރިވިއުކޮށްދޭން އެދިފައި ކަމަށާއި އެކަމާ ގުޅިގެން އާއިލާއަށް އަންގާފައިވާނީ ފުލުހުންނާ ގުޅިގެން ކުރިއަށް ދިއުމަށް ކަމަށެވެ. އަދި ޕީޖީން އެ މައްސަލަ ރިވިއުކުރަން މި ވަގުތު ނުވިސްނާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނެފައި ވަނީ މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފޮނުވުމުން ދައުވާކުރެވޭ ވަރަށް ހެކި ނެތްކަމަށް ނިންމައި މައްސަލަ އަނބުރާ ފޮނުވާލުމުން މައްސަލަ ވަނީ ފައިލްކޮށްފައި ކަމަށެވެ. އިތުރު އެއްޗެއް ނުބުނެ އެވެ.
ސްކޫލު ޓީޗަރެއްގެ ފަރާތުން ރޭޕްގެ ޝިކާރައަށް ވުމުން އެ ސްކޫލަށް ކިޔަވަންދާން ކުއްޖާ ދެކޮޅު ހަދާފައިވާތީ މިހާރު ކިޔަވައިދެނީ މާލޭގެ ސްކޫލެއްގަ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ކުއްޖާގެ މައްސަަލަ އެ މިނިސްޓްރީން މޮނިޓާކުރަމުން އަންނަ ކަމަށާއި އެ ކުއްޖާ މިހާރު އުޅޭ މާހައުލަކީ ރައްކާތެރި މާހައުލެއް ކަމަށެވެ.
ކުއްޖާއަށް އިންސާފު ހޯދައިދޭން އާއިލާ އިން ކަމާ ބެހޭ އިދާރާތަކުގައި އާދޭސް ކުރަން ފަށާފައި މިވަނީ އެ މައްސަލައަށް ބަޔަކު ނުފޫޒު ފޯރުވައި މައްސަލަ އޮއްބާލުމަށް އުޅޭ ކަހަލަ ވާހަކަތަކެއް އިވޭ ކޯލް ރިކޯޑިންތަކެއް ލީކުވެފައިވާތީ އެވެ.