ސިވިލް ކޯޓުގެ ފަނޑިޔާރު ޒުބެއިރު އިސްތިއުފާ ދެއްވައިފި
ސިވިލް ކޯޓުގެ ފަނޑިޔާރު ޒުބެއިރު އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ފަނޑިޔާރުގެ މަގާމުން ޒުބެއިރު މުހައްމަދު އިސްތިއުފާ ދެއްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ 14 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރެއްވި ޒުބެއިރު ވަކިވެވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އެހެން ދާއިރާއަކުން ގައުމަށް ހިދުމަތް ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އޭނާ އައްޔަންކުރެއްވީ 2015 ވަނަ އަހަރެވެ. އޭގެ ކުރިން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގައި ވެސް ޒުބެއިރު މަސައްކަތް ކުރެއްވި އެވެ.

ފ. ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓު އަދި ދާއިރާގެ އިސް މެޖިސްޓްރޭޓްގެ ހައިސިއްޔަތުން ހދ. އާއި ދ. ޖުޑީޝަލް ދާއިރާގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރުގެ މަގާމުން ޒުބެއިރު އިސްތިއުފާ ދެއްވިއިރު، އޭނާ ވަނީ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ވެސް މި ފަހުން ކުރިމަތިލައްވައިފަ އެވެ.