20 ޖުލައި 2022 - 07:53

ފިލިޕީންސްގެ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތުގައި އުޅޭއިރު "ހިނިތުންވާން" މަޖުބޫރު ކޮށްފި އެވެ.
އެ ގައުމުގެ ކުއޭޒޯން ޕްރޮވިންސްގެ މުލޭނީ އަވަށުގެ މޭޔަރު އެރިސްޓޯޓަލް އެގުއޭރޭ ވަނީ ދާދި ފަހުން "ސްމައިލް ޕޮލިސީ" އެއް ތައާރަފުކޮށްފަ އެވެ.
އޭނާ އެ ޕޮލިސީ ތައާރަފުކުރީ ސިވިލް ސާވިސް އިން ހިދުމަތް ހޯދަން ދާ އާންމުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
އެ ޕޮލިސީގައި ބުނާގޮތުން އާންމުންނަށް ހިދުމަތް ދޭ ވަގުތު ސިވިލް ސާވިސް މުވައްޒަފުން ހިނިތުންވެ، ހިތްހަމަޖެހޭ މާހައުލެއް އުފައްދަން ޖެހެ އެވެ.
އެރިސްޓޯޓަލް ވިދާޅުވިގޮތުގައި އެ ޕޮލިސީ ތައާރަފުކުރީ އާންމުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާ ގުޅިގެންނެވެ. ގިނަ ޝަކުވާތަކަކީ ސިވިލް ސާވިސްގެ ހިދުމަތްތައް ހޯދުމަށް ދާއިރު މުވައްޒަފުން އަބަދުވެސް ހިތްހަމަނުޖެހި ތިބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އާންމުންގެ ފަރާތުން ސިވިލް ސާވިސް މުވައްޒަފުންނަށް އޮންނަ އިތުބާރު ބޮޑު ކުރުން" އެރިސްޓޯޓަލް ވިދާޅުވި އެވެ.
އާ ޕޮލިސީގެ ދަށުން މުވައްޒަފުން މަސައްކަތް ކުރާ ވަގުތު އަބަދު ވެސް ތިބެން ޖެހޭނީ ހިނިތުންވެގެންނެވެ. އެއާ ހިލާފުވާ މީހުންގެ މުސާރަ އިން ކަނޑާނެ އެވެ. ހަ މަހަށް ލިބޭ މުސާރަ އަށް ވާ ވަރަށް ފައިސާ ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޕޮލިސީގައި ބުނެ އެވެ.
އެންމެ ބޮޑު ފިޔަވަޅަކަށް މުވައްޒަފު ސަސްޕެންޑް ކުރުން ނުވަތަ ވަޒީފާ އިން ވަކިކުރުމަކީ ވެސް ކުރުން އެކަށީގެންވާ ކަމެއް ކަމަށް ޕޮލިސީގައި ވެ އެވެ.