18 ޖުލައި 2022 - 23:49

ކ. ދިއްފުށީގައި އުމުރުން 14 އަހަރުގެ އަންހެންކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައިވާ ކަމަށާއި އެ ދުވަހު އެ ރަށުގައި ހިންގި ހުރިހާ ހަމަނުޖެހުމެއްގެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މިދިޔަ ބޮޑު އީދު ބަންދުގެ ޗުއްޓީ އަށް ދިއްފުއްޓަށް ދިޔަ ގއ. ވިލިނިގިލީގެ އެ މީހާ އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވިގެން، ދިއްފުށީގެ ބަޔަކު ނުކުމެ އެ މީހާގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައިގައި މިހާތަނަށް ބަޔަކު ހައްޔަރު ނުކުރާތީ ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދިނުމަށް ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން، އެ ރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި އެވެ.
"ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން، ތުހުމަތު ކުރެވޭ މީހާ އަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި ކ. ދިއްފުށީ ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ކުޑަކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ޖެންޑާ މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ. އެ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ބުނީ ދިއްފުށީގައި ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ރިޕޯޓެއް މިދިޔަ ބުރާސްފަތި ދުވަހު ލިބުމުން، ފުލުހުންނާ އެކު އެ ރަށަށް ގޮސް އެ ކުއްޖާގެ ބަޔާނެއް ނަގައި ނަފުސާނީ އެހީތެރިކަން ދީފައިވާ ކަމަށެވެ.
ދިއްފުށީގެ ހަމަނުޖެހުންތަކާ ގުޅިގެން ގިނަ މީހުން ހިތްހަމަނުޖެހުނީ، ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އަށް ހަމަލަދިން މީހުން ހުއްޓުވަން ދިޔަ ފުލުހުންނަށް ހަމަލަދިން މީހާ އެކަނި މިހާތަނަށް ހައްޔަރު ކުރުމުންނެވެ. ހާއްސަކޮށް އެ މީހާ އަށް ބޮޑެތި އަނިޔާތަކެއް ކުރީ، ބައެއް ފުލުހުންގެ ކުރިމަތީގައި ކަމަށް ބުނާއިރު، އެ ހިތްހަމަނުޖެހުން ވަރަށް ބޮޑަށް އެ މީހާގެ އާއިލާ އާއި އޭނާގެ ރަށް ވިލިނގިއްޔާއި އެހެން މީހުން ގެންދިޔައީ ފާޅުކުރަމުންނެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން ފުލުހުންގެ ބަޔާނުގައި ބުނީ، ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
"މިފަދަ މައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު ނުވަތަ ބަޔަކު އަމިއްލަ އަށް ކަންތައްތަކެއް ކުރުމުގެ ބަދަލުގައި، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ ޒިންމާ އޮންނަ ދައުލަތުގެ އިދާރާތަކަށް އަންގައިގެން، އޮންނަ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް މި ފުރުސަތުގައި ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރަމެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، ކުއްޖާ އަށް ޖިންސީ ގޯނާކުރި މީހާ އަށް ބަޔަކު އަނިޔާކުރި މައްސަލައިގެ ތެރެއިން އިތުރުން ހަމަނުޖެހުންތަކެއް އުފެދުމުން އެ ކަން ކޮންޓްރޯލް ކުރަން ޖެހުނީ މާލެ އިން ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ގެ ފުލުހުން ދިއްފުއްޓަށް ގޮސްގެންނެވެ.
ދިއްފުށީގައި ފުލުހުން ނުތިބޭތީ ފުރަތަމަ އެ ރަށަށް ފޮނުވީ ކ. ތުލުސްދޫގައި ތިބޭ ފުލުހުންގެ ޓީމެކެވެ.
ފުލުހުންގެ ބަޔާނުގައިވާ ގޮތުން ދިއްފުށީގެ ހަމަނުޖެހުމުގެ ރިޕޯޓް ލިބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރެވެ.
"މި ރިޕޯޓާ ގުޅިގެން އެ ރަށަށް ފުލުހުން ގޮސް، އެއްވެ ތިބި މީހުންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން ކ. ދިއްފުށި ސިއްހީ މަރުކަޒު ކައިރިއަށް އެއްވެ ތިބި މީހުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ފުލުހުންނަށް ތަކުރާރުކޮށް ހަމަލާދީ، ފުލުހުންގެ ސަފު ރޫޅާލައި، ކ. ދިއްފުށި ސިއްހީ މަރުކަޒުގެ ތެރެއަށް ވަދެގަނެ، އެ ތަނުގެ ތަކެއްޗަށް ގެއްލުންދީ، ސިއްހީ މަރުކަޒުން ކަރަންޓު ކަނޑާލައި، ތުހުމަތު ކުރެވޭ މީހާ އަށް ހަމަލާދީފައި ވެ އެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
އެ ހަމަނުޖެހުންތަކުގައި ފުލުހުންނަށް ހަމަލަދިން މައްސަލައިގެ ތުހުމަތުގައި އުމުރުން 22 އަހަރުގެ ޒުވާނަކު ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭނާ ފުލުހުންގެ ބަންދުގައި 10 ދުވަހަށް ބަހައްޓައިގެން ތަހުގީގު ކުރުމުގެ އަމުރު ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހާގެ ފަރުވާ އަށް ދިއްފުށިން ހުރަސް އެޅުމުން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ މާލެ ގެނެސް މިހާރު ފަރުވާދެނީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ. އޭނާ އަށް ވަރަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށް އާއިލާ އިން މިއަދު ބުންޏެވެ.
ދިއްފުށީގައި ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ އަންހެނުން ކުރިން އެ ރަށުގެ މީހަކާ ކައިވެނިކޮށް، ތިން ކުދިން ލިބިފައި ވެ އެވެ. ޖިންސީ ގޯނާގެ ތުހުމަތު ރައްދުވާ މީހާގެ ފަރާތުން ބުނާގޮތުގައި އޭނާގެ ގައިގައި ތަޅައިގަތީ އެ އާއިލާގެ މީހުން ނުކުމެ އެވެ.