ބުރު ސްޕޯޓްސްގެ ދެވަނަ މެޗުގައި ޖޭޖޭ ބަލިކޮށްފި
ބުރު ސްޕޯޓްސްގެ ދެވަނަ މެޗުގައި ޖޭޖޭ ބަލިކޮށްފި

އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާޓުގައި މިރޭ ބުރު ސްޕޯޓްސް ކުލަބުން އެންމެ ފަހުގެ ރަނަރަޕް ޖޭޖޭ ސްޕޯޓްސް ކުލަބާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބު ކޮށްފި އެވެ.

ބުރު ސްޕޯޓްސްގެ ދެވަނަ މެޗުގައި ޖޭޖޭ ބަލިކޮށްފި
ބުރު ސްޕޯޓްސްގެ ދެވަނަ މެޗުގައި ޖޭޖޭ ބަލިކޮށްފި

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނިޓުގައި، މުހައްމަދު ތަޝްމީން (ތައްތި) ނަގައިދިން ހިލޭޖެހުމެއް ބޮލުން ފޮނުވާލައިގެން ބުރު ސްޕޯޓްސް އަށް ފުރަތަމަ ލަނޑު ޖަހައިދިނީ ބްރެޒިލްގެ ޑިފެންޑަރު ބްރޫނޯ އަރާބެލް ޕަސެމާނީ އެވެ.

ފުރަތަމަ ހާފުގައި އިތުރަށް ލީޑު ފުޅާކުރަން ބުރު ސްޕޯޓްސް އިން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މި ހާފް ނިންމާލަން ޖެހުނީ އެއް ގޯލުގެ ލީޑަކާ އެކު އެވެ. ނަމަވެސް ދެވަނަ ހާފުގެ އަށްވަނަ މިނިޓުގައި ބުރު ސްޕޯޓްސްގެ ސާބިއާގެ ސްޓްރައިކަރު ސްޓެފާން ޑުރިކް ވަނީ އެޓީމަށް ލީޑު ފުޅާ ކޮށްދީފަ އެވެ. މި ލަނޑަކީ ވެސް ތައްތި ނަގައިދިން ބޯޅައަކުން ބޮލުން ޖެހި ލަނޑެކެވެ.

ބުރު ސްޕޯޓްސްގެ ތިންވަނަ ލަނޑު 68 ވަނަ މިނިޓުގައިޖަހައިދިނީ މިސްރުގެ މިޑްފީލްޑަރު އަހުމަދު މުހައްމަދު ގަބާލާ އެވެ. އޭނާ މި ލަނޑު ޖެހީ އިދިކޮޅު ހާފުގެ މެދަކާ ހަމައިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުތެރަށް ފޮނުވާލައިގެންނެވެ. ގަބާލާ މިރޭގެ މެޗުގައި ކުޅެން އެރީ އެޓީމުގެ ދެވަނަ ލަނޑަށް ފަހު، މިރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަހުމަދު ރަޝީދު (އަންމަޑޭ) ގެ ބަދަލުގަ އެވެ.

ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު، އަބްދުﷲ އަރުޝަން މިރޭގެ މެޗުގައި އިނީ ބެންޗުގަ އެވެ. ބަދަލުގައި ބުރު ސްޕޯޓްސްގެ ގޯލު ބެލެހެއްޓީ އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަނުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނު މުހައްމަދު ޖަޒްލާން (ބަބޭ) އެވެ.

މިއާ އެކު ދެވަނަ ޑިވިޝަނުގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ގުރޫޕް އޭގެ ކުރީގައި އޮތީ ދެ މެޗު ވެސް ކާމިޔާބު ކުރި ޓެންޓް ސްޕޯޓްސް ކުލަބެވެ.

މި ގުރޫޕުގައި ހިމެނޭ ބިސްބުރު ސްޕޯޓްސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބް އަދި ޖޭޖޭ ސްޕޯޓްސް އަށް ވެސް ވަނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ކެޕިޓަލް ސިޓީ އާއި ކްލަބް ޕީކޭ އަދި ކުޑަހެންވޭރު ޔުނައިޓެޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރޭ ކެންސަލް ކުރި ކްލަބް ޕީކޭ އާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރާ މެޗު، މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ކުޅޭނެ އެވެ. އަދި ގުރޫޕް ބީގައި ހިމެނޭ ވިކްޓަރީ ސްޕޯޓްސް ކުލަބާއި އެލްޓީ ސްޕޯޓްސް ކުލަބް ބައްދަލުކުރާ މެޗު މާދަމާ ރޭ ގަލޮޅު ދަނޑުގައި ކުޅޭނެ އެވެ.