18 ޖުލައި 2022 - 20:04

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ގަލޮޅު ދަނޑު ތެރެއަށް ބަޔަކު ވަދެ، މީހުންނަށް ހަމަލަދީ، އިންޒާރުދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހަކު މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިންގި އެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ. އެ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާ ކަމަށް ވިދާޅުވި އެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން 21 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއިލާއި ޝެއިހު އާދަމް ނިޝާން އަދި ޝެއިހު ފަޒްލޫން މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ.
ޝެއިހް މުހައްމަދު ފަޒްލޫނާއި އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓައިފަ އެވެ. ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށް ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ވެސް ހާއްސަ އިންކުއަރީއެއް އަންނަނީ ހިންގަމުންނެވެ.
މިދިޔަ މަހުގެ ފަހުކޮޅު ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުން ކަމަށް އެއްބަސްވާ ކަމަށެވެ.
ޝުޖާއު ވިދާޅުވީ މީގެ ކުރިން ފުލުުހުން ވާނީ އެ އަށް ވުރެ މާ ރަނގަޅަށް، މާ ޕްރޮޕެޝަނަލްކޮށް ކްރައުޑްތައް ކޮންޓްރޯލްކޮށްފައި ކަމަށާއި އެ ދުވަހު ކަންތައް ދިމާވީ އެކަން ވާންޖެހޭ ގޮތަށް ނޫން ކަމަށެވެ.
މީގެ ފަހުން އެއްވުންތައް ކޮންޓްރޯލްކުރުމުގައި އަވަހަށް އެއްވުންތައް ރޫޅާލަން ބަލާނެ ކަމަށާއި އެއްވުންތައް ރޫޅާލުމުގައި ފުލުހުން ގެންގުޅޭ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވެފައި ވެ އެވެ.