18 ޖުލައި 2022 - 19:22

ކ. ދިއްފުއްޓަށް މިދިޔަ ބޮޑު އީދު ޗުއްޓީ އަށް ދިޔަ ގއ. ވިލިނގިލީގެ ފިރިހެނަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކޮށް، އެ ރަށުގެ ބަޔަކު އޭނާ އަށް އަނިޔާކުރި މައްސަލައިގައި ފިޔަވަޅު އެޅުމަށް ގޮވާލައި ވިލިނގިލީގައި މިއަދު އެއްވުމެއް ބާއްވައިފި އެވެ.

އެ އެއްވުމުގައި ބައިވެރިވި މީހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ދިއްފުށީ ފިހާރައެއްގައި ހުއްޓައި ވިލިނގިލީ ޝިހާމް ޝަމްއޫން ގަދަކަމުން ބޭރަށް ނެރެ، އަނިޔާކުރި މީހުން ހޯދައި އެ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލައިފަ އެވެ. އަދި އޭނާ އަށް އިންސާފު ގާއިމުކޮށްދިނުމަށް ވެސް، ރަށުގެ ގިނަ ބަޔަކު ބައިވެރިވި އެއްވުމުގައި ގޮވައިލި އެވެ.
ޝިހާމަށް އަނިޔާކުރަން ފެށުމުން އެކަން ހުއްޓުވަން އުޅުނު ފުލުހުންގެ ގައިގައި ތެޅި ޒުވާނަކު ވަނީ މިއަދު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ވިލިނގިލީ މީހުންގެ ކަންބޮޑުވުމަކީ މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަ ޝިހާމަށް އަނިޔާކުރި މީހުން ނުހޯދި ދިގުލައިގެން ދިއުމެވެ.
ޝިހާމްގެ ގައިގައި ތިން ގަޑިއެއްހާއިރު ވަންދެން ތަޅައި، ބޮޑެތި އަނިޔާތަކެއް ދިން މީހުން މިހާތަނަށް ފުލުހުން ހައްޔަރެއް ނުކުރެ އެވެ. އެކަމަކު، ޝިހާމަށް ދިން ހަމަލަތައް ހުއްޓުވަން ތުލުސްދޫން ދިއްފުއްޓަށް ދިޔަ ފުލުހުންނަށް ހަމަލަދިން މީހާ ހައްޔަރު ކުރިއިރު، އެތައް ބައެއްގެ ކުރިމަތީގައި ހިންގި ޖަރީމާގެ މައްސަލައިގައި ބަޔަކު ހައްޔަރު ނުކުރުމަކީ އެތައް ބައެއްގެ ކަންބޮޑުވުމެކެވެ. އެހެންވެ، ފުލުހުންނަށް މި މައްސަލައިގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ދިއްފުށީގައި ބަރަހަނާކޮށް، އަނިޔާކުރީ ޝިހާމް، އޭނާގެ އަނބިމީހާއާއެކު އެ ރަށަށް ޗުއްޓީ އަށް ދިޔަ ދަތުރުގަ އެވެ. އޭނާގެ އަންހެނުން ދިއްފުށީ މީހަކާ ކުރިން ކުރި ކައިވެންޏަކަށް ތިން ކުދިން ލިބިފައިވެ އެވެ.
ޝިހާމްގެ އާއިލާއިން ވާހަކަދެއްކި މީހަކު މިއަދު ބުނީ ޖިންސީ ގޯނާކުރި ކަމަށް އިންކާރުކުރުމުން ވެސް ޝިހާމްގެ ގައިގައި ތަޅައި އަނިޔާކުރީ ކަމަށެވެ. އޭނާގެ ބޯ ފާރުގައި ތަޅައި ތިން ގަޑިިއިރެއްހާއިރު ވަންދެން ހުއްޓާ ނުލައި އަނިޔާކުރުމުގެ ސަބަބުން ބޮޑެތި ޒަހަމްތަކެއް ވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.
ބޯ މައްޗަށް ގަސް ޕޮޓެއް ވައްޓައިލުމުން، ސިކުނޑީގެ ދެ ތަނަކުން ނާރެއް ފަޅައިގެން ގޮސްފައިވާއިރު، ގައިގައި ތެޅުމުގެ ސަބަބުން ކަނައަތު އުޅަނބޮށި ހަރަކާތް ނުކުރާ ކަމަށް ބުންޏެވެ. އޭގެ އިތުރުން، ޖިންސީ ގޯނާ ނުކުރާ ކަމަށް ބުނުމުން، އަނގަމަތީގައި މުށްކަވާފައި ތެޅި ކަމަށް އާއިލާ އިން ބުނެ އެވެ.
"އޭގެ ސަބަބުން އަނގަތެރެ އިރައިގެން ގޮސް 16 ތަނެއް ވަނީ ފަހާފައި. ދަތެއް ވެސް ވަނީ ބިންދައިގެން ގޮސްފައި،" އާއިލާ އިން ވާހަކަ ދެއްކި ޝިހާމްގެ ކޮއްކޮއަކު ބުންޏެވެ.
ފިރިހެންމީހާ އަށް ކުރި އަނިޔާތަކުގެ ސަބަބުން އޭނާގެ މޫނު އޮތީ އެއްކޮށް ދުޅަވެފަ އެވެ. އެ ހާދިސާ ހިނގި ގޮތް އޭނާ ކިޔައިދޭ ވީޑިއޯއެއް އާންމުވެފައިވާއިރު، އެ މީހާ ބުނީ އޭނާ ފިހާރައެއްގައި ހުއްޓާ ގަދަކަމުން ބޭރަށް ނެރެ، ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުކުރީ ކަމަށެވެ. އެކަމަކު ނުކުރާ ކަމަކަށް އެއްބަސް ނުވާނެ ކަމަށް ބުނެފައިވާނެ ކަމަށާއި އެއްބަސް ނުވާ ނަމަ މަރާލާނެ ކަމަށް އެންމެ ފަހުން އެ ގުރޫޕުގެ މީހުން ބުނި ކަމަށް އޭނާ ބުންޏެވެ.
"މަރާލިޔަސް ނުކުރާ ކަމަކަށް އެއްބަސްނުވާނަމޭ ބުނީމާ އަނެއްކާ ވެސް އަނިޔާކުރަން ފެށީ،" އެ ވީޑިއޯގައި އެ ފިރިހެންމީހާ ބުނާ އަޑު އިވެ އެވެ.
އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ބުނީ ދިއްފުށީގައި ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، ފުލުހުންނާ އެކު އެ ރަށަށް ދަތުރުކޮށް ކުއްޖާގެ ބަޔާން ނަގައި ނަފްސާނީ އެހީތެރިކަން ވަނީ ދީފަ އެވެ.