18 ޖުލައި 2022 - 15:23

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭންގެ އިރުމަތީގައި ތިބި ރަޝިޔާ ސިފައިންގެ ބައެއް ޔުނިޓްތައް، ޔޫކްރޭންގެ ހުޅަނގު ސަރަހައްދަށް ދަތުރު ކުރަން ފަށައިފި އެވެ.
ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި، އިރުމަތީ މަރިއުޕޯލް ހިފުމަށް ހަނގުރާމަ ކުރި ރަޝިޔާގެ ވަރަށް ގިނަ އަދަދެއްގެ ސިފައިން އެމީހުންގެ ބަރު ހަތިޔާރުތަކާ އެކު މިހާރު މިސްރާބު ޖަހާފައިވަނީ ޔޫކްރޭންގެ ހުޅަނގު ސަރަހައްދުތަކަށެވެ. ރަޝިޔާ ސިފައިންގެ ސީދާ އަމާޒަކީ ކޮން ސަރަހައްދެއްކަން ޔަގީން ނުވިޔަސް، ޔޫކްރޭން ސިފައިން މިހާރު ވެސް ރަޝިޔާ ސިފައިންނަށް ރައްދު ހަމަލާތައް ދެމުންދާ ކަމަށް، ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން 100 އަށް ވުރެ ގިނަ އަސްކަރީ އުޅަނދުގެ މައްޗަށް އެކުލެވޭ ރަޝިޔާގެ އަސްކަރީ ގާފިލާއެއް، މަރިއުޕޯލްގެ ހުޅަނގުން ޒަޕަރޯޗިއާއާ ދިމާލަށް ދަތުރުކުރާ މަންޒަރު ވަނީ ފެނިފަ އެވެ. އަދި ބޮޑެތި ލޮރީތަކުގައި ގިނަ އަދަދެއްގެ ސިފައިންވެސް އެ މިސްރާބަށް ދަތުރުކުރާ މަންޒަރު ފެނުނެވެ.
ހުޅަނގުގެ އަސްކަރީ ތަޖުރިކާރުން ބުރަވާ ގޮތުގައި ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދު ހިފައިގެން ތިބި ރަޝިޔާ ސިފައިންނަށް، ޔޫކްރޭންގެ ތެރެއިން ދެމުންދާ ދުރު ރާސްތާގެ ހަމަލާތައް ހުއްޓުވުމަށެވެ. އެ ހަމަލާތައް އަންނަނީ، މާ ދުރުގައިވާ ސަރަހައްދުތަކުން ކަމަށްވާތީ، އެ ސަރަހައްދުތަކުގައި ހުރި، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދީފައިވާ މިސައިލް ނިޒާމުތަކާއި ރޮކެޓް ނިޒާމުތައް ހަލާކުކޮށްލުމަކީ ރަޝިޔާ ސިފައިންގެ އަމާޒެއް ކަމަށް ބެލެވެ އެވެ.
ޔުކްރޭންގެ އިރުމަތިންނާއި ދެކުނު ސަރަހައްދުން ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި މިހާރު އޮތް ސަހަރުތަކުގައި ދިރިއުޅޭ އާންމުންގެ ތެރެއިން ގިނަ ބަޔަކު ރަޝިޔާ ރައްޔިތުންނަށް ހެދުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ދާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.