18 ޖުލައި 2022 - 12:53

އިންޑިއާގެ 17 ވަނަ ރައީސްގެ މަގާމު ފުރުއްވާނެ ބޭފުޅަކު ކަނޑައެޅުމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވޯޓު ލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގަ އާއި އިންޑިއާގެ ސްޓޭޓްތަކުގެ ލެޖިސްލޭޓިވް އެސެމްބްލީތަކުގައި މިއަދު ވޯޓުލުން ފެށީ މިއަދު ހެނދުނު 10 ޖެހުމާ އެކުގަ އެވެ. ގާނޫނު ހަދާ މަޖިލީހާއި ސްޓޭޓްތަކުގެ ލެޖިސްލޭޓިވް އެސެމްބްލީތަކުގެ ގާތްގަނޑަކަށް 4500 މެންބަރުން ބައިވެރިވާ މި އިންތިހާބުގެ ވޯޓުލުން، މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ވޯޓުގެ ނަތީޖާ އިއުލާންކުރުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހެވެ.
މިހާރު މަގާމުގައި ހުންނެވި ރާމް ނާތު ކޯވިންދުގެ ފަސް އަހަރުގެ ދައުރު މިމަހުގެ 24 ވަނަ ދުވަހު ހަމަވުމާ އެކު، އަލަށް އިންތިހާބުކުރާ ރައީސް، މި މަހުގެ 25 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.
ކުރިއަށް އޮތް ދައުރުގެ ރައީސްކަމުގެ މަގާމަށް މިފަހަރު ވާދަކުރައްވަނީ ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ގުޅިފައިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގެ ކެންޑިޑޭޓް ދްރޫޕަދީ މުރްމޫ އާއި އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ޔުނައިޓެޑް އޮޕޮސިޝަންގެ ކެންޑިޑޭޓް، ކުރީގެ ޚާރިޖީ ވަޒީރު ޔަޝްވަންތު ސިންހާ އެވެ.
މި ދެ ބޭފުޅުންގެ ތެރެއިން، ކުރިއަށް އޮތް ދައުރުގައި އިންޑިއާގެ ރައީސްކަން ކުރައްވާނެ ކަމަށް ބެލެވެނީ އެންޑީއޭގެ ކެންޑިޑޭޓް ދްރޫޕަދީ މުރްމޫ އެވެ. އޭނާ އަށް މިއަދުގެ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، އޭނާ ވެގެންދާނީ، އިންޑިއާގެ ދެ ވަނަ އަންހެން ރައީސަށެވެ. އިންޑިއާގެ ފުރަތަމަ އަންހެން ރައީސަކީ، ޖުލައި 25، 2007 ން ޖުލައި 25، 2012 އަށް އެ މަގާމު ފުރުއްވި ޕްރަތީބާ ޕާޓީލް އެވެ.
ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ވަރަށް ގިނަ މެމްބަރުންގެ ތާއީދު ދްރޫޕަދީ މުރްމޫ އަށް އޮތުމުން، މިއަދުގެ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތަކުން އޭނާ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެ އެވެ.
މިއަދުގެ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޔަޝްވަންތު ވިދާޅުވި ގޮތުގައި އޭނާ މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވަނީ ސިޔާސީ ވާދަކުރުމެއްގެ ގޮތުން އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ވާދަކުރައްވަނީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކާ ދެކޮޅަށް ކަމަށްވެސް ޔަޝްވަންތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް މިއަދު މާ ބޮޑަށް ބާރުގަދަވެފައިވާ ކަމަށެވެ. އަދި، އެ މުއައްސަސާތަކުން ބުނާ ގޮތަކަށް ވޯޓު ދިނުމަށް ރައްޔިތުންނަށް މަޖުބޫރުކޮށް، ސިޔާސީ ޕާޓީތައް ވެސް ބައިބައިކުރަމުން އަންނަ ކަމަށާއި، އެ ކަން ކުރަމުން ދަނީ ފައިސާގެ ދަޅަ ދައްކައިގެން ކުޅޭ ސިޔާސީ ކުޅިގަނޑެއްގެ ގޮތުގައި ކަމަށް ވެސް ޔަޝްވަންތު ވިދާޅުވި އެވެ.
"މިއީ ވަރަށް މުހިންމު އިންތިޚާބެއް. މި އިންތިޚާބުން ގައުމުގެ ޑިމޮކްރެސީ އަށް މަގު ކޮށައިދޭނެ، އަދި ޑިމޮކްރެސީ ދެމިއޮންނާނެކަން ނުވަތަ ނެތިދާނެކަން ވެސް މި އިންތިޚާބުން ކަނޑައަޅައިދޭނެ. މި އިންތިޚާބުގައި ވޯޓުލާ ކޮންމެ މީހަކު އެމީހެއްގެ ހިތުގެ އަޑު އެހުމަށް ގޮވައިލަން. މިއީ ސިއްރު ވޯޓެއް. ވޯޓު ލާ ކޮންމެ މީހަކު ވެސް އެމީހެއްގެ ހައްގު ބޭނުންކޮށް، ގައުމުގެ ޑިމޮކްރެސީ ހިމާޔަތްކުރުމަށްޓަކައި އަހަރެން އިންތިޚާބުކޮށްދޭނެ ކަމަށް އުންމީދު ކުރަން،" ޔަޝްވަންތު ވިދާޅުވި އެވެ.