18 ޖުލައި 2022 - 12:54

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ރޭ ބޭއްވި ރަންޔޫބިލް އެވޯޑުގައި ދިރާގަށް "50 އިޔާޒް އޮފް ޓުއަރިޒަމް" އެވޯޑު ދީފިއެވެ.
އެ އެވޯޑަކީ ރާއްޖޭގެ ޓެލެކޮމިޔުނިކޭޝަން ދާއިރާ ފުޅާކޮށް، އެ ސިނާއަތުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ތަރައްގީ ކުރުމަށް ދިރާގުން ކުރި މަސައްކަތްތަކުގެ ސަބަބުން ޓޫރިޒަމަށް އައިސްފައިވާ ކުރިއެރުން ފާހަގަކޮށް ދިރާގަށް ދިން އެވޯޑެކެވެ. އެ އެވޯޑާ ދިރާގުގެ ފަރާތުން ހަވާލުވެވަޑައިގަތީ ދިރާގުގެ ސީއީއޯ އަދި އެމްޑީގެ އިސްމާއިލް ރަޝީދެވެ.
އެ އެވޯޑާ ގުޅިގެން އިސްމާއިލް ރަޝީދު ވިދާޅުވީ، ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން ކޮށްފައިވާ މަސައްކަތް މަޓީ ފަދަ ޖައްމިއްޔާއަކުން ފާހަގަ ކުރުމަކީ އެ ކުންފުންްޏަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ޓެލެކޮމިޔުނިކޭޝަންގެ ދާއިރާ އިން ގައުމު ކުރިއެރުވޭނެ މަގުތައް ފަހި ކުރުން ކަމަށް ވިދާޅުވި އެވެ.
އެގޮތުން އެ ކުންފުނިން އަބަދުވެސް ވަނީ ޓުއަރިޒަމް ދާއިރާ އާ ގާތުން މަސައްކަތް ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުގެ އަމާޒަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ފައި ހަމަކުރުން ކަމަށެވެ. އެގޮތުން ދާދިފަހުން 5ޖީގެ ހިދުމަތް ތައާރަފްކޮށްފައިވާ ކަން ފާހަގަ ކުރައްވައި، އެއީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމެއް ކަން ފާހަގަ ކުރެއްވި އެވެ.
މަޓީ އިން ބޭއްވި "50 އިޔާޒް އޮފް ޓުއަރިޒަމް އެވޯޑު" ބާއްވާފައި ވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ. އެ ހަފްލާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެ ރަސްމިއްޔާތް ޝަރަފްވެރި ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.