ދިއްފުށީގެ ހަމަނުޖެހުމުގައި ފުލުހުންނަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި
ދިއްފުށީގެ ހަމަނުޖެހުމުގައި ފުލުހުންނަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

ކ. ދިއްފުއްޓަށް އީދު ޗުއްޓީ އަށް ދިޔަ ފިރިހެނަކަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، އެ ރަށުގެ ބަޔަކު އެ މީހާ އަށް އަނިޔާކުރަން ފެށުމުން އެކަން ހުއްޓުވަން އުޅުނު ފުލުހުންގެ ގައިގައި ތެޅި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ދިއްފުށީގައި ބަރަހަނާކޮށް، އަނިޔާކުރީ އަނބިމީހާއާއެކު ޗުއްޓީ އަށް އެ ރަށަށް ދިޔަ ގއ. ވިލިނގިލީގެ މީހަކަށެވެ. އެ މީހާގެ އަންހެނުން ދިއްފުށީގެ މީހަކާ ކުރިން އިނދެ، ތިން ކުއްޖަކު ލިބިފައިވާ ކަމަށް ވެސް އެވެ.

އެނގިފައިވާ ގޮތުގައި، އަންހެންމީހާގެ ކުރީގެ ފިރިމީހާގެ އާއިލާގެ ބަޔަކު ނުކުމެ، ވިލިނގިލީގެ މީހާ އަށް އަނިޔާކުރީ އެ އިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އެވެ. އެކަމަކު އެ ކަމަށް އެ މީހާ އިންކާރުކުރުމުން ވެސް ތަޅައި އަނިޔާ ކުރަމުން ދިޔައީ އެވެ. އެ މީހާގެ ބޯ ފާރުގައި ތަޅައި ތިން ގަޑިިއިރެއްހާއިރު ވަންދެން ހުއްޓާ ނުލައި އަނިޔާކުރުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ވެ އެވެ.

އެ ފިރިހެންމީހާގެ ކޮއްކޮއަކު ބުނީ، އޭނާގެ ބޭބެގެ ބޯ މައްޗަށް ގަސް ޕޮޓެއް ވައްޓައިލުމުން، ސިކުނޑީގެ ދެ ތަނަކުން ނާރެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ގައިގައި ތެޅުމުގެ ސަބަބުން ކަނައަތު އުޅަނބޮށި ހަރަކާތް ނުކުރާ ކަމަށް ބުންޏެވެ. އޭގެ އިތުރުން، ޖިންސީ ގޯނާ ނުކުރާ ކަމަށް ބުނުމުން، އަނގަމަތީގައި މުށްކަވާފައި ތެޅި ކަމަށް އާއިލާ އިން ބުނެ އެވެ.

"އޭގެ ސަބަބުން އަނގަތެރެ އިރައިގެން ގޮސް 16 ތަނެއް ވަނީ ފަހާފައި. ދަތެއް ވެސް ވަނީ ބިންދައިގެން ގޮސްފައި،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ މީހާ މިހާރު އޮތީ އައިސީޔޫގައި ކަމަށް އާއިލާ އިން ބުންޏެވެ.

ދިއްފުއްޓަކީ ފުލުހުން ތިބޭ ރަށަކަށް ނުވާތީ، އެ އަނިޔާކުރިކުރުން ރަށުގެ ކައުންސިލަށް ކޮންޓްރޯ ނުކުރެވުމުން، ތުލުސްދޫގައި ތިބޭ ފުލުހުންގެ އެހީތެރިކަމަށް އެދުނެވެ. އެކަމަކު، ފުލުހުން ދިޔަ ފަހުން ފިރިހެންމީހާ ބަރަހަނާކޮށް އިތުރަށް އެތައް އަނިޔާއެއް، އެ ތަނަށް އެއްވި މީހުން ދިން ކަމަށް ވެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އެކަމަކު އެ ދުވަހުގެ ހަމަނުޖެހުމުގެ ތެރެއިން ފުލުހެއްގެ ގައިގައި ތެޅި 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެެވެ.

އެ މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފިރިހެންމީހާ އަށް ކުރި އަނިޔާތަކުގެ ސަބަބުން އޭނާގެ މޫނު އޮތީ އެއްކޮށް ދުޅަވެފަ އެވެ. އެ ހާދިސާ ހިނގި ގޮތް އޭނާ ކިޔައިދޭ ވީޑިއޯއެއް އާންމުވެފައިވާއިރު، އެ މީހާ ބުނީ އޭނާ ފިހާރައެއްގައި ހުއްޓާ ގަދަކަމުން ބޭރަށް ނެރެ، ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުކުރީ ކަމަށެވެ. އެކަމަކު ނުކުރާ ކަމަކަށް އެއްބަސް ނުވާނެ ކަމަށް ބުނެފައިވާނެ ކަމަށާއި އެއްބަސް ނުވާ ނަމަ މަރާލާނެ ކަމަށް އެންމެ ފަހުން އެ ގުރޫޕުގެ މީހުން ބުނި ކަމަށް އޭނާ ބުންޏެވެ.

"މަރާލިޔަސް ނުކުރާ ކަމަކަށް އެއްބަސްނުވާނަމޭ ބުނީމާ އަނެއްކާ ވެސް އަނިޔާކުރަން ފެށީ،" އެ ވީޑިއޯގައި އެ ފިރިހެންމީހާ ބުނާ އަޑު އިވެ އެވެ.

އެ މީހާ އަށް ލިބުނު އަނިޔާތަކާ ގުޅިގެން ދިއްފުށީ ހެލްތު ސެންޓަރަށް އޭނާ އަށް ފަރުވާދޭން ވެއްދުމަށް ވެސް މަސައްކަތް ކުރި އެވެ. އެކަމަކު އެ ސަރަހައްދަށް އެއްވެފައި އޮތް މީހުން އެކަމަށް ހުރަސް އެޅި އެވެ.

އެންމެ ފަހުން އެރޭ އޭނާ މާލެ ގެނެސް ފަރުވާދެމުން އަންނައިރު އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމަށް ވެ އެވެ.

އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ބުނީ މި މަހުގެ 14 ވަނަ ދުވަހު އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ރިޕޯޓްކުރުމާ އެކު ފުލުހުންނާ އެކު އެ ރަށަށް ދަތުރުކޮށް، ކުއްޖާގެ ބަޔާން ނެގުމުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި ކުއްޖާ އަށް ސައިކޮލޮޖިކަލް ސަޕޯޓް ދީފައިވާ ކަމަށް ވެސް ބުންޏެވެ.