ޖިރޯގެ އާދަޔާހިލާފު ގޯލުން ވެންގާ ވެސް ހައިރާންކޮށްލައިފި
ޖިރޯގެ އާދަޔާހިލާފު ގޯލުން ވެންގާ ވެސް ހައިރާންކޮށްލައިފި

ލަންޑަން (ޖެނުއަރީ 2) – ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 2-0 އިން އާސެނަލް މޮޅުވި މެޗުގައި ފޯވާޑް އޮލިވާ ޖިރޯ ޖެހި އާދާޔާހިލާފު ގޯލަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ވަރަށް ބޮޑަށް ތައުރީފްކޮށްފި އެވެ.

މެޗުގެ 16 ވަނަ މިނެޓުގައި އާސެނަލަށް ޖިރޯ ލީޑު ނަގައިދިނީ "ސްކޯޕިއަން ސްޓައިލް" ގޯލަކުންނެވެ. އޭރިއާ ކަނާ ދިމާލުން އެލެކްސިސް ސަންޗޭޒް ނެގި ހުރަސް ބޮލުން ޖަހަން ޖިރޯ އެރި ނަމަވެސް އެ ބޯޅަ އައީ އޭނާ އަށް އެ ވަގުތު އަރާ ހުރި ހިސާބަށް ވުރެ ކުޑަކޮށް ފަހަތަށެވެ. އެހެންވެ ގުދުވެލުމަށް ފަހު ޖިރޯ ވާތު ފަހަތަށް ނެރެ، ފައިގެ ފުންނާބުން އެ ބޯޅަ ގޯލުގެ މަތީ ކަނަށް އޮއްސާލި އެވެ. މި ގޯލް ޖެހި ފުރުސަތު އާސެނަލުން ތަނަވަސްކުރީ ޕެލަސްގެ ކައުންޓާ އެޓޭކެއް ހުއްޓުވުމަށް ފަހު އެވެ.

"ވަރަށް ރަނގަޅު ސްޕީޑެއްގައި އަހަރެމެން އުފެއްދި ކައުންޓާ އެޓޭކެއް އެއީ. އެ ބޯޅަ ހުރަސްވެގެން ދިޔައީ އޭނާގެ ފަހަތަށް. އެކަމަކު ގެނައި މޮޅު ހަރަކާތަކުން ބޯޅަ އަށް މަސައްކަތްކޮށް ބޯޅަ ގޯލަށް ވައްދާލީ، ފުޓްބޯޅަ ދަންނަ އެންމެން ހައިރާންކޮށްލުމަށް ފަހު. މިއީ ފުޓްބޯޅަ މިހާ މޮޅު ކުޅިވަރަކަށްވާ ސަބަބަކީ،" ވެންގާ ބުންޏެވެ.

ވެންގާ ބުނީ ގޯލްކުރިމައްޗަށް ހުރަސްކުރާ ބޯޅަތަކަށް ޖިރޯ ވަރަށް ރަނގަޅަށް މަސައްކަތްކުރާ ކަމަށާއި އެކަމަކު މިފަދަ ގޯލެއް ދުވަހަކު ވެސް އޭނާ ޖެހިތަން ނުދެކޭ ކަމަށެވެ. އަދި އާސެނަލްގެ ކޯޗުކަމުގެ ހޭދަކުރި 21 އަހަރުގެ ތެރޭގައި ފެނުނު އެންމެ މޮޅު ފަސް ގޯލުގެ ތެރޭގައި މި ގޯލް ހިމެނޭނެ ކަމަށް ވެންގާ ބުންޏެވެ. މި ލިސްޓުގައި އާސެނަލްގެ ދެ ލެޖެންޑުން ކަމަށްވާ ތިއެރީ އޮންރީ އާއި ޑެނިސް ބާގްކެމްޕުގެ ލަނޑުތައް ހިމެނެ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 17 ވަނަ މިނެޓުގައި ޖިރޯ ޖެހި ލަނޑަށް ފަހު އާސެނަލްގެ ދެ ވަނަ ލަނޑު 56 ވަނަ މިނެޓުގައި ޖެހީ އަލެކްސް އިވޯބީ އެވެ. މި މޮޅާ އެކު 40 ޕޮއިންޓާ އެކު އާސެނަލް ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އަދި ކުރިން ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އޮތީ 39 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ހަތަރު ވަނަ ލިބެނީ 39 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ތާވަލުގެ އެއް ވަނައިގައި 49 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު ދެ ވަނައިގައި 43 ޕޮއިންޓާ އެކު އޮތީ ލިވަޕޫލެވެ.

ވެންގާ ބުނީ ރޭގެ މެޗުގައި އޭނާގެ ޓީމުގެ އަތުގައި ކޮންޓްރޯލް އޮތް ކަމަށާއި އެކަމަކު ދެ ވަނަ ހާފުގައި ކުޑަކޮށް އުނދަގޫވި ކަމަށެވެ. ތާވަލާ ބެހޭގޮތުން ވެންގާ ބުނީ މިވަގުތަށް އޮތީ، މެޗުތަކުން މޮޅުވެ އެހެން ޓީމުތަކުގެ އަތުން ޕޮއިންޓް ގެއްލޭތޯ އުއްމީދުކޮށްގެން ތިބުން ކަމަށެވެ.