18 ޖުލައި 2022 - 07:23

ލޮސް އެންޖެލެސް، އެމެރިކާ (ޖުލައި 18) - ސެނެގާލްގެ ޑިފެންޑަރު ކަލިދޫ ކުލިބަލީ އަކީ އުމުރުން ދޮށީ ކުޅުންތެރިއަކަސް، ޗެލްސީގެ ޑިފެންސް ލީޑް ކުރެވިދާނެ ފެންވަރު އޭނާގެ ކިބައިގައި އެބަހުރި ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އިޓަލީގެ ނަޕޯލީ އަށް ކުޅެމުން އައި އުމުރުން 30 އަހަރުގެ ޑިފެންޑަރު ކުލިބަލީ ޗެލްސީ އަށް ގެންދިޔައީ 35 މިލިއަން ޕައުންޑަށް، ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއީ ޕްރިމިއާ ލީގުގެ ކްލަބަކުން 30 އަހަރުން މަތީގެ ކުޅުންތެރިއަކަށް މިހާތަނަށް ހުށަހެޅި އެންމެ މަތީ ފީ އެވެ. އެކަމަކު ޓުޗެލް ބުނީ، ކުރިއަށް އޮތް އަހަރުތަކުގައި ކުލިބަލީ އަކީ ވެސް އެންމެ މަތީ ފެންވަރުގައި ކުޅޭނެ ކުޅުންތެރިއަކު ކަމަށެވެ.
"އެއީ އަހަރެމެން ގަބޫލުކުރާ ގޮތަކީ. އެއީ އޭނާ [ކުލިބަލީ] މި ތަނަށް ކުރަން އައި ކަމަކީ. އޭނާ ނަޕޯލީ ދޫކޮށްލާނެ ކަމަށް އަބަދުވެސް އަޑުތައް ފެތުރިފައި އޮތީ. އެކަމަކު އަބަދުވެސް އޭނާ ހޯދުން ވީ ވަރަށް އުނދަގޫ ކަމަކަށް. އެއީ އޭނާއަކީ ޓީމަށް މުހިއްމު ކުޅުންތެރިއަކަށް ވާތީ،" ޕްރީ ސީޒަން ޓުއާގެ ފުރަތަމަ މެޗުގައި ކްލަބް އެމެރިކާ އަތުން 2-1 އިން މޮޅުވި މެޗަށް ފަހު ޓުޗެލް ބުންޏެވެ.
"ކުލިބަލީ މި ޗެލެންޖް [ޕްރިމިއާ ލީގަށް އަންނަން] ނެގުމުން ވަރަށް ހިތްހަމަޖެހޭ، އަދި ތިއާގޯ ސިލްވާ ވެސް އެބަހުރި ޓީމުގައި. އޭނާ އަކީ އުމުރުން މާ ދޮށީ ކުޅުންތެރިއެއް. އެކަމަކު އޭނާއަކީ ވަރަށް ތަޖުރިބާކާރު އަދި މިހާރު ވެސް ކުޅެމުން އެ ދަނީ އެންމެ ޓޮޕް ލެވެލްގައި. އަހަރެމެން އުންމީދު ކުރަން ކުލިބަލީ ވެސް ހަމަ އެހެން ގިނަ އަހަރުތަކެއް އެންމެ މަތީ ލެވެލްގައި ކުޅޭނެ ކަމަށް."
ޗެލްސީގެ ސެނެގާލް ގޯލްކީޕަރު އެޑުއާޑް މެންޑީއާއެކު ގައުމީ ޓީމަށް ކުޅުމުގެ އިތުރުން، ޖޯޖީނިއޯ ވެސް ވަނީ އޭނާ ނަޕޯލީ އަށް ކުޅުނު ދުވަސްވަރު ކުލިބަލީއާއެކު ކުޅެފަ އެވެ.
ޗެލްސީން ވަނީ މެންޗެސްޓާ ސިޓީ އަށް ކުޅުނު އިނގިރޭސި ވިންގާ ރަހީމް ސްޓާލިންގެ ސޮއި ވެސް 50 މިލިއަން ޕައުންޑުގެ އަގަކަށް ހޯދައިފަ އެވެ. އަދި ޗެލްސީން އަންނަނީ ޕީއެސްޖީގެ ޕްރެސްނެލް ކިމްޕެމްބޭ އާއި ސެވިއްޔާގެ ޔޫލުސް ކޫންޑޭ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޗެލްސީގެ ލޯނުގައި މިދިޔަ ސީޒަނުގައި ތިބި ކުޅުންތެރިން ވެސް ޕްރީ ސީޒަން ޓީމުގައި ހިމެނިގެން އަންނަނީ ކުޅެމުންނެވެ. އޭގެ ތެރެއިން ވެސް މިދިޔަ ސީޒަނުގައި ކްރިސްޓަލް ޕެލަސް އަށް ކުޅުނު މިޑްފީލްޑަރު ކޮނޯ ގަލަގާ އަށް ޓުޗެލް ވަނީ ތައުރީފު ކޮށްފަ އެވެ.
"ކޮނޯ [ގަލަގާ] ފަރިތަކުރުންތަކުގައި އެންމެ މަތީ ލެވެލްގައި މަސައްކަތް ކުރާނެ އަބަދުވެސް އޭނާ [މިދިޔަ ސީޒަނުގައި] ލޯނަށް ދޫކޮށްލުމަކީ ރަނގަޅަށް ކުރެވުނު ކަމެއް ކަން ފެންނާނެ. ކްރިސްޓަލް ޕެލަސްގައި އޭނާގެ ކުރިމަގަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފި،" ޗެލްސީގެ އެކަޑަމީން ތަމްރީނު ވެގެން އައިސް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ މިޑްފީލްޑަރާ ބެހޭ ގޮތުން ޓުޗެލް ބުންޏެވެ.
"އޭގެ ނަތީޖާއެއްގެ ގޮތުން އެއީ މިހާރު އިނގިރޭސި ގައުމީ ޓީމުގެ ކުޅުންތެރިއެއް."
ޓުޗެލް ބުނިގޮތުގައި، މިއަދުގެ މެޗުގައި ވެސް ކޮނޯގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނުނެވެ.
"މިހާރު އޭނާ އަށް ޖެހޭނީ އަހަރެމެން ކުޅޭ ގޭމުގެ އުސޫލުތަކަށް ހޭނެން. އޭނާގެ މަސައްކަތުގެ ރޭޓް ވެސް ހަމަ އެހާ ރަނގަޅު. އޭނާއަކީ އަހަރެމެންނަށް މުހިއްމު އެސެޓަކަށް ވާނެ،" ޓުޗެލް ބުންޏެވެ.