17 ޖުލައި 2022 - 18:26

ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހު ރާއްޖޭގެ އުތުރާއި މެދު ތެރެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ އަންނަ އަންގާރަ ދުވަހު ތަންކޮޅެއް މޫސުން ރަނގަޅުވިޔަސް ބުރާސްފަތި ދުވަހު އަނެއްކާ ވެސް މޫސުން ގޯސްވާނެ ކަމަށެވެ. އަދި މޫސުން އެއްކޮށް ރަނގަޅުވާނީ އަންނަ ހަފްތާގެ ހުކުރު ދުވަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މޫސުން ގޯސްވެފައި ވަނީ އީކުއޭޓާގެ ހުޅަނގު ދެކުނުގައި ސާކިއުލޭޝަނެއް އުފެދި ހުޅަނގާއި ހުޅަނގު ދެކުނު އަތޮޅުތަކާ ދިމާލަށް ވިލާތައް ކައިރިވަމުންދާތީ އެވެ. އޭގެ ސަބަބުން ވާރޭވެހުމުގެ ކުރިން އަންނަ ވިލާގަނޑުގައި ވަރަށް ވައިބާރުވާނެ ކަމަށާއި ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ވިލާގަނޑުގައި ކަނޑުތައް ވެސް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.
މިިދިޔަ ދެތިން ދުވަހު މާލޭ ސަރަހައްދަށް ވަރަށް މޫސުން ރީތިކޮށް އޮތް ނަމަވެސް ރެއިން ފެށިގެން މި ސަރަހައްދަށް ވެސް ވަނީ މޫސުން ގޯސްވެފަ އެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދަށް މިވަގުތު ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ ހަވީރު 4:35 އިން ފެށިގެން ރޭގަނޑު 8:45 އަކާ ހަމައަށް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، 19 މޭލާއި 24 މޭލަށް ވައިގަދަވާނެ ކަމަށް އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.
މ. އަތޮޅުން ފެށިގެން އައްޑޫ އަށް ވެސް އޮތީ ހުދު އެލާޓް ނެރެފަ އެވެ. ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.
ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ވެސް ކަނޑު ގަދަވާނެ އެވެ.
އެލާޓް ނެރެފައިވާ ވަގުތު ދަތުރުކުރާ ނަމަ، ބައެއް ހާލަތްތަކުގައި ލައިފް ޖެކެޓް އެޅުން ލާޒިމްކޮށް ބައެއް އުޅަނދުތައް ދުއްވުން މަނާކުރެ އެވެ.
މިދިޔަ އޮކްޓޫބަރުގައި ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓްކުރި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގައިވާ ގޮތުން ރީނދޫ އާއި އޮރެންޖް އަދި ރަތް އެލާޓް ނެރެފައިވަނިކޮށް 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ ވެސް މަނާ ކަމެކެވެ.