ރަން މެޑައްޔާއި ތިން ބްރޯންޒާ އެކު ދީމާ އަށް ތައިލެންޑްގައި ވެސް ކާމިޔާބު
ރަން މެޑައްޔާއި ތިން ބްރޯންޒާ އެކު ދީމާ އަށް ތައިލެންޑްގައި ވެސް ކާމިޔާބު

އެއް ރަން މެޑައްޔާއި، ބްރޯންޒް ތިން މެޑައްޔާ އެކު، ރާއްޖޭގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ، އޯލް ތައިލެންޑްގެ ޓޭބަލް ޓެނިސް މުބާރާތް ކާމިޔާބު ކަމާއެކު ނިންމައިލައިފި އެވެ.

ދީމާ އާއި އޭނާގެ ޑަބަލްސް ޕާޓްނަރު ޕެއާ ވަނީ އިއްޔެ އޯލް ތައިލެންޑް މުބާރާތުގެ 19 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. މިއަދު ފުލުފުލުގައި ސެމީ ފައިނަލް ތިން މެޗު ކުޅެ ދީމާ ވަނީ ތިން އިވެންޓުން ވެސް ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

ތައިލެންޑްގައި ޓްރޭނިން ހަދަމުން އަންނަ ދީމާ ވަނީ މުބާރާތުގެ ޑަބަލްސް ދެ ކެޓަގަރީ އަކުން މެޑަލް ހޯދައިފަ އެވެ. އަދި ސިންގަލްސް ދެ ކެޓަގަރީން ވެސް ދެ މެޑަލް ހޯދައި ޖުމުލަ 4 ކެޓަގަރީން މެޑަލް ހޯދައިފަ އެވެ.

ޖެނުއަރީ މަހު ބޭއްވި އޯލް ތައިލެންޑް މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ވެސް ދީމާގެ ޕެއާ ހޯދި އެވެ. އެރު ކުޅުނު މުބާރާތުގެ އަންހެން ސިންގަލްސްގެ 17 އަހަރުން ދަށުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރު ކުރި އެވެ. އެކަމަކު މިފަހަރުގެ މުބާރާތުގައި ދީމާ ވަނީ އެ ކެޓަގަރީން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

- ޑަބަލްސް ކެޓަގަރީ 19 އަހަރުން ދަށް: ރަން މެޑަލް

- ޑަބަލްސް 15 އަހަރުން ދަށް: ބްރޯންޒް މެޑަލް

- ސިންގަލްސް 15 އަހަރުން ދަށް: ބްރޯންޒް މެޑަލް

- ސިންގަލްސް 17 އަހަރުން ދަށް: ބްރޯންޒް މެޑަލް

މެއި މަހު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ޖޫނިއާ އަދި ކެޑޭޓް ޗެމްޕިއަންޝިޕްގެ ކެޑޭޓް ބައިން ރިހި މެޑަލް ހޯދި ދީމާގެ ޓްރޭނިންތައް ކުރިއަށް ގެންދަނީ މި މަހު ފަށާ ކޮމަންވެލްތު ގޭމްސްގައި ވާދަ ކުރުމަށެވެ.

ރާއްޖޭގެ ގައުމީ އަންހެން ޓީމު ވަނީ ކޮމަންވެލްތު ގޭމްސް އަށް ކޮލިފައި ވެފަ އެވެ. އެ ޓީމުގެ އެހެން ކުޅުންތެރިން ވަނީ، ކްރޮއޭޝިއާ އަށް ދަތުރުކޮށް އެ ގައުމުގައި 10 ދުވަހުގެ ޓްރޭނިން ކޭމްޕެއް، ކޮރޮއޭޝިއާގެ ޒުވާން ގައުމީ ޓީމާއެކު ފުރިހަމަ ކޮށްފަ އެވެ.

މިދިޔަ އަހަރަކީ، ދީމާގެ ކެރިއާގައި ހާއްސަ އަހަރެކެވެ. ޑިސެމްބަރު މަހު ޕޯޗްގަލްގައި ބޭއްވި ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ މިކްސް ޑަބަލްސް ބައިގައި ޗެކް ރިޕަބްލިކްގެ މާޓިން ސިޕްއާ އެކު ކުޅެ ދީމާ ވަނީ މެޗުން މޮޅުވެފަ އެވެ.އޮސްޓްރޭލިއާގެ ނީ ޗުލޯންގް އާއި ސައިހޯޖިއޯސް ކޮންސްޓަންޓީނާގެ ޕެއާ ބަލިކޮށް ދީމާ އާއި ސިޕް މެޗު ކާމިޔާބު ކުރުމުން، ދީމާ ވެފައިވަނީ ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕް މެޗެއް ކާމިޔާބު ކުރި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ރާއްޖޭގެ ގައުމީ ޓީޓީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދި ދީމާ އަކީ 15 އަހަރުން ދަށުގެ އަންހެން ރޭންކިންގައި ދުނިޔޭގެ ގަދަ 20 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. މިދިޔަ އަހަރު. އޭޕްރީލް މަހު ރޭންކިންގެ، އަށް ވަނަ އަށް ވެސް ދީމާ ޖެހިލި އެވެ.

އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދި ދީމާ ވަނީ ނޮވެމްބަރު މަހު އޮމާންގެ މަސްކަޓްގައި ބޭއްވި ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ މުބާރާތުގެ ކުއާޓާއާ ހަމައަށް އޭނާ ދަތުރުކުރީ ޕާކިސްތާނާއި އުޒްބެކިސްތާންގެ ކުޅުންތެރިން ބަލި ކުރުމަށް ފަހު އެވެ.