ރަންބީރާއި އާލިއާގެ ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ ނެރެފި
ރަންބީރާއި އާލިއާގެ ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ ނެރެފި

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކުގައި ފެންނަ ފުރަތަމަ ފިލްމު "ބްރަހްމަސްތުރާ" ގެ ފުރަތަމަ ލަވަ ނެރެފި އެވެ.

އެ ފިލްމު ކުޅުމުގެ ތެރެއިން ރަންބީރާއި އާލިއާ ވަނީ ލޯބީގެ ގޮތުން ގުޅި، މިދިޔަ އޭޕްރީލް މަހު ކައިވެނިކޮށްފަ އެވެ. އެ މީހުންގެ ކައިވެންޏާ ދިމާކޮށް، ސަޕޯޓަރުންނަށް ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލީ ފުރަތަމަ ލަވައިގެ ޓީޒާ އެކެވެ.

އޭގެ ގާތްގަނޑަކަށް ތިން މަސް ފަހުން ފިލްމު އުފެއްދުންތެރިން މިހާރު ވަނީ "ކޭސަރިޔާ" ލަވަ ރިލީޒްކޮށްފަ އެވެ. ގާތްގަނޑަކަށް ތިން މިނިޓްގެ އެ ލަވަ ރިލީޒް ކުރިތާ ދެތިން ގަޑިއިރުގެ ތެރޭގައި 2.6 މިލިއަން ވިއުސް ލަވައަށް ލިބިފައިވާއިރު، ސަޕޯޓަރުންނަށް ވަރަށް ބޮޑަށް އާލިއާ އާއި ރަންބީރުގެ ކެމިސްޓްރީ ކަމުގޮސްގެން އެ އަންނަނީ އެ ވާހަކަ ދައްކަމުންނެވެ. އަދި ލަވަ ވެސް ރީތިކަމަށާއި ލަވަ ކިޔާފައިވާ ގޮތް ވެސް ވަރަށް ރީތި ކަމުގެ ޕޮޒިިޓިވް ކޮމެންޓްތައް އެ ލަވަ އަށް ލިބިފައިވެ އެވެ.

އަމީތާބު ބަޓަޗަރްޔާ ލިރިކްސް ލިޔެފައިވާ އެ ލަވައިގެ މިއުޒިކް ކޮމްޕޯސްކުރީ ޕްރިތަމް އެވެ. ލަވަ ކިޔާފައި ވަނީ ބޮލީވުޑްގައި މަގްބޫލު އަދި އެ އަޑުގެ ޖާދޫގައި ގިނަ ބަޔަކު ޖެހިފައިވާ އަރްޖިތު ސިންގް އެވެ.

އެ ލަވަ އަށް ފަހު ގިނަ ބަޔަކު ބުނަނީ މިއީ މި އަހަރު ނެރުނު އެންމެ ހިތްގައިމު ލޯބީގެ ލަވަ ކަމަށެވެ.

އަޔާން މުކަރުޖީ ޑައިރެކްޓްކުރާ އެ ފިލްމަކީ ފަސް އަހަރުގެ މަސައްކަތެކެވެ. ފިލްމު އަންނަ ސެޕްޓެމްބަރު 9 ގައި ރިލީޒްކުރާއިރު އެ ފިލްމަކީ ބޮޑު ބަޖެޓަކާ އެކު ކުރި ބޮޑު މަސައްކަތެކެވެ.