17 ޖުލައި 2022 - 14:22

ރާއްޖޭގެ އެންމެ ފުރަތަމަ ބްރޯޑްކާސްޓްކުރުމުގެ އެވޯޑު، "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" އަށް ގިނަ ޗެނަލްތަކަކުން ހުށަހަޅައިފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބާއްވާ އެވޯޑުގައި ހިމެނެނީ ތިން އެވޯޑް ކެޓަގަރީ އެކެވެ. އެއީ އިންޑަސްޓްރީ، ޖާނަލިޒަމް އަދި ޕްރޮޑަކްޝަން އެވޯޑް ކެޓަގަރީ އެވެ. ޕްރޮޑަކްޝަން އެވޯޑް ކެޓަގަރީގެ ބައެއް އެވޯޑްތަކަކީ ޗެނަލްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ އެވޯޑުތަކަކެވެ. އަމިއްލަ ފަރާތްތަކުން ހުށަހަޅާ އެންޓްރީތަކަކީ ވެސް ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރަކު މެދުވެރިކޮށް ދުރަށް ފޮނުވާފައިވާ ކޮންޓެންޓަކަށް ވާން ޖެހޭނެ އެވެ.
މި އެވޯޑުގެ އިންޑަސްޓްރީ އެވޯޑު ކެޓަގަރީގައި ހިމެނޭ ޗެނަލް އޮފް ދަ އިޔާ އާއި މޯސްޓް އިނޮވޭޓިވް ޗެނަލް އޮފް ދަ އިޔާ އަށް އެންޓްރީ ހުށަހަޅާފައި ވެއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގެ ޖާނަލިޒަމް އެވޯޑް ކެޓަގަރީގައި ހިމެނެނީ ފަސް އެވޯޑެކެވެ. އެއީ؛
1. ބެސްޓް ޕްރޮގްރާމް ޕްރެޒެންޓާ
2. ނިއުސްއެންކާ އޮފް ދަ އިޔާ
3. ބެސްޓް ކެމެރާ ޕާސަން
4. އެމާޖިން ޖާނަލިސްޓް
5. ޖާނަލިސްޓް އޮފް ދަ އިޔާ
މި ފަސް އެވޯޑަށް ޖުމްލަ 20 އެންޓްރީ ހުށަހަޅާފައިވެ އެވެ.
އެންމެ ގިނަ އެވޯޑްތައް ހިމެނެނީ ޕްރޮޑަކްޝަން އެވޯޑު ކެޓަގަރީގަ އެވެ. މި ކެޓަގަރީގައި ހިމެނޭ އެވޯޑްތަކަކީ:
1. ބެސްޓް ސްޕޯޓްސް ޕްރޮގްރާމް
2. ބެސްޓް އެންޓަޓެއިންމަންޓް ޕްރޮގްރާމް
3. ބެސްޓް ކަރަންޓް އެފެއާޒް ޕްރޮގްރާމް
4. ބެސްޓް ޗިލްރެންސް ޕްރޮގްރާމް
5. ބެސްޓް އެންވަޔަރަންމެންޓް ޕްރޮގްރާމް
6. ބެސްޓް ރިލިޖަސް އެވެއާނަސް ޕްރޮގްރާމް
7. ޕްރޮގްރާމް އޮފް ދަ އިޔާރ އޮން ސޯޝަލް އިޝޫޒް
8. ބެސްޓް ޑޭ ޓައިމް ޕްރޮގްރާމް
9. ބެސްޓް ޑޮކިއުމެންޓްރީ ޕްރޮގްރާމް
10. މޯސްޓް ކްރިއޭޓިވް ޕްރޮގްރާމް
11. ކެމްޕެއިން އޮފް ދަ އިޔާ
މި 11 އެވޯޑަށް ޖުމްލަ 142 އެންޓްރީ ހުށަހަޅާފައި ވެ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑަކީ ރާއްޖޭގައި ބްރޯޑްކާސްޓު ކުރާ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކަށް ހުޅުވާލާފައިވާ އެވޯޑެކެވެ. މި އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު މިދިޔަ މަހު ހަމަވެފައި ވާއިރު، އެވޯޑަށް ނުވަ ޓީވީ ޗެނަލް އަކާއި ތިން ރޭޑިއޯ ޗެނަލަކުން ވަނީ އެންޓްރީ ހުށަހަޅައިފަ އެވެ. އެވޯޑަށް އެންޓްރީ ހުށައެޅުމަށް ފުރުސަތު ދީފައި ވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެވެ.