17 ޖުލައި 2022 - 11:57

ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.

ރާއްޖޭގެ ޖީއެސްޓީ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން އައިއެމްއެފް އިން މިދިޔަ މަހުގެ 16 ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލެމުންދާ ދަނޑިވަޅެއްގައި ޓެކްސް ބޮޑުކުރުން ރަނގަޅެއް ނޫނެވެ. އަދި ޖީއެސްޓީ ބޮޑުކުރަން އެންމެ އަވަހަށް ވެސް ރާއްޖެއިން މަސައްކަތް ފަށަން ވާނީ 2024 ވަނަ އަހަރު ކަމަށް އެ ޖަމާއަތުން ބުންޏެވެ. މި ރިޕޯޓް އައިއެމްއެފް އިން ތައްޔާރުކޮށްފައި ވަނީ މިދިޔަ މާޗް މަހާ ހަމައަށް ލިބިފައިވާ މައުލޫމާތަށް ބުރަވެ ކަމަށް އައިއެމްއެފް އިން ބުނެ އެވެ.
ޖީއެސްޓީ ބޮޑުކުރަން ވާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށާއި ޖީއެސްޓީ އަށް ބަދަލުތައް ގެންނައިރު ކޮވިޑްގެ ކުރީގެ ހާލަތަށް އިގްތިސާދު ރުޖޫއަވެ، ތަކެތީގެ އަގުތައް އެއްވަރެއްގައި ކޮންޓްރޯލްވެފައިވޭތޯ ބަލަން ޖެހޭނެ ކަމަށް ވެސް އައިއެމްއެފް އިން ބުނެފައި ވެ އެވެ.
ރާއްޖޭގައި ވެސް މުދަލުގެ އަގުތައް ބޮޑުވަމުން ދާއިރު، ޓެކްސް ބޮޑުކުރުމުގެ ކޮންމެ ވާހަކައަކީ ވެސް، މުދަލުގެ އަގު ބޮޑުވާން ލިބޭ އިތުރު ބާރަކަށް ވާތީ، ޓެކްސް ބޮޑުކުރުމުގެ ވާހަކަތައް ދެއްކުމާއި ޓެކްސް ބޮޑުކުރުމުގެ ވާހަކަތައް އިއުލާން ކުރުން ވެސް މަޑުޖައްސާލުމަށް އައިއެމްއެފް އިން ލަފާ ދެ އެވެ.
މި ރިޕޯޓްގައި މިގޮތަށް ލަފާ ދީފައި ވަނިކޮށް، އަންނަ އަހަރު ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމީ ކީއްވެތޯ ދެންނެވުމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ އެ ރިޕޯޓް ތައްޔާރުކުރި ފަހުން އިގްތިސާދީ ހާލަތު ބަދަލުވެފައިވާ ކަމަށާއި އޭގެ ފަހުން ރަޝިޔާ/ ޔޫކްރެއިންގެ ހަނގުރާމަ ވެސް ފެށި އޭގެ ނޭދެވޭ އަސަރުތައް ވެސް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ރިޕޯޓަކީ ވެސް ސަރުކާރުން އެދިގެން ހޯދާފައިވާ ލަފައެއް ކަމަށެވެ.
ރާއްޖޭގައި ނަގާ ޖީއެސްޓީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވަރަށް ކުޑަކަން އައިއެމްއެފް އިން ފާހަގަކުރެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ޖީއެސްޓީ އަށް ޕަސެންޓާއި 10 ޕަސެންޓަށް ބޮޑު ކުރަން ވެސް ވަނީ ލަފާ ދީފަ އެވެ. އެކަމަކު އެ ޖަމާއަތުން ލަފާ ދެނީ އެ ބަދަލުތައް، ބަހާލައިގެން ގެނައުމަށެވެ. އެ ޖަމާއަތުގެ ލަފަ އަކީ، އެންމެ ފުރަތަމަ ޖީއެސްޓީ ހަ ޕަސެންޓުން އަށް ފަސެންޓަށް، ޓީޖީއެސްޓީ 12 ޕަސެންޓުން 14 ޕަސެންޓަށް ބޮޑުކުރާށެވެ. އަދި މެދުރާސްތާގައި ޖީއެސްޓީ އަށް ޕަސެންޓުން 10 ޕަސެންޓަށް، ޓީޖީއެސްޓީ 14 ޕަސެންޓުން 15 ޕަސެންޓަށް ބޮޑުކުރުމުގައި މައްސަލައެއް ނެތް ކަމަށް ވެސް އައިއެމްއެފް އިން ބުނެ އެވެ. އެންމެ ފަހު މަރުހަލާގައި ޓީޖީއެސްޓީ އާއި ޖީއެސްޓީ، އެއް ހަމައަކަށް ގެންނަން ވެސް އައިއެމްއެފްއިން ލަފާ ދެ އެވެ.
ސަރުކާރުން ޓޫރިޒަމް ދާއިރާ އާއި އާންމުންގެ އަތުން ތަފާތު އަދަދުތަކެއް ޖީއެސްޓީގެ ގޮތުގައި ނެގި ނަމަވެސް، އައިއެމްއެފް އިން ވަނީ ދިގު މުއްދަތުގައި ހުރިހާ ދާއިރާއަކުން އެއް ޖީއެސްޓީއެއް ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ލަފާދީފަ އެވެ. އައިއެމްއެފް އިން ބުނީ، ގެސްޓްހައުސްތަކާއި ހޯމްސްޓޭ ފުޅާވަމުން އަންނަ އިރު، ރިސޯޓުތަކުންނާއި ގެސްޓްހައުސްތަކުގައި އުޅޭ ޓޫރިސްޓުންނަށް އެއް އަގުތަކެއްގައި ތަކެތި ލިބުން ވަރަށް މުހިއްމު ކަމަށެވެ.
ދައުލަތުން ޓީޖީއެސްޓީން މި ވަގުތު ނަގަމުން އަންނަނީ 12 ޕަސެންޓެވެ. އަދި ޖީއެސްޓީ އަށް ނަގަމުން އަންނަނީ ހަ ޕަސެންޓެވެ. ސަރުކާރުން ބޭނުން ވަނީ ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކޮށް، ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑު ކުރާށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އެ ބަދަލުތައް ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.
މި މަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި، ޖީއެސްޓީ އާއި ޓީޖީއެސްޓީ އަށް ބަދަލުތައް ގެންނަނީ މާލީ އިދާރާތަކުގެ ލަފާއާ އެކު ކަމަށެވެ. އެ ބަދަލުތައް ގެންނަނީ، މި ހާލަތުގައި މިއީ އަޅަން އެންމެ ރަނގަޅު ފިޔަވަޅުތަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖީއެސްޓީ ނެގުމުގައި އައިއެމްއެފް އިން އިތުރަށް ދިން ލަފާތަކުގެ ތެރޭގައި އޮންލައިން ވިޔަފާރިތަކުންނާއި ޓެކްސީ ފަދަ ހިދުމަތްތަކުން ވެސް ޓެކްސް ނެގޭނެ ނިޒާމެއް އޮތުން ވަރަށް މުހިންމެވެ. އަދި ޓެކްސް ނުނަގާ މުދަލުގެ ފައިދާ ލިބުމުގައި ޕްރޮގްރެސިވް، ނުވަތަ އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ބޮޑަށް ފައިދާވާނެ ނިޒާމެއް އޮތުން ވަރަށް މުހިއްމު ކަމަށް ވެސް އައިއެމްއެފް އިން ބުނެފައިވެ އެވެ.