ޓީސީ ބަލިކޮށް މާޒިޔާއިން ލީގު ޗެމްޕިއަންކަމާ ގާތަށްޖެހިލައިފި
ޓީސީ ބަލިކޮށް މާޒިޔާއިން ލީގު ޗެމްޕިއަންކަމާ ގާތަށްޖެހިލައިފި

ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 5-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް، މާޒިޔާ ޖެހިލައިފި އެވެ.

އަންނަ ހުކުރު ދުވހު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެ އެވެ. މިރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު މާޒިޔާ ވަނީ 51 ޕޮއިންޓް ހަމަކޮށް އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި، މާޒިޔާގެ ސްޕެއިންގެ ފޯވާޑް ޕެޑްރޯ ޑޮމިންގޭޒް (ޓާނާ) ވަނީ ހެޓްރިކް ހަދައިފަ އެވެ.

މިރޭގެ މެޗަށް ނުކުތް އިރު ޓީސީ ރަނގަޅު ފޯމެއްގައި އޮންނާނެ ކަމަށް ބެލެވުނެވެ. އެއީ އެ ޓީމު ކުރިން ކުޅުނު މެޗުގައި، ތާވަލުގެ ދެވަނައިގައި އޮތް އީގަލްސް ބަލި ކޮށްފައި ވުމުންނެވެ. އެކަމަކު މިރޭގެ މެޗުގައި ޓީސީގެ ކިބައިން އެ ހިތްވަރެއް ނުފެނުނެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު، ޖެހީ އިބްރާހިމް އައިސަމް (ޓޯނީ) އެވެ. ކުރިން ޓީސީ އަށް ކުޅުނު އައިސަމް، މާޒިޔާ އަށް ލަނޑު ޖަހައިދިނީ މެޗުގެ 11 ވަނަ މިނެޓްގަ އެވެ. ޖެހިގެން އައި މިނެޓްގައި ޓާނާ ވަނީ މާޒިޔާ އަށް ލިޑް ފުޅާކޮށް ދީފަ އެވެ. ޓާނާގެ ދެވަމަ ލަނޑު އޭނާ ޖެހީ މެޗުގެ 19 ވަނަ މިނެޓްގަ އެވެ.

ސަމޫހް އަލީ (ސަމުއްޓޭ) މާޒިޔާގެ ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ 25 ވަނަ މިނެޓްގަ އެވެ. ޖެހިގެން އައި މިނެޓްގައި ޓާނާ ވަނީ ހެޓްރިކް ހަދައިފަ އެވެ.

މާޒިޔާ ކުރިން ކުޅުނު މެޗުގައި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކޮޅަށް 10 ލަނޑު ޖެހި އެވެ. އެކަމަކު މިރޭގެ މެޗުގެ ދެވަނަ ހާފުގައި އެޓީމަށް އިތުރު ލަނޑެއް ނުޖެހުނެވެ. މެޗުގެ ފަހު 10 މިނެޓް އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ 80 ވަނަ މިނެޓްގައި އައިސަމް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލައިފަ އެވެ.

މިއަދު ހަވީރު، ވެލެންސިއާ އިން ވަނީ ދަ ގްރާންޑޭގެ މައްޗަށް 1-0 ން މޮޅުވެފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ އިސްމާއީލް އީސާ އެވެ.