ކާތިކްގެ "ޝެހެޒާދާ" ފަސްވެ، ބޮކްސް އޮފީހުގައި އިތުރު ދެ ފިލްމަކާއެކު ކުރިމަތިލުމަކަށް!
ކާތިކްގެ "ޝެހެޒާދާ" ފަސްވެ، ބޮކްސް އޮފީހުގައި އިތުރު ދެ ފިލްމަކާއެކު ކުރިމަތިލުމަކަށް!

ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަން އާއި ކްރިތީ ސަނޮން ލީޑު ރޯލު ކުޅޭ ފިލްމު "ޝެހެޒާދާ" ރިލީޒްކުރާ ތާރީހު އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފި އެވެ.

ރޯހިތު ދަވަން ޑައިރެކްޓްކުރާ ޝެހެޒާދާ ރިލީޒްކުރަން އެންމެ ފުރަތަމަ ނިންމީ މި އަހަރުގެ ނޮވެމްބަރު ހަތަރެއްގަ އެވެ. އެކަމަކު ކާތިކް އިއްޔެ އިއުލާނުކުރި ގޮތުން ނަމަ އެ ފިލްމު ނެރޭނީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގަ އެވެ.

މީގެ ހަތަރު އަހަރު ކުރިން ނެރުނު ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ކާމިޔާބާއެކު ވިދާލި ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ 2020 ގައި ރިލީޒްކުރި ތެލޫގޫ ފިލްމު "އާލާ ވައިކުންތަޕުއްރަމުލޫ" ގެ ރިމޭކެކެވެ. އެއީ ކާތިކާއި ކްރިތީގެ ޖޯޑު ފެންނަ ދެވަނަ ފިލްމެވެ. އެ ދެ ތަރިން އެންމެ ފުރަތަމަ އެކުގައި މަސައްކަތްކުރީ 2019 ގައި ރިލީޒްކުރި ލުކާ ޗުއްޕީ ގަ އެވެ.

"ޝެހެޒާދާ" ފިލްމު ފަސްކުރުމާއެކު އެ ފިލްމަށް ޖެހިފައި ވަނީ ބޮކްސް އޮފީހުގައި ދެ ފިލްމަކާ ކުރިމަތިލާށެވެ.

ކަރަން ޖޯހަރު ޑައިރެކްޓްކުރާ ފިލްމު "ރޮކޯ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ވެސް ހަމަ އެ ތާރީހުގައި ރިލީޒްކުރާ ގޮތަށް ހަމަޖައްސާފައި އޮތް ފިލްމެކެވެ. ފެބްރުއަރީ 10 ގައި ފިލްމު ރިލީޒްކުރާ ގޮތަށް އޮތްކަން ކަރަން ޖޯހަރު ކުރިން އިއުލާނުކޮށްފައި ވެ އެވެ. އެއީ އާލިއާ ބަޓާއި ރަންވީރު ސިންގް ލީޑު ރޯލު ކުޅޭ ފިލްމެކެވެ.

އެ ފިލްމުގެ އިތުރުން ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު ރިލީޒް ކުރުމަށް ވެސް މަސައްކަތް ކުރަނީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގައި ކަމަށް ވެ އެވެ. ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ލަވް ރަންޖަން ޑައިރެކްޓްކުރާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއަކަށް ވާތީ މަސައްކަތް ކުރަނީ ލޯބިވެރިންގެ ދުވަހަކާ ކައިރިކޮށް އެ ފިލްމު ރިލީޒްކުރާށެވެ.

ފިލްމު ނެރޭނެ ދުވަސް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

މަޝްހޫރު ތަރިންތަކެއްގެ ފިލްމުތަކެއް އެއްދުވަސްވަރެއްގައި ރިލީޒް ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އޭގެ ސަބަބުން ބޮކްސް އޮފީހުގައި ފިލްމުތަކަށް ލިބޭ ތަރުހީބަށް އަސަރުކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންވެ ބައެއް ފަހަރު ފިލްމުގެ ތާރީހަށް އިތުރު ބަދަލުތަކެއް އައުން ވެސް އެކަށީގެންވެ އެވެ.