16 ޖުލައި 2022 - 12:57

ތައިލެންޑްގައި މިހާރު ކުރިއަށްދާ އޯލް ތައިލެންޑް މުބާރާތުގެ 19 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން، ރާއްޖޭގެ ފާތިމަތު ދީމާ އަލީގެ ޕެއާ ހޯދައިފި އެވެ.
އެ މުބާރާތުގެ 15 އަހަރުން ދަށުގެ ސިންގަލްސް ބައިގެ ސެމީ ފައިނަލަށް ވެސް ދީމާ ވަނީ ދަތުރު ކޮށްފަ އެވެ.
ތައިލެންޑްގައި ދީމާގެ ޑަބަލްސް ޕެއާ އަކީ އެ ގައުމުގެ ފަންގް އެވެ. އެ ދެ ކުޅުންތެރިންގެ ޕެއާ އިން ވަނީ ޖެނުއަރީ މަހު ބޭއްވި އޯލް ތައިލެންޑް މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
ތައިލެންޑްގައި މިހާރު ޓްރެއިނިން ހަދަމުން އަންނަ ދީމާ ވަނީ، އެރު ކުޅުނު މުބާރާތުގެ އަންހެން ސިންގަލްސްގެ 17 އަހަރުން ދަށުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ. މެއި މަހު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ޖޫނިއާ އަދި ކެޑޭޓް ޗެމްޕިއަންޝިޕްގެ ކެޑޭޓް ބައިން ރިހި މެޑަލް ހޯދި ދީމާގެ ޓްރޭނިންތައް ކުރިއަށް ގެންދަނީ މި މަހު ފަށާ ކޮމަންވެލްތު ގޭމްސްގައި ވާދަ ކުރުމަށެވެ.
ރާއްޖޭގެ ގައުމީ އަންހެން ޓީމު ވަނީ ކޮމަންވެލްތު ގޭމްސް އަށް ކޮލިފައި ވެފަ އެވެ. އެ ޓީމުގެ އެހެން ކުޅުންތެރިން ވަނީ، ކްރޮއޭޝިއާ އަށް ދަތުރުކޮށް އެ ގައުމުގައި 10 ދުވަހުގެ ޓްރޭނިން ކޭމްޕެއް، ކޮރޮއޭޝިއާގެ ޒުވާން ގައުމީ ޓީމާއެކު ފުރިހަމަ ކޮށްފަ އެވެ.
މިދިޔަ އަހަރަކީ، ދީމާގެ ކެރިއާގައި ހާއްސަ އަހަރެކެވެ. ޑިސެމްބަރު މަހު ޕޯޗްގަލްގައި ބޭއްވި ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ މިކްސް ޑަބަލްސް ބައިގައި ޗެކް ރިޕަބްލިކްގެ މާޓިން ސިޕްއާ އެކު ކުޅެ ދީމާ ވަނީ މެޗުން މޮޅުވެފަ އެވެ.އޮސްޓްރޭލިއާގެ ނީ ޗުލޯންގް އާއި ސައިހޯޖިއޯސް ކޮންސްޓަންޓީނާގެ ޕެއާ ބަލިކޮށް ދީމާ އާއި ސިޕް މެޗު ކާމިޔާބު ކުރުމުން، ދީމާ ވެފައިވަނީ ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕް މެޗެއް ކާމިޔާބު ކުރި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ރާއްޖޭގެ ގައުމީ ޓީޓީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދި ދީމާ އަކީ 15 އަހަރުން ދަށުގެ އަންހެން ރޭންކިންގައި ދުނިޔޭގެ 20 ވަނަ އެވެ. އޭޕްރީލް މަހު ރޭންކިންގެ، އަށް ވަނަ އަށް ވެސް ދީމާ ޖެހިލި އެވެ.
އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދި ދީމާ ވަނީ ނޮވެމްބަރު މަހު އޮމާންގެ މަސްކަޓްގައި ބޭއްވި ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ މުބާރާތުގެ ކުއާޓާއާ ހަމައަށް އޭނާ ދަތުރުކުރީ ޕާކިސްތާނާއި އުޒްބެކިސްތާންގެ ކުޅުންތެރިން ބަލި ކުރުމަށް ފަހު އެވެ.