ޝާހިދަށް، ގުއާޓަމާލާގެ ހާއްސަ އިއްޒަތް އަރުވައިފި
ޝާހިދަށް، ގުއާޓަމާލާގެ ހާއްސަ އިއްޒަތް އަރުވައިފި

ގުއާޓަމާލާގެ "އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ" ގެ އިއްޒަތް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެ ގައުމުން އަރުވައިފި އެވެ.

ގުއާޓަމާލާގެ ވެރިކަންކުރާ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝާހިދަށް އެ އިއްޒަތް އެރުވުމަށް އެ ގައުމުގެ ރައީސް ހާއްސަ ގަރާރެއް ނެރުއްވި އެވެ.

ޝާހިދަށް އިއްޒަތް އެރުވީ ހާރިޖީ ދާއިރާ އިން ކޮށްދެއްވި ހިދުމަތްތަކާއި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

އެ އިއްޒަތް ނިސްބަތް ވަނީ ގުއާޓަމާލާގައި އުފެދުނު އެންމެ ފާހަގަކޮށްލެވޭ އެއް ސިޔާސީ ލީޑަރު އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އެލޮންސޯ އަށެވެ.

"އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ" އަކީ 1973 އިން ފެށިގެން އެ ގައުމުން ދެމުން އަންނަ އިއްޒަތެކެވެ. އެ އިއްޒަތް އެ ގައުމުން އަރުވަނީ ބައިނަލްއަގްވާމީ ގޮތުންނާއި ހާރިޖީ ދާއިރާ އިން ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްދެއްވި ބޭފުޅުންނަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ގެންދަވަނީ "އުއްމީދީ ރިޔާސަތު" ގެ ތެރެއިން ކޮވިޑްގެ ހާލަތުން އަރައިގަތުމަށާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ދެ ޖިންސުގެ ހަމަހަމަކަމުގެ އިތުރުން ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ، ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ދުނިޔޭގައި ފެންވަރުގައި މަސައްކަތް ކުރައްވަމުންނެވެ.‎