ރެހެންދި ސްކޫލުގެ އިވެންޓުގައި ޖިންސީ ކަންކަމަށް ހިތްވަރުދޭ  މެނޫއެއް ބެހެއްޓި މައްސަލަ ފެންމަތިވެއްޖެ!
ރެހެންދި ސްކޫލުގެ އިވެންޓުގައި ޖިންސީ ކަންކަމަށް ހިތްވަރުދޭ މެނޫއެއް ބެހެއްޓި މައްސަލަ ފެންމަތިވެއްޖެ!

ހުޅުމާލޭގެ ރެހެންދި ސްކޫލުގެ ޕީޓީއޭ އިން ބޭއްވި "ރެހެންދި ސޭލް" އިވެންޓުގައި މުޖުތަމައާ ނުގުޅޭ އަދި ޖިންސީ ކަންކަމަށް ހިތްވަރު ދޭ މެނޫއެއް ބެހެއްޓި މައްސަލަ ފެންމަތިވެއްޖެ އެވެ.

އެކަމަކު، ސޯޝަލް މީޑިއާގައި އެ މެނޫ މިއަދު އާންމުވުމާއެކު، އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ އެ ސޭލްގެ ސްޓޯލެއްގައި ވިއްކި ބުއިންތަކަކަށް އިޖުތިމާއީ އާންމު މިންގަނޑާ ހިލާފު ނަންތަކެއް ދިނީ ސްކޫލުގެ މެނޭޖްމަންޓަށް އެނގިގެން ނޫން ކަމަށެވެ. އެހެންވެ، ރެހެންދި ސްކޫލުން މާފަށް އެދުނެވެ.

އިޖުތިމާއީ މިންގަނޑާ ހިލާފު ނަންތަކެއް ދީފައިވާ މޮކްޓެއިލް ބުއިންތަކެއް އިޝްތިހާރު ކުރުމަށް ސްޓޯލް ކައިރީގައި ބަހައްޓާފައި ހުރި ބޯޑުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބަޔަކު ވަނީ ސްކޫލަށް ފާޑުކިޔައިފަ އެވެ.

އެކަމާ ގުޅިގެން ސްކޫލުން ބުނީ، މިހާރު ކުރިއަށް ގެންދާ ސޭލްގެ ކެންޓީންގެ ކައިރީގައި ރޭގައި ބަހައްޓާފައި ހުރި މެނޫ ބޯޑުގައިވާ އިބާރާތްތަކަކީ ސްކޫލެއްގެ ތެރޭގައި ބެހެއްޓުން އެންމެ ރަނގަޅު އިބާރާތްތަކެއް އެކުލެވޭ ބޯޑެއް ނޫން ކަމަށް ސްކޫލުން ވެސް ދެކޭ ކަމަށެވެ.

ސްކޫލުން ބުނި ގޮތުގައި، އެ ބަޔަކު އެ ކަން ކުރީ 'އިންޓަނޭޝަނަލް މެނޫ' އެއް ކަމަށް ވާތީ މާބޮޑަށް ވިސްނާލުމެއް ނެތި ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. ނަމަވެސް އެ ކަން އެނގުނު ހިސާބުން ސްކޫލުގެ ޕީޓީއޭގެ އިންތިޒާމު ކޮމިޓީން ވަނީ އެ ބޯޑު ނަގައި އެކަން ނުކުރުމަށް އަންގައިފަ އެވެ.

"މި ސޭލްގެ ހިންގާ ގަވާއިދުގެ 5 ވަނަ ނަމްބަރުގެ ހ. ގައިވާ ގޮތުން އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން މަނާކޮށްފައިވާ އެެއްވެސް އެއްޗެއް މި ސޭލްގައި ވިއްކައިން ނުވާނެ ކަމަށް ހުރިހާ އެންމެނަށް އެންގި އެވެ. އަދި އެފަދަ އިބާރާތެއް އިޝްތިހާރުތަކުގައި ބޭނުންނުކުރުމަށް ވެސް އެންގިފައިވޭ" އެ މައްސަލަ ހޫނުވެ، ސްކޫލުން ބުންޏެވެ.

ރެހެންދި ސްކޫލުން ބުނީ އެ ނަންތައް މޮކްޓެއިލް ބުއިންތަކަށް ދިނީ ސްކޫލަށް އެނގިގެން ނޫން ކަމަށާއި އެފަދަ ބޯޑެއް ސްކޫލުގެ ގޯތި ތެރޭގަައި ބެހެއްޓުން ކުށްވެރިކުރާ ކަމަށެވެ.