އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތަށް ރާއްޖޭގެ އިންތިޒާމުތައް ވަރަށް ފުރިހަމަ: އޭބީބީއެފްގެ ރައީސް
އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތަށް ރާއްޖޭގެ އިންތިޒާމުތައް ވަރަށް ފުރިހަމަ: އޭބީބީއެފްގެ ރައީސް

ރާއްޖޭގައި މިއަދު ފަށާ އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕަށް ރާއްޖެ އިން ހަމަޖައްސާފައިވާ އިންތިޒާމުތައް ފުރިހަމަ ކަމަށް އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަން (އޭބީބީއެފް) ގެ ރައީސް ދާތުކް ޕޯލް ޗުއާ ވިދާޅުވެއްޖެ އެވެ.

އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތަށް ރާއްޖޭގެ އިންތިޒާމުތައް ވަރަށް ފުރިހަމަ: އޭބީބީއެފްގެ ރައީސް
އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތަށް ރާއްޖޭގެ އިންތިޒާމުތައް ވަރަށް ފުރިހަމަ: އޭބީބީއެފްގެ ރައީސް

މުބާރަތުގެ ހޯސްޓް އެއް ވެނޫ ކަމަށްވާ، މާފުށީގައި ހުންނަވައި ޕޯލް ޗުއާ ވިދާޅުވީ، ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް) އަށް ކޮށްފައި ވަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ. މުބާރާތަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި މެހުމާންދާރީ އާއި މުބާރާތާ ގުޅޭ އެހެނިހެން އިންތިޒާމުތައް ވެސް ވަރަށް ފުރިހަމަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުބާރާތަށް ހާއްސަކޮށް ހަދައިފައިވާ ސްޓޭޖާއި ލައިޓިން އަކީ އަހަރެންގެ ކެރިއަރުގައި މި ހޭދަކުރި 50 އަހަރުގެ ތެރޭގައި އޭޝިއާގެ މުބާރާތަކުން ފެންނާނެ އެންމެ ފުރިހަމަ އެއް ކަންތައް،" ކުރިން ބޮޑީ ބިލްޑިން އެތުލީޓެއްގެ ގޮތުގައި ކާމިޔާބު ހޯދައިފައިވާ ޕޯޗް ޗުއާ ވިދާޅުވި އެވެ.

މުބާރާތުގެ އަންހެން އިވެންޓް ކުރިއަށް ގެންދާނީ ކްރޮސްރޯޑްގަ އެވެ. ފިރިހެން އިވެންޓަތައް އޮންނާނީ މާފުށީގައި ޓޫރިސްޓުން މޫދަށް އެރޭ ސަރަހައްދުގައި ހަދައިފައިވާ ސްޓޭޖުގަ އެވެ. އަންހެން އިވެންޓްތައް ކްރޮސް ރޯޑްގައި ބާއްވާކަން ބީބީއޭއެމުން އިއުލާނުކުރީ ދީނީ ބައެއް އިލްމުވެރިންނާއި އާންމުން އެކަމުގައި ކަންބޮޑުވުން ފާޅުކުރުމުންނެވެ.

ދިނީ އިލްމުވެރިންގެ ކަންބޮޑުވުމަކީ ނިވާކަން ކުޑަ ހެދުން އަޅައިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި މުބާރާތް ބާއްވާތީ އެވެ.

އެކަމާ ގުޅިގެން "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޗުއާ ވިދާޅުވީ، ރާއްޖޭގެ ސަގާފަތަށާއި އާދަކާދަ އަށް އޭނާ އިހުތިރާމް ކުރާ ކަމަށެވެ. އޭނާ ބުނިގޮތުގައި މުބާރާތުގެ އަންހެން އިވެންޓް ވަކިން ބޭއްވުމާމެދު އޭބީބީއެފްގެ އިއުތިރާޒެއް ނެތެވެ.

"ރާއްޖޭގެ ސަގާފަތަށް އަޅުގަނޑުމެން އިހުތިރާމު ކުރަން. ބައެއް އިވެންޓްތައް އެހެން ރަށެއްގައި، ކްރޮސް ރޯޑްގައި ބާއްވަން ޖެހުމަކީ މައްސަލައެއް ނޫން. އަނެއްކާ އަޅުގަނޑުމެން ގޮސް ކްރޮސް ރޯޑް ބަލައިފިން. އެ ތަނުގެ އިންތިޒާމުތައް ވެސް ވަރަށް ފުރިހަމަ،" ޕޯލް ޗުއާ ވިދާޅުވި އެވެ.

މުބާރާތް ޝަރަފުވެރިކޮށް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާ ޚަބަރު ލިބިފައިވާކަން ފާހަގަކުރައްވައި، ޕޯލް ޗުއާ ވިދާޅުވީ އެއީ ވެސް މުބާރާތް ފުރިހަމަވާ ސަބަބެއް ކަމަށެވެ.

ކުރިއަށް ތަނުގައި ބޮޑީ ބިލްޑިންގްގެ ބައިނަލްއަގްވާމީ އެހެން މުބާރާތްތައް ވެސް ރާއްޖޭގައި ބާއްވަން ފުރުސަތު ތަނަވަސްކޮށް ދޭނެ ކަމުގެ ޔަގީންކަން ޕޯލް ޗުއާ ދެއްވި އެވެ. އޭނާ ވިދާޅުވީ އެ ތަފުސީލުތަކަށް ފަހުން ވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖެއިން 20 އެތުލީޓުން ހިމެނޭ ފިރިހެން ޓީމެއް ވަނީ އެކުލަވައިލައިފަ އެވެ.

ޕޯލް ޗުއާ ވަނީ ރާއްޖޭގެ އެތުލީޓުންނާ ބައްދަލު ކުރައްވައިފަ އެވެ. ވިދާޅުވީ ދިވެހި ޓީމުގެ ބައެއް މޫނުތަކަށް އޭނާ ފަރިތަ ނޫން ކަމަށެވެ. އެއީ މީގެ ކުރިން އޭޝިއާގެ މުބާރާތުން މެޑަލް ހޯދާފައިވާ އެތުލީޓުން ރާއްޖޭގެ ޓީމުގައި ތިބުމުންނެވެ.

"ދިވެހި ޓީމާ އަޅުގަނޑު ބައްދަލު ކުރިން. ވަރަށް ރަނގަޅު ސްޓޭންޑަޑްގައި ތިބި ދެ އެތުލީޓުން ފާހަގަ ކުރެވުނު،" އޭނާ ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ތައްޔާރީތައް ކުރިއަށް ގެންދަނީ ދެ ޕޫލަކަށް ބަހައިލައިގެންނެވެ. ޓީމުގެ އޭ ގެ ތަމްރީނުތައް ކުރިއަށް ގެންދަނީ ގައުމީ ޓީމުގެ ހެޑް ކޯޗު މެލޭޝިއާގެ ވޮން ހޮންގެ ބެލުމުގެ ދަށުންނެވެ. ރާއްޖޭގެ އަމާޒަކީ މަދުވެގެން 10 މެޑަލް ހޯދުމެވެ.

މިސްޓަ އޭޝިއޭ ޓައިޓަލް 1999 ގައި ހޯދި ވޮން ވިދާޅުވީ، ރާއްޖެ އަށް ރަންމެޑަލް ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.