01 ޖެނުއަރީ 2017 - 14:28

ޕިއޮންޔަން (ޖެނުއަރީ 1) - ދިގު ރާސްތާ ނިއުކްލިއާ މިސައިލެއް ނޯތު ކޮރެއާ އިން ޓެސްޓް ކުރަން ތައްޔާރުވަމުންދާ ކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން ވިދާޅުވެއްޖެ އެވެ.
ކިމް ދެއްވި އާ އަހަރުގެ މެސެޖުގައި ވިދާޅުވީ ކޮންޓިނެންޓްތައް ހުރަސް ކުރެވޭވަރުގެ ރާސްތާއެއް ލިބިގެންވާ މިސައިލް މިހާރު ވަނީ އުފެއްދުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށެވެ. ނޯތު ކޮރެއާ އިން މިވަރުގެ މިސައިލެއް މީގެ ކުރިން ކާމިޔާބުކަމާ އެކު ޓެސްޓް ކޮށްފައެއް ނުވެ އެވެ. އެކަމަކު ނޯތު ކޮރެއާ އިން މިދިޔަ އަހަރު ވަނީ ނިއުކްލިއާ ދެ މިސައިލް ޓެސްޓް ކޮށްފަ އެވެ.
ނޯތު ކޮރެއާގެ ވެރިކަމާ 2011 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ކިމް ޓީވީ މެދުވެރި ކުރައްވާ ދެއްވި މެސެޖުގައި ވަނީ އެންމެ ޒަމާނީ ހަތިޔާރު އުފެއްދުމާއި އިންޓަ-ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓް ކުރުން މިހާރު ވަނީ ފަހު މަރުހަލާގައި ކަމަށް ވިދާޅުވެފަ އެވެ. އަދި ނޯތު ކޮރެއާ އަކީ މިހާރު އިރުމަތީގެ އަސްކަރީ ބާރެއް ކަމަށާއި އެންމެ ބޮޑު ދުޝްމަނަށް ވެސް އެ ގައުމާ ކުޅެން ނުކުރޭނެ ކަމަށް ކިމް ވިދާޅުވި އެވެ.
ނޯތު ކޮރެއާ އިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނިއުކްލިއާ ބޮމެއް ޓެސްޓް ކޮށްފަ އެވެ. ސައުތު ކޮރެއާ އިން ބުނެފައި ވަނީ އެއީ ނޯތު ކޮރެއާ އިން މިހާތަނަށް ޓެސްޓްކުރި އެންމެ ބާރުގަދަ ބޮން ކަމަށެވެ. އެއީ 10 ކިލޯޓަނުގެ ބާރުގަދަ ބޮމެއް ކަމަށް ސައުތު ކޮރެއާ އިން ބުނާ އިރު އަސްކަރީ އެހެން ތަޖްރިބާކާރުން ބުނަނީ އެއީ 20 ކިލޯޓަނުގެ ބޮމެއް ކަމަށެވެ. ޖަޕާނުގެ ހީރޯޝީމާ އަށް 1945 ވަނަ އަހަރު އެމެރިކާ އިން އަޅާފައި ވަނީ 15 ކިލޯޓަނުގެ ބޮމެކެވެ.