ވިކީ އާއި މަނޫޝީ އެކުގައި ފިލްމެއް ކުޅެނީ
ވިކީ އާއި މަނޫޝީ އެކުގައި ފިލްމެއް ކުޅެނީ

ތާރީހީ ފިލްމު، "ޕްރިތުވިރާޖް" އިން ބޮލީވުޑަށް ނުކުތް ރީތީގެ ރާނީ، މަނޫޝީ ޗިއްލާ އާއި ވިކީ ކޯޝަލް އެކުގައި ފިލްމެެއް ކުޅެން ތައްޔާރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަކްޝޭ ކުމާރާއެކު ބޮލީވުޑަށް ނުކުތް މަނޫޝީ ވަނީ އޭނާގެ ދެ ވަނަ ފިލްމަށް ސޮއިކޮށްފަ އެވެ. "ދަ ގްރޭޓް އިންޑިއަން ފެމިލީ" ގެ ނަން ދީފައިވާ އެ ފިލްމުގައި އޭނާ ފެންނާނީ ވިކީ އާ އެކު އެވެ. އެއީ ކޮމެޑީ ފިލްމެކެވެ.

އެ ފިލްމުގެ އިތުރުން ވެސް އެކްޝަން އެންޓަޓެއިނިން ފިލްމެއްގައި މަސައަކަތް ކުރުމަށް މަނޫޝީ އަށް ލިބިފައިވާ ކަމަށް ވެ އެވެ.

ފުރަތަމަ ފަހަރަށް ވިކީ އާއި މަނޫޝީގެ ޖޯޑު ފިލްމަކުން ފެންނައިރު، އެ ފިލްމުގެ ޝޫޓިންތައް މިހާރު ވަނީ ފަށައިފަ އެވެ.

ޔަޝް ރާޖް ފިލްމްސް އިން ނެރޭ އެ ފިލްމާ ގުޅޭ މާބޮޑު މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ. އަދި ފިލްމު ރިލީޒް ކުރާނެ ވަކި އިރެއް ވެސް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ކުރިން ބުނެފައިވާ ގޮތުގައި އެ ފިލްމު ރިލީޒްކުރާނީ މި އަހަރުގަ އެވެ.

މަނޫޝީއަކީ 2017 ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު އުފުލައިލި ޒުވާނާ އެވެ. ޑޮކްޓަރުކަން ކިޔެވި ނަމަވެސް އޭނާ ކުރިއަށް ދާން ބޭނުންވަނީ ފިލްމީ ދާއިރާ އިން ކަމަށް ބުނެފައި ވަނީ ރީތީގެ ރާނީއަކަށް ހޮވުމުންނެވެ.