15 ޖުލައި 2022 - 08:17

ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑްގެ ތަރި، ސުޝްމިތާ ސެން އާއި ވިޔަފާރިވެރިޔާ ލަލިތް މޯދީ ރައްޓެހިވެގެން އުޅޭކަން އިއުލާނުކޮށްފި އެވެ.
އުމުރުން 46 އަހަރުގެ ސުޝްމިތާއަކީ "ޕާޓްނަރު" ކަން ލަލިތު އިއުލާންކުރުމާ އެކު ގިނަ ބަޔަކު ހީކުރީ އެ މީހުން ކައިވެނިކުރީ ކަމަށެވެ. އެކަމަކު، އިތުރު ޓްވީޓަކާ އެކު ލަލިތު ބުނީ އެ މީހުން ކައިވެނި ނުކުރާ ކަމަށާއި މި ވަގުތު އުޅެނީ "ޑޭޓް" އެއްގައި ކަމަށެވެ. އޭނާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން ސުޝްމިތާއާ ކައިވެނި ކުރުމެވެ.
އެ ޓްވީޓާ އެކު ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތަކެެއް ވެސް އާންމުކުރި އެވެ. ސުޝްމިތާގެ ކައިރީގައި ލަލިތު ހުންނައިރު ފެންނަނީ އުމުރުން ވަރަށް ދުވަސްވީ މީހެއްގެ ސިފައިގައި ކަމަށް ވާތީ ބައެއް މީހުން ބުނަނީ އެ ޖޯޑު ނުގުޅޭ ކަމަށެވެ.
އުމުރުން 56 އަހަރުގެ ލަލިތަކީ މީގެ ކުރިން ކައިވެންޏެއް ވެސް ކޮށްފައިވާ މީހެކެވެ. އެކަމަކު 1991 ގައި ކުރި އެ ކައިވެނި 2018 ގައި ރޫޅިފައިވާއިރު އެ ކައިވެންޏަށް އޭނާއަށް ދެ ކުދިން ލިބިފައިވެ އެވެ.
އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ލަލިތަކީ އިންޑިއަން ޕްރިމިއާ ލީގްގެ ފައުންޑަރެވެ.
ސުޝްމިތާ މިހާތަނަށް އެއްވެސް މީހަކާ ކައިވެންޏެއް ނުކުރެ އެވެ. އެކަމަކު މީގެ ކުރިން އެކި މީހުންނާ ވަރަށް ސީރިއަސް ލޯބީގެ ގުޅުން ބޭއްވި އެވެ.
އެންމެ ފަހުން އޭނާ ރައްޓެހިވެގެން އުޅުނީ ޒުވާން މޮޑެލް، ރޮހްމާން ޝޯލްއާ އެވެ. އެ މީހުން ވަކިވެ ސުޝްމިތާ ވަނީ އާއިލާ އަށް ވަގުތު ދޭން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ. އެހެންވެ، ގިނަ ބަޔަކަށް ހީވެފައި އޮތީ ސުޝްމިތާ މިހާ އަވަހަށް މީހަކާ "ޑޭޓް" ވެސް ނުކުރާނެ ކަމަށެވެ.
ސުޝްމިތާ މިހާތަނަށް ކައިވެންޏެއް ނުކުރިޔަސް އޭނާ ގެންދަނީ ކުދިން އެޑޮޕްކޮށް، އެ ކުދިން ބަލަމުންނެވެ.