15 ޖުލައި 2022 - 11:38

ސިޔާސީ ގޮތުން އޭނާ ހުންނެވި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން، ވިކްޓަރީ ސްޕޯޓްސް ކްލަބްގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް، އެ ކްލަބްގެ އެކްސްކޯ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު (ނިޔާ) ރޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ ފެށި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށް ވިކްޓަރީގެ ޖާޒީ އާއި ކްލަބްގެ ވެބްސައިޓް ލޯންޗު ކުރުމަށް ޖަމާލުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ވިކްޓަރީގެ މަސައްކަތުގައި ސިޔާސީ ބޭފުޅެއްގެ ގޮތުގައި ލޭބަލް ކުރުމަކީ އޭނާ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށެވެ. ވިކްޓަރީގައި މަސައްކަތް ކުރައްވަނީ އެ ކްލަބަށާއި ރާއްޖޭގެ ކުޅިވަރަށް ހިދުމަތް ކުރެއްވުމުގެ އަޒުމުގައި ހުންނެވުމުން ކަމަށް ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ޕޯޑިއަމްގައި މިހުރީ [ސިޔާސީ] އެ ބޭނުމަކު ނޫން. އެގޮތަށް އަޅުގަނޑަށް މުހާތަބު ކުރާކަށް ބޭނުމެއް ނޫން. ފަހަތަށް އެނބުރި [މާޒީ އަށް] ބަލާލާއިރު އަޅުގަނޑަކީ ކުރިން ވެސް ވިކްޓަރީގެ ބޯޑު މެންބަރުކަން ކޮށްފައި ހުރި މީހެއް. އަޅުގަނޑަކީ ގައުމީ މުބާރާތްތަކުގައި ވިކްޓަރީ އަށް ކުޅުނު މީހެއް. ޓެކްނިކަލް އޮފިޝަލެއް. އެންމެ ކުޑައިރުއްސުރެ ވިކްޓަރީ އަށް ތާއީދު ކުރާ މީހެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު ނިޔާޒު ވިދާޅުވި އެވެ.
"ވިކްޓަރީ އަށް ހެޔޮ އެދޭ މީހެއް. އަދި ކުރީގައި ވިކްޓަރީގެ ހިންގުންތެރިޔެއް ވެސް މެ."
އެހެންވެ ނޫސްވެރިންގެ ކިބައިން ވެސް ވިކްޓަރީގެ ކްރިކެޓް ޓީމަށް ކުޅުއްވައި ކާމިޔާބު ހޯއްދެވި ކުރީގެ ކުޅުންތެރިޔާ ނިޔާޒު އެދިވަޑައިގަތީ ކުޅިވަރުގެ ޕްލެޓްފޯމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އިތުރުން ކުޅިވަރުގެ ހިދުމަތްތެރިޔެއްގެ ގޮތުގައި ވެސް އޭނާ އާ މެދު މުހާތަބު ކުރުމަށެވެ.
"ހަމަ ގައިމުވެސް އަޅުގަނޑު މީގެ ތެރެއަށް މި ވަނީ [ކުޅިވަރަށް ހިދުމަތް ކުރުން ފިޔަވައި] އެހެން އެއްވެސް މަގުސަދެއް އޮވެގެނެއް ނޫން،" ނިޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑު މިހިރަ ސިޔާސީ މަގާމުގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބޭ ސިޔާސީ ބާރާއި ނުފޫޒުގެ ސަބަބުން ކަމެއް ކުރާކަށް ވެސް ނޫން އަޅުގަނޑު މީގެ ތެރޭގައި މި ހުރީކީ. އަޅުގަނޑު މި ހުރީ ވިކްޓަރީ އަށް އަދި ދިވެހި ކުޅިވަރަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމުގެ ނިޔަތުގައި،" އޭނާ ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވިގޮތުގައި، ވިކްޓަރީގައި މަސައްކަތް ކުރެއްވުމުގެ ވިސްނުން ހަ މަސް ދުވަސް ކުރިން ވެސް އޭނާ ގެންގުޅުއްވި އެވެ. އެގޮތުން ގާތް މީހަކު އޭނާ އަށް ހުށަހެޅީ ދިވެހި ކުޅިވަރަށް މަސައްކަތްތަކެއް ކޮށްދިނުމުގެ ގޮތުން ހުޅުމާލޭގެ ކްލަބެއް ހަދައިގެން ކުރިއަށް ދިއުމަށް ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑު ދަންނަވައިފިން ތިޔަށް ވުރެ މާ ރަނގަޅު ގޮތެއް އެބައޮތޭ. ރާއްޖޭގައި 50 އަހަރަށް ވުރެ ގިނަ ދުވަހު ކުޅިވަރަށް ހިދުމަތް ކުރި ކްލަބެއް އެބައޮތޭ މާލީ ސަބަބުތަކާ ހެދި މި ވަގުތު މަޑުޖެހިފައި އޮތް. އަޅުގަނޑާ ވެސް ވަރަށް ގާތް ކްލަބެކޭ ވިކްޓަރީ އަކީ،" ވިކްޓަރީގައި މަސައްކަތް ކުރެއްވުމުގެ ހިޔާލު ލިބިވަޑައިގެންނެވި ގޮތް ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވިކްޓަރީގެ މަސައްކަތަކީ މި އަހަރު އެކަނި ކޮށް ނިންމާލާނެ މަސައްކަތެއް ނޫން ކަމަށެވެ. މިހާރުގެ އެކްސްކޯގެ ދައުރު ނިމޭ އިރު ރަނގަޅު އޮނިގަނޑެއްގެ ތެރެއިން ކްލަބް ހިންގޭނެ އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޒުވާން ޓީމުތަކެއް ވެސް އެކުލަވާލުމުގެ ޕްލޭންތައްކެއް ވސް ކްލަބްގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަގުތު އަޅުގަނޑުމެންގެ އެންމެ ބޮޑު ޓާގެޓަކީ މިހާރު އޮތް ހާލަތުން ކްލަބް ނެގުން،" ނިޔާޒު ވިދާޅުވި އެވެ.
ތިން އަހަރަށް ފަހު ވިކްޓަރީން ރާއްޖޭގެ ފުޓްބޯޅައިގައި ކުޅޭ ފުރަތަމަ މެޗުގައި، ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ ނުކުންނާނީ ބީޖީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.