ގައުމަށް ނުދެވި ހަތަރުމަސް ވަންދެން ދިއްލީ އެއާޕޯޓުގައި!
ގައުމަށް ނުދެވި ހަތަރުމަސް ވަންދެން ދިއްލީ އެއާޕޯޓުގައި!

ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު، އަމިއްލަ ގައުމަށް ނުދެވި، އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަތަރު މަސް ވަންދެން މީހަކު ތާށިވެއްޖެ އެވެ.

ވިއެޓްނާމްގެ ހަނޯއީ އިން އިސްތަންބުލް އަށް ދަތުރުކުރި ޖަރުމަނުގެ އެ ފިރިހެންމީހާ ނިއު ދިއްލީގެ އެއާޕޯޓުގައި މަޑުކުރީ ޓްރާންސިޓް ފަސިންޖަރެއްގެ ގޮތުގަ އެވެ. މާޗު 15 ގައި ދަތުރުކުރި އެ މީހާގެ ދަތުރު މެދުކަނޑާލަން ޖެހުނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެންނެވެ.

ޖަރުމަނުގެ އެމްބަސީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، އެއީ އެ ގައުމުގައި ކުށުގެ ރެކޯޑެއް ވެސް އޮތް މީހެކެވެ. އެހެންވެ، އެ މީހާ އަށް އަނބުރާ ގައުމަށް ދެވެން އޮތް ފުރުސަތު އިތުރަށް ހަނިވެފައިވާ ކަމަށް އެމްބަސީން ބުނެ އެވެ.

ޖަރުމަނުގައި ކުށުގެ ރެކޯޑު އޮތުމުން، އެ ކުށާ ގުޅޭ ހުކުމަށް އަމަލު ކުރަން ބޭނުން ނުވާތީ އެ މީހާ އަނބުރާ ޖަރުމަނަށް ދާން ބޭނުން ނުވީ ކަމަށް އެމްބަސީގެ އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ މާޗު މަހުގެ 15 އިން ފެށިގެން އެ މީހާ މަޑުކޮށްގެން ހުރީ ދިއްލީ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރާންސިޓް ސަރަހައްދުގަ އެވެ. އަދި އެ ތަނުން ކެއުމާއި އެހެން ހިދުމަތްތައް އެ މީހާ އަށް ލިބޭ ކަމަށް ވެސް އެމްބަސީން ބުނެ އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އިންޑިއާ އޮތީ މާޗު މަހުގެ 25 އިން ފެށިގެން ލޮކްޑައުންގަ އެވެ. އެހެންވެ،
އެ ގައުމަށް އަރައިފައިބައި އުޅުމަށް ފަސޭހައެއް ނުވާނެ އެވެ. އެކަމަކު ޖަރުމަނުގެ މީހާ އަނބުރާ ގައުމަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށް އެމްބަސީން ބުންޏެވެ.