14 ޖުލައި 2022 - 18:58

އިގްތިސާދީ މައްސަލަތަކާ ހެދި އާންމުން ރުޅިގަދަވެ މަގުމަތަކަށް ނުކުތުމުން އިސްތިއުފާ ދެއްވަން ނިންމެވި ސްރީ ލަންކާގެ ރައީސް ފިއްލަވައިގެން ރާއްޖެއަށް ކުރެއްވި ދަތުރަށް ފަހު މިއަދު ސިންގަޕޫރަށް ވަޑައިގެން އެ ގައުމުގައި ހުންނަވައިގެން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ލަންކާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ގޮޓާބަޔަގެ ސިޓީ، ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަތީ މީގެ އިރުކޮޅެއް ކުރިންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގޮޓާބަޔަ އިސްތިއުފާ ދެއްވައި އެކަން އެންގެވީ އީމެއިލް މެދުވެރިކޮށެވެ.
ލަންކާގެ މަޖިލީހުގެ ރައީސްގެ މީޑިއާ އިން ބުނި ގޮތުގައި ސިޓީގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު ރަސްމީކޮށް އިސްތިއުފާ އިއުލާނުކުރާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އިސްތިއުފާގެ ސިޓީގެ އަސްލު ސިންގަޕޫރުން ލަންކާ އަށް ވައިގެ މަގުން، ވީ އެންމެން އަވަހަކަށް ފޮނުވާނެ އެވެ. އެހެންވެ އިސްތިއުފާ ރަސްމީކޮށް އިއުލާނުކުރުން އޮންނާނީ މާދަމާ ކަމަށް ގާނޫނު ހަދާ މަޖިލީހުން ވަނީ ބުނެފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ލަންކާގެ އާންމުން މަގުތަކަށް ނުކުމެ ރައީސާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅާއި އޮފީސްތައް ހިސާރުކުރުމާ އެކު ގޮޓާބަޔަ އާއި އަރިސް ބޭފުޅުން ފިއްލަވައިގެން މަސައްކަތްކުރެއްވީ ޔޫއޭއީ އަށް ވަޑައިގަތުމަށެވެ. ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ގޮޓާބަޔަ ފުރާވަޑައިގަންނަން ކުރެއްވި މަސައްކަތަށް އެއާޕޯޓްގެ މުވައްޒަފުން ހުރަސްއެޅުމުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ގޮޓާބަޔަގެ ދެކަނބަލުންނާއި ސެކިއުރިޓީ ދެ މީހަކު ރާއްޖެ އައީ އަސްކަރީ މަތިންދާބޯޓެއްގަ އެވެ.
ގޮޓާބަޔަ ގައުމު ދޫކޮށް ވަޑައިގަތުމުގައި ރާއްޖޭން އެހީވުމުން ލަންކާ އާއި ރާއްޖޭގައި ވެސް ދިވެހި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވިޔަސް މިކަމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ގޮޓާބަޔަ ސިންގަޕޫރަށް ވަޑައިގަތުމާ އެކު އެ ގައުމުން ވަނީ އޭނާ ވަޑައިގަތީ އަމިއްލަ ދަތުރެއްގައި ކަމަށް އިއުލާނުކޮށް ބަޔާނެއް ނެރެފަ އެވެ. ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ބުނީ ގޮޓާބަޔަގެ ދަތުރަކީ އަމިއްލަ ދަތުރެއް ކަމަށާއި ސިޔާސީ ހިމާޔަތަށް ވެސް އެދިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ ގައުމަކީ އެގޮތަށް ސިޔާސީ ހިމާޔަތް ދޭ ގައުމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާ އަށް ރައީސްގެ ބާރުތައް ދީފައި ވާއިރު މިއަދު ވަނީ އާންމުން ހިސާރުކުރި ސަރުކާރުގެ އިމާރާތްތައް ދޫކޮށްލައި ވެރިކަން ބަދަލުކުރުމުގެ ކަންކަން ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް އަލުން މަސައްކަތް ފަށައިފަ އެވެ. ކުރިން ނިންމާފައިވާ ގޮތުން ނަމަ މި މަހުގެ 20 ވަނަ ދުވަހު އާ ރައީސަކު މަޖިލީހުން އިންތިހާބުކުރާނެ އެވެ.