ލަންކާ މީހުންގެ މުޒާހަރާއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި
ލަންކާ މީހުންގެ މުޒާހަރާއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އަނބުރާ ގައުމަށް ފޮނުވާލުމަށް ގޮވާލައި މާލޭގައި އިއްޔެ ބޭއްވި އެއްވުމުން ހައްޔަރުކުރި މީހާ، ޝަރުތަކާއެކު ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

އަލިމަސް ކާނިވާ ސަރަހައްދު ކައިރިން ޕެޓްރޯލް ޝެޑް ކުރިމައްޗަށްވާ ކަހަލަ ގޮތަކަށް ރާއްޖޭގައި ދިރިއުޅޭ ލަންކާގެ 100 އެއްހާ މީހުން އެއްވެ، ހިތްހަމަނުޖެހުން ފާޅުކުރީ ސިއްރިއްޔާތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ވަޑައިގެން، ދިވެހި ސަރުކާރުގެ ހިމާޔަތް ހޯދާފައިވާތީ އެވެ.

ނަމަވެސް އެ މުޒާހަރާ ފެށިތަނާ ހެން ފުލުހުން ނުކުމެ ވަނީ ހުއްޓުވައިފަ އެވެ. އަދި އެ މުޒާހަރާއިން ލަންކާގެ ފިރިހެނަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތަކާ އެކު ދޫކޮށްލާފައިވާ ކަމަށެވެ.

ގޮޓާބަޔަ ރާއްޖެ ވަޑައިގަތީ އޭނާ އެހެން ގައުމުތަކަށް ވަޑައިގަތުމަށް ހުއްދަ ނުލިބުމުންނެވެ. އެމެރިކާ އާއި އިންޑިއާއިން ވެސް އޭނާ ވަޑައިގަތުމުގެ ހުއްދަ ނުދިންއިރު، ދުބާއީ އަށް ވަޑައިގަތުމަށް މިދިޔަ އަންގާރަ ދުވަހު މަސައްކަތްޕުޅު ކުރެއްވުމުން ލަންކާ އެއާޕޯޓްގެ އޮފިޝަލުން އޭނާ އަށް އެއްބާރުލުމެއް ނުދިނެވެ.

އެކަމަކު، ބޭރުގެ ނޫސްތަކުން ބުނާ ގޮތުން ގޯޓާބަޔަ އާއި އޭނާގެ އަނބިކަނބަލުން ލޯމާ ރާޖަޕަކްސަ އަދި ދެ ބޮޑީގާޑުންނާއެކު މިއަދު ހެނދުނު ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފަ އެވެ.

ލަންކާގެ ރައީސާ ދެކޮޅަށް އެ ގައުމުގެ އެތައް ހާސް ބަޔަކު ނުކުތީ އިގްތިސޯދީ ހާލަތު ދަށްވެ، ކަންކަން މެނޭޖު ނުކުރެވި ބޮއްސުންލައިގެން ދިއުމުންނެވެ. އެ އެއްވުންތަކާ ގުޅިގެން އިސްތިއުފާގެ ސިޓީގައި ސޮއިކުރައްވައި، އިއްޔެ ވަގުތެއްގައި މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށް އިއުލާންކުރެއްވިޔަސް އަދި ވެސް އިސްތިއުފާއެއް ނުދެއްވަ އެވެ.

ބޭރުގެ މީޑިއާތައް ބުނާގޮތުން ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ގޯޓާބަޔަ އިސްތިއުފާ ދެއްވާނެ އެވެ.