14 ޖުލައި 2022 - 14:37

މާދަމާ ރާއްޖޭގައި ފަށާ، އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުތައް ރާއްޖެ އަންނަން ފަށައިފި އެވެ.
އޭޝިއާގެ 30 ގައުމަކުން ވާދަކުރާ މި މުބާރާތުގައި މިއަދު މެންދުރު މެލ؛ޭޝިއާ އާއި ވިއެޓްނާމްގެ ޓީމު ވަނީ ރާއްޖެ އައިސްފަ އެވެ. މި ހަފުތާގައި މުބާރާތުގެ ޖަޖިން ޓީމާއި އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝްން (އޭބީބީއެފް) ގެ ޓީމު ވަނީ ރާއްޖެ އައިސްފަ އެވެ. (އޭބީބީއެފް) ގެ ޓީމު މިހާރު ތިބީ މާފުށީގަ އެވެ.
މުބާރާތުގެ ފިރިހެން އިވެންޓްތައް ކުރިއަށް ގެންދާނީ މާފުށީ ޓޫރިސްޓުން މޫދަށް އެރޭ ސަރަހައްދުގެ އަރިމަތީގައި ހަދާ ސްޓޭޖުގަ އެވެ. އަންހެން އިވެންޓްތައް ކުރިއަށް ގެންދާނީ ކްރޮސް ރޯޑްގަ އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގައި ރާއްޖެއިން ފިރިހެން ޓީމެއް ވާދަ ކުރެ އެވެ. ރާއްޖޭގެ ޖުމުލަ 20 އެތުލީޓުން ވަނީ ދެ ޕޫލަކަށް ބަހައިލައިފަ އެވެ. ޕޫލް އޭ ގެ ޓްރޭނިންތައް ކުރިއަށް ގެންދާނީ ކުރީގެ މިސްޓަ އޭޝިއާގެ ޓައިޓަލް ހޯދައިފައިވާ މެލޭޝިއާގެ މެލޭޝިއާގެ ވޮން ހޮން އެވެ.
ރާއްޖޭގެ ޓާގެޓަކީ މަދުވެގެން 10 މެޑަލް ހޯދުމެވެ. ބޮޑީ ބިލްޑިންގައި ރާއްޖޭގެ އެތުލީޓުން މީގެ ކުރިން ވެސް ވަނީ އޭޝިއާ އަދި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ.
މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ، މުހައްމަދު ރަޝީދު (ރަޗޭ) އާއި މުހައްމަދު މޫސާ (މޯޑް) ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަދި ހުސައިން ހިމްޔާން އާއި އަޒްނީން ރަޝީދު ލޯ މެޑަލް ވެސް ހޯދި އެވެ. ދެކުނު ކޮރެއާގައި 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި މޯޑް ވަނީ ލޯ މެޑަލް ވެސް ހޯދާފަ އެވެ. ނޭޕާލްގައި 2019 ގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގައި މޯޑް ވަނީ ރަން މެޑަލް ވެސް ހޯދައިފަ އެވެ.