14 ޖުލައި 2022 - 15:19

ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައަކީ، ނޭޓޯގެ ގައުމުތަކުން އެކި ގޮތްގޮތުން ކުރަމުން ދާ ހަނގުރާމައެއް ކަމަށް ރަޝިޔާ އިން ތުހުމަތުކޮށްފި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭންގައި ހިންގަމުންދާ އަސްކަރީ ހާއްސަ ހަރަކާތުގެ ތެރެއަށް ނޭޓޯ އިން ވަދެގެން އުޅެނީ، އެ ގައުމުތަކުން ޔޫކްރޭނަށް ފޯރުކޮށްދޭ އަސްކަރީ އެހީތަކާއި ހަތިޔާރުންނެވެ. އަދި ރަޝިޔާ ސިފައިންނާ ދެކޮޅަށް ހަމަލާ ދިނުމަށް، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޮނުވަމުންދާތީ ރަޝިޔާ އިން އެކަން ވެސް ކުށްވެރިކުރެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަޝިޔާގެ ރިއާސީ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވީ ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ޒަމާނީ ހަތިޔާރު ފޮނުވުމުގެ އިތުރުން، އެ ހަތިޔާރުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް ވެސް ނޭޓޯގެ ގައުމުތަކުން ޔޫކްރޭން ސިފައިންނަށް ދެމުންދާ ކަމަށެވެ. އެހެންކަމުން އެއީ ރަޝިޔާއާ ދެކޮޅަށް ޔޫކްރޭނުން ހަނގުރާމަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގައި އުފައްދާފައިވާ އެންމެ ޒަމާނީ އާޓިލަރީ ހަތިޔާރުގެ ތެރޭގައި ހިމެނޭ "ހިމާޒް" މަރުކާގެ ރޮކެޓް ނިޒާމުތައް މިހާރު ވަނީ ޔޫކްރޭނަށް ފޮނުވައިފަ އެވެ. އެ ނިޒާމުތައް ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމަށް އެމެރިކާގެ އަސްކަރީ އިންސްޓްރަކްޓަރުން ގެންދަނީ ޔޫކްރޭން ސިފައިންނަށް ހާއްސަ ތަމްރީންތަކެއް ދެމުންނެވެ. އޭގެ އިތުރުން އިނގިރޭސި ވިލާތުން ވެސް، މިހާރު ވަނީ ޔޫކްރޭންގެ ސިފައިންތަކެއް އިނގިރޭސި ވިލާތަށް ގެންގޮސް ހާއްސަ ތަމްރީންތަކެއް ދޭން ފަށައިފަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، މިހާރު އެންމެ ބޮޑަށް ހަމަލާތައް ބަދަލުކުރަމުން ދަނީ ޔޫކްރޭންގެ ދެކުނު ސަރަހައްދުގަ އެވެ. ޔޫކްރޭންގެ ދެކުނުގައި އޮންނަ ޚެރްސޯން ކިޔާ ސަރަހައްދުގައި ތިބި ރަޝިޔާ ސިފައިން އެ ސަރަހައްދުން ފައްސައިލުމަށް، ޔޫކްރޭން ސިފައިން މިހާރު ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.