14 ޖުލައި 2022 - 13:09

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ދަރަނީގެ ތެރެއިން ލޯނު އަނބުރާ ދެއްކުމަށް ދެ ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދައުލަތުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މި އަހަރު 2.8 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހެ އެވެ. ދެ ބިލިއަން ރުފިޔާ ދެއްކުމާ އެކު ބާކީ ލޯނު އަދާކުރަން ހޭދަކުރަން ޖެހޭނީ 800 މިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު ލޯނު އަދާކުރަން 3.3 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރަން ޖެހޭނެ އެވެ. އަދި އޭގެ އަނެއް އަހަރު 3.6 ބިލިއަން ރުފިޔާ ލޯނު އަނބުރާ ދައްކަން ޖެހެ އެވެ. ދައުލަތުގެ ދަރަނި އަދާކުރަން މި އަހަރު ޖުމްލަ 5.7 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. މިއީ ދައުލަތަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 30 ޕަސެންޓެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތުގެ ދަރަނި ވަނީ 100 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިއަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ.
ދައުލަތުން މިހާތަނަށް އެއް އަހަރުގެ ތެރޭގައި އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަން އޮތީ 2026 ވަނަ އަހަރެވެ. އެއަހަރު ދައުލަތުން 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ގެ ދަރަނި އަދާކުރަން ޖެހެ އެވެ. ދަރަނި އަދާކުރަން އެހާ ބޮޑު ހޭދައެއް ކުރަން ޖެހެނީ މިދިޔަ އަހަރު ސަރުކާރުން ނެގި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު އެ އަހަރު ދައްކަން ޖެހޭތީ އެވެ.