02 ޖެނުއަރީ 2017 - 06:28

އަޔަން ޑެފިޝެންސީ އެނީމިއާ ނުވަތަ ހަށިގަނޑުގައި ދަގަނޑުގެ ބައި އެކަށީގެންވާ ވަރަށް ވުރެ މަދުވުމުން ސިއްހީ އެކި މައްސަލަތައް ދިމާވެ އެވެ. ބޮޑެތި މީހުންގެ މެދުގައި ކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި ދަގަނޑު މަދުވުމުން ކަންފަތް ބީރު ވެސް ވެދާނެ އެވެ.
ޖަމާ އޮޓޮލަރިންގޮލޮޖީ-ހެޑް އެންޑް ނެކް ސާޖަރީ ޖާނަލްގެ މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައި ވަނީ އަޔަން ޑެފިޝެންސީ އެނީމިއާ ހުންނަ މީހުންނަށް، އިވުމުން މަހުރޫމުވަށް މެދުވެރިވާ "ކޮމްބައިންޑް ހިއަރިން ލޮސް" އާ ކުރިމަތިވުމުގެ ފުރުސަތު އަޔަން ޑެފިޝެންސީ އެނީމިއާ ނުހުންނަ މީހުންނާ އަޅާބަލާއިރު ދެ ގުނަ އިތުރު ކަމަށެވެ.
މި ދިރާސާކޮށްފައި ވަނީ ޕެންސިލްވީނިއާގެ 300،000 މީހެއްގެ މައުލޫމާތު އެއްކޮށްގެންނެވެ. ދިރާސާގައި ބައިވެރިކޮށްފައި ވަނީ އުމުރުން 21 އަހަރާއި 90 އަހަރާ ދެމެދުގެ މީހުންނެވެ. އެ މީހުންގެ އެވްރެޖް އުމުރަކީ 50 އަހަރެވެ.
ދިރާސާގައި ބައިވެރިކުރި މީހުންގެ ސިއްހީ ރެކޯޑްތަކަށް ބަލައި، އަޔަން ޑެފިޝެންސީ މަދު މީހުންގެ ތެރެއިން އިވުމުގެ އެއްވެސް މައްސަލައެއް ދިމާވެފައިވާ މީހުން ވެސް ފާހަގަކުރި އެވެ.
ކަންފަތް ބީރުވުމަށް މައިގަނޑު ތިން ސަބަބެއް މެދުވެރި އެވެ. އެއީ ކަންފަތުގެ އެންމެ އެތެރެއަށް ލިބޭ ގެއްލުމަކުން، ކަންފަތާއި ސިކުނޑި ގުޅުވައިދޭ ނާރުތައް ހަލާކުވެގެން ނުވަތަ ސިކުނޑި އަށް ގެއްލުން ވެގެން އިވުމުން މަހުރޫމުވުމެވެ. މިއި ސެންސޮރިނިއުރަލް ހިއަރިން ލޮސް އެވެ. އަނެއް ގޮތަކީ ކަންފަތުގެ ތެރޭގައި ރަނގަޅަށް އަޑު ދަތުރު ނުކުރުމުން ކަންފަތަށް އަޑު ނީވޭ މައްސަލަ އެވެ. މިއީ ކޮންޑަކްޓިވް ހިއަރިން ލޮސް އެވެ. އަދި މި ދެ ހާލަތު އެކުވެގެން ވެސް އިވުމުން މަހުރޫމު ވެދާނެ އެވެ. އެއީ ކޮމްބައިންޑް ހިއަރިން ލޮސް އެވެ.
ދިރާސާއިން އެނގުނު ގޮތުގައި އަޔަން ޑެފިޝަންސީ އެނީމިއާ ހުރި މީހުންނަށް ކޮމްބައިންޑް ހިއަރިން ލޮސްއާ ކުރިމަތިވުމަށް އޮންނަ ފުރުސަތު، އަޔަންގެ މައްސަލަ ނެތް މީހުންނާ އަޅާބަލާއިރު 2.4 ގުނަ އިތުރެވެ. އަދި ކަންފަތް ބީރުވުމުގެ އެހެން ހާލަތްތައް މެދުވެރިވުމަށް އޮންނަ ފުރުސަތު ވެސް އަޔަން ޑެފިޝެންސީގެ ސަބަބުން އިތުރުވާ ކަމަށް ދިރާސާގައި ފާހަގަވެފައިވެ އެވެ.