14 ޖުލައި 2022 - 12:09

ސިއްރިއްޔާތުގައި އަންގާރަ ދުވަހުގެ ރޭ ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ސައޫދީ އެއާލައިންސްގެ ބޯޓެއްގައި ދެންމެ ރާއްޖެއިން ފުރާވަޑައިގެންފި އެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހުން ބުނީ ގޯޓާބަޔަ އާއި އޭނާގެ އަނބިކަނބަލުން ލޯމާ ރާޖަޕަކްސަ އަދި ދެ ބޮޑީގާޑުންނާއެކު ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
އެ ބޭފުޅުން ސިންގަޕޫރަށް ވަޑައިގަންނަން ފުރަތަމަ އުޅުއްވީ ސިންގަޕޯ އެއާލައިންސްގަ އެވެ. ނަމަވެސް ސެކިއުރިޓީ ސަބަބުތަކާ ހެދި ރޭ ފުރާވަޑައިނުގެންނެވީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ލަންކާގެ އަސްކަރީ މަތިންދާބޯޓެއްގައި ގޯޓާބަޔާއަށް ސިންގަޕޫރުން ހިމާޔަތްދީފައިވާ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން އޮތީ ރިޕޯޓްކޮށްފަ އެވެ.
ގޮޓާބަޔަ ރާއްޖެ ވަޑައިގަތީ އޭނާ އެހެން ގައުމުތަކަށް ވަޑައިގަތުމަށް ހުއްދަ ނުލިބުމުންނެވެ. އެމެރިކާ އާއި އިންޑިއާއިން ވެސް އޭނާ ވަޑައިގަތުމުގެ ހުއްދަ ނުދިންއިރު، ދުބާއީ އަށް ވަޑައިގަތުމަށް މިދިޔަ އަންގާރަ ދުވަހު މަސައްކަތްޕުޅު ކުރެއްވުމުން ލަންކާ އެއާޕޯޓްގެ އޮފިޝަލުން އޭނާ އަށް އެއްބާރުލުމެއް ނުދިނެވެ.
އޭނާ ރާއްޖެ ވަޑައިގަތުމުން އެ ކަމާ ދެކޮޅަށް އިއްޔެ ކާނިވަލް ސަރަހައްދުގައި މުޒާހަރާ ވެސް ކުރި އެވެ. އަދި އެކަމާ ގިނަ ދިވެހިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެ މީހުން ގަބޫލުކުރާ ގޮތުގައި ލަންކާގެ އެތެރޭގެ ސިޔާސީ ހަމަނުޖެހުމުގެ ތެރެއަށް ރާއްޖެއިން ވަނުމަކީ ގޯހެކެވެ. ނަމަވެސް ގޯޓާބަޔާ ރާއްޖެ ވަޑައިގެންނެވިތާ 24 ގަޑިއިރު ވެސް ސަރުކާރުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ނަމަ ގޮޓާބަޔަ ރާއްޖޭގައި ހުންނެވީ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓުގަ އެވެ. އެކަމަކު، އެހެން މަސްދަރުތަކުން ބުނަނީ އޭނާ ގުންނެވީ ދިވެހި ސިފައިންގެ ތަމްރީނު މަރުކަޒު ގިރިފުށީގައި ސިފައިންގެ ހިމާޔަތުގަ އެވެ.
ލަންކާގެ ރައީސާ ދެކޮޅަށް އެ ގައުމުގެ އެތައް ހާސް ބަޔަކު ނުކުތީ އިގްތިސޯދީ ހާލަތު ދަށްވެ، ކަންކަން މެނޭޖު ކުރުމުގައި ބޮއްސުންލައިގެން ދިއުމުންނެވެ.