14 ޖުލައި 2022 - 11:58

މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަނުންގެ ގޮތުގައި ދެވަނަ ޑިވިޝަން ޕްރަމޯޓްވި ބުރު ސްޕޯޓްސް ކުލަބުން، އެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމުގެ ޓާގެޓާއެކު މުބާރާތަށް ވަރުގަދަ ސްކޮޑެއް އެކުލަވައިލައިފި އެވެ.

"ތިންވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދި އިރު އޮތް ސޮކޮޑަށް ވަރުގަދަ ސްކޮޑެއް ދެވަނަ ޑިވިޝަނަށް މި އޮތީ އެކުލަވާލާފަ،" ބުރުގެ އޮފިޝަލަކު ބުންޏެވެ.
"ތަޖުރިބާގެ ގޮތުން ބެލިޔަސް އެއްވަނަ ޑިވިޝަންގައި ވެސް ގިނަ މެޗުތަކެއް ކުޅެފަ ތިބި ގިނަ ކުޅުންތެރިންތަކެއް އެބަތިބި. މިފަހަރު ވެސް ބޮޑު އުންމީދެއް އެބައޮތް."
ވަރުގަދަ ސްކޮޑަކާ އެކު އެޓީމުން ވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު، އަންހެން ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު، ކުރިން ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް ކުޅުނު އާފިއު މުހައްމަދު ހާމިދުގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ފަށައިފަ އެވެ. އެކަމަކު ކުޅުންތެރިން ހޯދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ފަށާފައި ވާނެ ކަމަށް އެ ކުލަބުން މަތުލޫމާތު ދެ އެވެ.
ބުރު ސްޕޯޓްސް ކުލަބުން މައުލޫމާތު ދޭ ގޮތުގައި އެ ޓީމުގައި ކުރިން ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި ކުޅުނު 11 ކުޅުންތެރިއެއް ޓީމުގައި ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި އަހުމަދު ރަޝީދު (އަންމަޑޭ)، މުހައްމަދު ނިޒާމް (ނިޒާމްބެ)، އަހުމަދު ނުހާދު (ގުއްޕެ)، އިބްރާހިމް އަބްދުﷲ (އިއްބެ)، އަހުމަދު ވިސާމް (ޖެރާޑް)، މުހައްމަދު ޖަޒްލާން (ބަބޭ)، އަބްދުﷲ އަރުޝަދު، ފާރޫގު އިސްމާއިލް އަދި މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަނުގައި ބުރު ސްޕޯޓްސް ކުލަބަށް ކާމިޔާބު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އަދި މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު މުހައްމަދު ތަޝްމީން (ތައްތި) ހިމެނެ އެވެ.
މި ކުޅުންތެރިންގެ ތެރޭގައި، އުމުރުފުރާގެ ގައުމީ ޓީމުތަކާއި، ސީނިއާ ގައުމީ ޓީމުގެ އިތުރުން، ފުރަތަމަ ޑިވިޝަނުގެ ކްލަބް ލެވެލްގައި އޭއެފްސީ ކަޕުގެ ތަޖުރިބާ ގިނަ ކުޅުންތެރިން ހިމެނެ އެވެ. ހަމަ އެއާ އެކު މީގެ ކުރިން ދެވަނަ ޑިވިޝަނުގެ ތަޖުރިބާ ހޯދާފައިވާ ކުޅުންތެރިންނާއި، މިދިޔަ އަހަރު ތިންވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި ބައެއް ކުޅުންތެރިން ވެސް ވަނީ، މުޅިން އަލަށް ދެވަނަ ޑިވިޝަނުގައި ވާދަކުރާ ބުރު ސްޕޯޓްސްގެ ސްކޮޑަށް ނަގައިފަ އެވެ.
މީގެ އިތުރުން ބުރު ސްޕޯޓްސް އިން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ޓީމަށް ގެނެސްފަ އެވެ. ހަތަރު ކުޅުންތެރިން ވެސް ރަސްމީކޮށް ޓީމާއެކު އެއްބަސްވުމުގައި އަންގާރަ ދުވަހު ވަނީ ސޮއި ކޮށްފަ އެވެ. ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ޑިފެންސިވް މިޑްފީލްޑަށް ވެސް ކުޅޭ ބްރެޒިލްގެ ޑިފެންޑަރެއް ކަމަށްވާ ބްރޫނޯ އަރާބެލް ޕަސެމާނީ އާއި، މިސްރުގެ މިޑްފީލްޑަރެއް ކަމަށްވާ އަހުމަދު މުހައްމަދު ގަބޭލާ (ބޫގީ)، އުޒްބެކިސްތާނުގެ މިޑްފީލްޑަރެއް ކަމަށްވާ މިރްޖާލޯލް ކަސީމޯވް އަދި ސާބިއާގެ ސްޓްރައިކަރެއް ކަމުގައިވާ ސްޓެފާން ޑުރިކް އެވެ.
މިދިޔަ އަހަރުގެ ތިންވަނަ ޑީވިޝަން މުބާރާތުގައި އެންމެ މެޗަކުން ވެސް ބަލި ނުވެ، ތަށި އުފުލާލި ބުރު ސްޕޯޓްސް ކުލަބް ދެވަނަ ޑިވިޝަނުގައި ހިމެނެނީ، ޓެންޓް ސްޕޯޓްސް ކުލަބް، ކްލަބް ޕީކޭ، ދިވެހި ސިފައިންގެ ކުލަބް، ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް، ބިސްބުރު ސްޕޯޓްސް ކްލަބް، ޖޭޖޭ ސްޕޯޓްސް ކްލަބް އަދި ކުޑަ ހެންވޭރު ޔުނައިޓެޑާ އެކު، ގުރޫޕް އޭގަ އެވެ.
ތިންވަނަ ޑިވިޝަނުގެ ގަދަ އަށް ޓީމަށް މިއަހަރުގެ ދެވަނަ ޑިވިޝަނުން ޖާގަ ދިން ނަމަވެސް، މިއަހަރުގެ ދެވަނަ ޑިވިޝަނުގެ އެއްވެސް ޓީމަކަށް ޕްރިމިއާ ލީގުގެ ސީދާ ޖާގައެއް ޔަގީނެއް ނުވާނެ އެވެ. ފްރިމިއާ ލީގުން ޖާގަ ލިބެން އަންނަނީ، ދެވަނަ ޑިވިޝަނުގެ ފައިނަލަށްދާ ދެ ޓީމާއި، ޕްރިމިއާ ލީގުގެ ފުލަށްދާ ދެޓީމު ކުޅެން ހަމަޖެހިފައިވާ ޕްލޭއޮފްގެ އެންމެ ނަތީޖާ ރަނގަޅު ދެ ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.
ދެވަނަ ޑިވިޝަނުގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުޅެން އޮތީ، ގަލޮޅު ދަނޑުގައި މިރޭ 9 ޖަހާއިރު، ކުޑަހެންވޭރު ޔުނައިޓެޑާ ދެކޮޅަށެވެ.