ބޮޑީ ބިލްޑިން މުބާރާތުގެ އަންހެން ކެޓަގަރީ ކްރޮސްރޯޑްގައި، ފިރިހެން ކެޓަގަރީ މާފުށީ ގެސްޓް އޭރިއާގައި
ބޮޑީ ބިލްޑިން މުބާރާތުގެ އަންހެން ކެޓަގަރީ ކްރޮސްރޯޑްގައި، ފިރިހެން ކެޓަގަރީ މާފުށީ ގެސްޓް އޭރިއާގައި

އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށާ، އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ އަންހެން ކެޓަގަރީގެ އިވެންޓް، ބާއްވާނީ ކްރޮސް ރޯޑްގައި ކަމަށް، ބޮޑީ ބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް) އިން ހާމަކޮށްފި އެވެ.

ކ. މާފުށީގައި ބާއްވާ ފިރިހެން ކެޓަގަރީގެ އިވެންޓް ބާއްވާނީ ޓޫރިސްޓުން މޫދަށް އެރެން ހާއްސަކޮށްފައިވާ ސަރަހައްދުގައި ހަދާ ސްޓޭޖެއްގަ އެވެ. މިއީ ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ބޮޑީ ބިލްޑިން ދެވަނަ މުބާރާތްކަން ވެސް ބީބީއޭއެމުން ފާހަގަ ކުރެ އެވެ. އެގޮތުން 2001 ގައި ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތް ވެސް ރާއްޖޭގައި ވަނީ ބާއްވާފަ އެވެ.

ބީބީއޭއެމުން ބަޔާނެއް ނެރެ، މުބާރާތުގެ އިވެންޓްތައް ކުރިއަށް ގެންދާނެ ތަންތަން ހާމަކުރީ، ދީނީ ބައެއް އިލްމުވެރިންނާއި ބައެއް އާންމުން ވެސް ކަންބޮޑުވުން ފާޅު ކުރުމުންނެވެ. ދީނީ އިލްމުވެރިންގެ ކަންބޮޑުވުމަކަށް ވީ ނިވާކަން ކުޑަކޮށް ބާއްވާ މުބާރާތެއް އާންމުން ދިރިއުޅޭ ރަށެއްގައި ބާއްވާތީ އެވެ.

ބީބީއޭއެމްގެ އޮފިޝަލަކު ބުނީ ކުރިން ވެސް މުބާރާތުގެ އިވެންޓްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކްރޮސްރޯޑްގެ އިތުރުން މާފުށީގައި ޓޫރިސްޓުން މޫދަށް އެރޭ ސަރަހައްދުގައި ކަމަށެވެ.

"ކުރިން ވެސް މުބާރާތް ބާއްވާ ގޮތަށް އޮތީ މި ގޮތަށް. އެކަމަކު ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން ބަޔާނެއް ނެރެ އެކަން ހާމަ ކުރަން ބޭނުންވީ،" އޮފިޝަލް ބުންޏެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގައި ރާއްޖެއިން ފިރިހެން ޓީމެއް ވާދަ ކުރެ އެވެ. ރާއްޖޭގެ ޖުމުލަ 20 އެތުލީޓުން ވަނީ ދެ ޕޫލަކަށް ބަހައިލައިފަ އެވެ. ޕޫލް އޭ ގެ ޓްރޭނިންތައް ކުރިއަށް ގެންދާނީ ކުރީގެ މިސްޓަ އޭޝިއާގެ ޓައިޓަލް ހޯދައިފައިވާ މެލޭޝިއާގެ މެލޭޝިއާގެ ވޮން ހޮން އެވެ.

ރާއްޖޭގެ ޓާގެޓަކީ މަދުވެގެން 10 މެޑަލް ހޯދުމެވެ. ބޮޑީ ބިލްޑިންގައި ރާއްޖޭގެ އެތުލީޓުން މީގެ ކުރިން ވެސް ވަނީ އޭޝިއާ އަދި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ.

މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ، މުހައްމަދު ރަޝީދު (ރަޗޭ) އާއި މުހައްމަދު މޫސާ (މޯޑް) ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަދި ހުސައިން ހިމްޔާން އާއި އަޒްނީން ރަޝީދު ލޯ މެޑަލް ވެސް ހޯދި އެވެ. ދެކުނު ކޮރެއާގައި 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި މޯޑް ވަނީ ލޯ މެޑަލް ވެސް ހޯދާފަ އެވެ. ނޭޕާލްގައި 2019 ގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގައި މޯޑް ވަނީ ރަން މެޑަލް ވެސް ހޯދައިފަ އެވެ.