އެމެރިކާގައި ރޫނީ ކުޅުނު ޓީމުގެ ކޯޗުކަމާ އޭނާ ހަވާލު ވެއްޖެ
އެމެރިކާގައި ރޫނީ ކުޅުނު ޓީމުގެ ކޯޗުކަމާ އޭނާ ހަވާލު ވެއްޖެ

ވޮޝިންޓަން (ޖުލައި 13) - އިނގިރޭސި ލީގު ދޫކޮށް އެމެރިކާގެ ޑީސީ ޔުނައިޓެޑަށް ކުޅުނު ކުރީގެ ފޯވާޑް ވޭން ރޫނީ، އެ ޓީމުގެ ހުސްވެފައިވާ ކޯޗުގެ މަގާމާ ހަވާލު ވެއްޖެ އެވެ.

ޑީސީ ޔުނައިޓެޑަށް ކުޅުމަށް ފަހު ރޫނީ ވަނީ އިންގްލެންޑުގެ ދެވަނަ ޑިވިޝަނުގެ ޑާބީ ކައުންޓީ އަށް ކުޅެ، ރިޓަޔާ ވުމަށް ފަހު ޑާބީ އަށް ކޯޗުކަން ވެސް ކޮށްދީފަ އެވެ. ނަމަވެސް އެޑްމިނިސްޓްރޭޝަން މައްސަލައެއްގައި ޓީމުން ހޯދައިފައިވާ ޕޮއިންޓްތައް އުނި ކުރުމުން އެ ޓީމު ރެލިގޭޓް ވީ އެވެ. އޭނާ ވަނީ މިދިޔަ މަހު ފަހުކޮޅު ޑާބީގެ ހެޑް ކޯޗުގެ މަގާމް ދޫކޮށްލައިފަ އެވެ.

ޔޫރަޕުގެ ކުލަބުތަކުގެ ހުށަހެޅުންތައް ލިބުނު ނަމަވެސް އެމެރިކާ ޓީމަކާ ހަވާލުވުމުން އެއީ ރޫނީގެ ކޯޗިން ކެރިއަރުގައި ފަހަތަށް އެޅި ފިޔަވަޅެއް ގޮތުގައި ސިފަކޮށް އިނގިރޭސި މީޑިއާތަކުނ ދަނީ ރޫނީ އަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އެކަމަކު ރޫނީ ވަނީ ފާޑުކިޔުންތަކަށް ރައްދު ދީފަ އެވެ.

"އަހަރެން ދެކުނިން އާޓިކަލް ތަކެއް، ޔަގީނުން ވެސް އެއީ އިންގްލެންޑުގައި، އެމީހުން ބުނަނީ އަހަރެންގެ މި ނިންމުމަކީ ކޯޗިން ކެރިއަރުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް. އަހަރެން ދެކެނީ އެއީ ލީގާ މެދު ވަރަށް އިހުރިރާމު ކުޑަވާ ގޮތަށް ބުނެފައިވާ ވާހަކައެއް ކަމަށް،" އުމުރުން 36 އަހަރުގެ ރޫނީ ބުންޏެވެ.

"މިފަދަ ބޮޑެތި ނިންމުންތައް އަހަރެން އަބަދުވެސް ނިންމަނީ، އަންހެނުންނާ މަޝްވަރާ ކޮށްފައި. މިވަގުތަށް އަހަރެންގެ އާއިލާ ތިބޭނީ އިންގްލެންޑުގައި، އެމީހުނަށް އަހަރެން ގާތަށް ޒިޔާރަތް ކުރެވޭނެ."

މީގެ އިތުރުން، ޑީސީ ޔުނައިޓެޑްގެ ކޯޗުގެ ގޮތުގައި މީޑިއާއާ ވާހަކަ ދައްކަމުން ރޫނީ ބުނީ، އިންގްލެންޑާއި ޔޫރަޕުގެ އެހެން ކްލަބުތަކުން ވެސް ހުށަހެޅުން އައި ނަމަވެސް ފުރަތަމަ ހުރީ ކޯޗިން އިން ކުޑަ ބްރޭކެއް ނަގާ ގޮތަށް ކަމަށެވެ. ނަމަވެސް ޑީސީ ޔުނައިޓެޑުން އޭނާ ބޭނުންވުމުން ގޮތެއް ނިންމަން ވަރަށް ފަސޭހަވި ކަމަށް ވެސް އޭޏާ ބުންޏެވެ.

"އިންގްލެންޑާއި ޔޫރަޕުގެ އެހެން ކުލަބުތަކުން ވެސް ހުށަހެޅުންތައް ލިބުނު. އެކަމަކު އަހަރެން ގަސްދު ކޮށްގެން ހުރީ، ޑާބީ ކައުންޓީ ދޫކޮށްލުމަށް ފަހު ކުޑަވަރެއްގެ ބްރޭކެއް ނަގަން. އެކަމަކު އަހަރެންގެ އެޖެންޓް ގުޅާފައި ޑީސީ ޔުނައިޓެޑުން އަހަރެން ގެންނަން ބޭނުންވާކަމަށް ބުނުމުން ގޮތެއް ނިންމަން ހަގީގަތުގައި 24 ގަޑިއިރު ވެސް ނުނެގި،" ޑާބީ އަށް ބަދަލުވުމުގެ ކުރިން ޑީސީ ޔުނައިޓެޑުގައި 18 މަސް ހޭދަކުރި، އަދި އެ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ރޫނީ ބުންޏެވެ.

"ފާއިތުވި 18 މަސްތެރޭ ޑާބީ ކައުންޓީގައި އަހަރެން ކުރި ތަޖުރިބާ ގައި، ކޯޗެއް ގޮތުގައި އަދި މެނޭޖަރެއް ގޮތުގައި ވެސް އަހަރެންނަށް ކުރިއަށްދާން ލިބުނު މުހިއްމު ފިލާވަޅުތަކެއް ލިބުނު. އަނެއްކާ އެނބުރި މޭޖާ ލީގް ސޮކާ (އެމްއެލްއެސް) އަށް އައިސް ޑީސީ ޔުނައިޓެޑާ ހަވާލުވާން ފުރުސަތު ލިބުނުން، ވަރަށް އުފާވެއްޖެ، އުންމީދުކުރަން ކޯޗެއްގެ ގޮތުގައި ކުރިއެރުން ހޯދޭނެ ކަމަށް."

މީގެ އިތުރުން ކުލަބަށް ވަރުގަދަ ކުޅުންތެރިން ހޯދައި އަދި ޒުވާން ކުޅުންތެރިން އުފައްދައިގެން ޑީސީ ޔުނައިޓެޑަކީ ކާމިޔާބު ކުލަބަކަށް ހަދަން ވެސް މަސައްކަތް ކުރާނެ ކަމަށް ރޫނީ ވަނީ ބުނެފަ އެވެ.

"ޓީމަށް ކުރިއެރުން ހޯދަން ޖެހޭ، އެކަން އެންމެނަށް ވެސް އެނގޭނެ. އަހަރެންގެ ހުރި ގާބިލުކަމުން ޒުވާޏް ކުޅުންތެރިން އުފައްދައި، ކުލަބަށް އިތުރު ކުޅުންތެރިން ގެނެސްގެން މިއީ އަލުން ކާމިޔާބު ކުލަބަކަށް ހެދިދާނެކަމަށް އަހަރެން ގަބޫލު ކުރަން،" އިންގްލެންޑް ގައުމީ ޓީމާއި މެންޗެސްޓާ ޔުނައިޓެޑުގެ ވެސް ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިފައިވާ ރޫނީ ބުންޏެވެ.

"މި ކަމަށް ވަރަށް ބުރަ މަސައްކަތް ކުރަން ޖެހޭނެ، އެކަން ކުރަން އަހަރެން އައިސް މިހުރީ، ޓީމު ކުރިއަރުވަން މަސައްކަތް ކުރަން."