13 ޖުލައި 2022 - 08:02

މިހާރު ގަޑިން ދަންވަރު ދޭއްޖަހަނީއެވެ. އަހަރެން ނިދިނާންނަނީ ކީއްވެގެން ހެއްޔެވެ؟ ގައިގެ ތެރެއިން، ދިރޭއެއްޗެހިތަކެއް ދުވާހެން ހީވަނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ މަހަކު ދެތިން ރޭ އަހަންނަށް މި ކަމެއް އެބަ ދިމާވެއެވެ. ގިނަ ރޭރޭ ރަނގަޅަށް ނިދުނަސް، ބައެއް ދުވަސްދުވަހު ހެނދުނު ހޭލާ އިރު ހުންނަނީ މޭނުބައިކޮށްފައެވެ. އެކަމަކު ހޮޑެއްނުލެވެއެވެ. ކޮންމެ ދުވަހަކު ވެސް ހަވީރު ވަގުތު އަހަރެން ބޮލުގަރިއްސައެވެ. މަދު ދުވަހަކު މެނުވީއެވެ. ސިއްހަތު ރަނގަޅުހެން ބޭރުފުށުން ހީވިޔަސް، އަހަރެންގެ މޫޑު މުޅީން ރަނގަޅެއް ނުވެއެވެ. ކަމެއްކުރާ ހިތެއްނުވެއެވެ. މީހަކަށް އެ ކަން އަންގާކަށް ނުކެރެއެވެ. އެހެން މީހުން އަހަންނާ ދޭތެރޭ ދެކޭ ގޮތް އަހަންނަށް ވަރަށް މުހިންމެވެ. އެ ތަސްވީރު ހަޑިވެގެން ނުވާނެއެވެ. އަހަންނަކީ އިންސްޓަގްރާމް ތަރިއެކެވެ. އަހަރެން އުމުރުގެ ކުދިން ބޭނުންވަނީ އަހަރެން ކަހަލަ މީހަކަށް ވާށެވެ. އެއީ ފަސޭހަކަމެއް ނޫނެވެ.
އަހަރެންގެ އުމުރަކީ އެކާވީސް އަހަރެވެ. އަންހެންކުއްޖަކީމެވެ. ސިއްހަތު ރަނގަޅު، ބައްޓަން ރީތި، ކަސްރަތީ ހަށިގަނޑެއްގެ ވެރިޔެކެވެ. ރައްޓެހިން ބުނާ ގޮތުގައި، އަހަރެން އެންޖަލީނާ ޖޯލީއާ ކުޑަކޮށް ވައްތަރެވެ. އަހަންނަށް ވެސް އެހެން ހީވެއެވެ. އެކަމަކު އޭނަޔާ ވައްތަރުވާކަށް އަހަރެން އެއްވެސް މަސައްކަތެއް ނުކުރަމެވެ. ޝައުގުވެރިކަމެއް ވެސް ނެތެވެ. އަހަރެންގެ ހަމަ އެކަނި ޝައުގަކީ ފައިދާހުރި ކާނާއެވެ. ރެޔާއިދުވާލު އަހަރެން ވިސްނަނީ އެ ކަމާއެވެ. ގުދުރަތީ އެއްޗެހި ފިޔަވައި އެހެން އެއްޗެއް އަހަރެން ނުކަމެވެ. ނުވެސް ބޮމެވެ.
އަހަރެންގެ އެންމެ ގާތް އެކުވެރިންނަކީ މޭވާއާއި ތަރުކާރީއެވެ. ދެން ފެނެވެ. ހުރިހައި ވައްތަރެއްގެ މަހަކާއި، ކިރާއި، ކުކުޅުބިސް އަހަރެން ހަރާންކޮށްފީމެވެ. ރެޔަކާދުވާލު ތިން ހާސް މިލިލީޓަރުގެ ފެން ބޯން އަމިއްލައަށް މަޖުބޫރުކޮށްފީމެވެ. އެއީ ފަނަރަ ސަތޭކަ މިލިލީޓަރުގެ ދެ ފުޅިއެވެ. ބައެއް ފަހަރު ތިން ފުޅި ވެސް ބޮމެވެ. އަހަރެން ކާ އެއްޗެހީގައި ކެލޮރީ ހުންނަ ވަރު ނޯޓުކުރަމެވެ. ކާންޖެހޭ މިންވަރަށް ވުރެ ފުކެއް ވެސް އިތުރަކަށް ނުކަމެވެ. ހުރިހައި ޝުކުރެއް ހައްގުވަނީ މަންމައަށެވެ.
ބޮޑުވަމުންއައި އިރު އަހަންނަށް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވިއެވެ. އަހަރެންގެ އުމުރުން އޭރު އެގާރަ އަހަރެވެ. އަހަރެންގެ އުމުރާއި އިސްކޮޅާ އަޅައިބަލާ އިރު، އަހަރެން ހުރީ ފަލަކޮށެވެ. ފަލަވީމައި އަހަރެން ރީއްޗެއް ނޫނެވެ. ރީތި ހެދުމެއް ނުލެވެއެވެ. ބުންވަރު ދަށެވެ. ދުވެސަކަރާތްޖަހަން ފަށައިފިއްޔާ އަހަރެން އަވަހަށް ވަރުބަލިވެއެވެ. މަންމައަށް އެ މަންޒަރު ފެނެއެވެ. މަންމައަކީ، އެ ތަޖުރިބާކޮށް، މީހުންގެ މަލާމާތް ލިބިފައިވާ މީހެކެވެ. މަންމަ ފަލަވި ވަރުން ލޯގަނޑު ކުރިމައްޗަށް އަރަން ވެސް މަންމަ ފޫހިވިއެވެ. އެންމެ ބޮޑު ގޮންޖެހުމެއް މަންމައަށް ކުރިމަތިވީ، ބައްޕަ ދެކެ ލޯބިވެވުނު ހިސާބުންނެވެ.
ބައްޕަގެ ހިތްއަތުލުމަށް ޓަކައި މަންމަ ހިކެން މަސައްކަތްކުރިއެވެ. ބޫޓުކޭންޕެއްގައި ވަރަށް ހިތި ތަޖުރިބާތަކެއް ކުރިއެވެ. ނުހިކޭނެކަމަށް ނިންމައި، އެތައް ފަހަރަކު އެ ޕުރޮގުރާމު ހުއްޓައިލަން ވެސް އުޅުނެވެ. އެހެނަސް މަންމަ ކާމިޔާބު ހޯދިއެވެ. މަންމަގެ ވާހަކަ ނޫސްތަކުގައި ޖެހިއެވެ. އެހެން މީހުންނަށް ނަމޫނާއަކަށްވިއެވެ. ވުމާއެކު، މަންމަ ބޭނުންވީ ވަގުތު އޮއްވައި އަހަރެން ސަލާމަތްކުރާށެވެ. އަހަރެންގެ ކެއުން ކޮންޓުރޯލުކުރުވާށެވެ.
އުމުރުން އެގާރަ އަހަރަކީ ޕިއްޒާއާއި ބާގަރގެ އުމުރެވެ. އައިސްކިރިމާއި ޗޮކުލެޓުގެ ދުވަސްވަރެވެ. އަހަރެން ރޯންފެށީމައި، ކުދިކިޔަމުން ނަމަވެސް މަންމަ އެ ހުރިހައި އެއްޗެއް ގަނެދެއެވެ. ބައެއް ފަހަރު މަންމަގެ ރުޅި ކޮންޓުރޯލުން ނައްޓައެވެ. އަހަރެން ހިތުގަޖެހޭ ކަހަލަ އެއްޗެހި ބުނެއެވެ. އެކި ކަހަލަ ވަނަމުން ވެސް އަހަންނަށް ގޮވިއެވެ. އަހަރެން ގާތަށް އޭރު އައީ ހިންޏެވެ.
އަހަރެންގެ އުމުރުން ތޭރަ އަހަރު ފުރުނެވެ. މަންމަ ކިޔާ ނަންތަކަށް އަހަރެން އާދަވުމުގެ ބަދަލުގައި، އެ ނަންތަކުން އަހަންނަށް އުނދަގޫވާން ފެށިއެވެ. ހިތަށްއެރިއެވެ. ކެއުން ބަދަލުކުރަންވީއެވެ. އެއީ ބުނަން ފަސޭހަ، ކުރަން އުނދަގޫކަމެކެވެ. ދެން ދިމާވީ ވަރަށް އެހެން ކަހަލަކަމެކެވެ. އިންޓަވަލުގަޑީގައި އަހަރެން އައިސްކޯނެއް ކާން ހުއްޓައި، ރައްޓެއްސަކު އައިސް އަހަރެންގެ ބަނޑަށް އިނގިލި ކޮއްޕައިލިއެވެ. ތަދުވާ ވަރަކަށް ނޫނެވެ. އަދި ސަމާސާ ރާގެއްގައި، މަލާމާތުގެ ބަހެއް ވެސް ބުނެލިއެވެ. ހިނގީ ވަރަށް ކުޑަ ކަމެކެވެ. އެކަމަކު އަހަންނަށް އެ ކަން ވީ ވަރަށް ބޮޑުކަމަކަށެވެ.
ގެއަށް އައިސް ލޯގަނޑު ކުރިމަތީގައި ހުރެގެން، އެހެންޏާ ނުބަލާ ނަޒަރަކުން އަހަރެންގެ ހަށިގަނޑަށް ބެލީމެވެ. ތެދެކެވެ. އަހަރެން ބަނޑުލައިފިއެވެ. ހިތަށްއެރިއެވެ. މަންމަ އެ ބުނަނީ ތެދެކެވެ. އަހަރެން މާ ބޮޑަށް ފަލަވެއްޖެއެވެ. އެ ދުވަސްވަރު އަހަރެން ބޮޑުކުއްޖަކަށްވިއެވެ. އަހަރެން ވިސްނާ ގޮތާއި، ދެކޭ ގޮތް ބަދަލުވާން ފެށިއެވެ. މަންމަ ބުނެލާ ލަފުޒުތައް ސިކުނޑީގައި ހަރުލާން ފެށިއެވެ. އިންސްޓަގްރާމުން ފެންނަ އަންހެންކުދިންގެ ބައްޓަން އަހަންނަށް ރީތިވާން ފެށިއެވެ. އެހެން ހުންނަން ބޭނުންވާން ފެށިއެވެ.
މަޝްހޫރު މީސްމީހުންގެ ރީތިކަމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އަހަރެން ހޯދީމެވެ. އެމީހުންގެ ހަށިގަނޑު ރީތިކޮށް ހުންނަނީ ގުދުރަތީކާނާ ކެއީމައެވެ. އޭގެ ތެރޭގައި ފާޑުފާޑުގެ މަހެއް އެ މީހުން ނުހިމަނައެވެ. ހިމަނަނީ ހަމަ އެކަނި ތަރުކާރީއާއި މޭވައެވެ. ދެން ކަސްރަތުކޮށްފައި، ގިނައިން ފެންބުއީމައި ނިމުނީއެވެ. އެއީ ގޯސް އާދައެއް ނޫނެވެ. ނުކުރެވޭނެކަމެއް ވެސް ނޫނެވެ. ހިތަށްއެރިއެވެ. މަންމަގެ މަލާމާތުން އަހަންނަށް ސަލާމަތްނުވެވެންވީ ކީއްވެ ހެއްޔެވެ؟
އަހަރެން ދެވިހިފައިފައި ހުރި ކާނާތަކާ ދުރަށްޖެހިލީމެވެ. ވަރަށް ގިނަ ދުވަހުންނެވެ. ވަރުގަދަ ޑަޔަޓެއް ފެށީމެވެ. ގުދުރަތީކާނާ ކައިފައި، ގިނައިން ފެންބޮއިފައި، ކަސްރަތުކޮށްފައި، އެހެން ގަޑިތަކުގައި ބަނޑަށްހުންނަން ފެށީމެވެ. އަހަރެން ހިކެން ފެށިއެވެ. އެ ކަން އެންމެ ފުރަތަމަ ފާހަގަވީ މަންމައަށެވެ. މަންމަ ވަރަށް އުފާވިއެވެ. އަހަންނަށް ތައުރީފުކޮށް، ހިތްވަރުދިނެވެ. ރައްޓެހިންގެ ތައުރީފު ވެސް އޮހެން ފެށިއެވެ. އެކަމަކު، އަހަރެންގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ކާނާއެއް ނުލިބެއެވެ. އެ ކަން އަހަންނަށް އިހުސާސްކުރެވެއެވެ.
ޕާޓީތަކަށް ދިޔުން ހުއްޓައިލީމެވެ. އެ ތަނުގައި ހުންނަ ކާނާތަކަށް އަޅާފައި ހުންނަ އެއްޗެއް އަހަންނަށް ނޭނގޭތީއެވެ. އަހަރެން ކާން ބޭނުންވާ "ގުދުރަތީކާނާ" ނުހުންނާތީއެވެ. ރެސްޓޯރަންޓަކަށް ދެވުނަސް، އެންމެ ލަހުން އެއްޗެއް އޯޑަރުކުރެވެނީ އަހަންނަށެވެ. މެނޫ ބަލައި، ކާނާގައި ހުންނަ އެއްޗިހި ބަލައި، ދިރާސާކުރަން ޖެހެއެވެ. މަންމަޔާ އެއްކޮށް ފިހާރަޔަކަށް ދެވުނަސް، އެއްޗެއްގެ ލޭބަލު ބަލައި، އޭގައި ހުންނަ އެއްޗިއްސާއި މިންގަނޑުތައް ބަލަންޖެހެއެވެ. މަންމަ ވަރަށް އުފާވެއެވެ. އިނގެރޭސިން މި ކިޔާ ކާބްސް، ޑައިރީ ޕްރޮޑަކްޓް، ގުލޫޓަން އަހަރެން ދެކެނީ ވިހައެއް ގޮތުގައެވެ. އެއިން ފަލަވާނެއެވެ. އުމުރު ކުރުވާނެއެވެ. ބަލިތައް ޖެހޭނެއެވެ. އެއްވެސް މަހެއް ކާކަށް ނުވާނެއެވެ. އެއީ ސަރުބީއެވެ. ލޭހޮޅިތައް ބެދޭނެއެވެ.
އުމުރުން ސާދަ އަހަރުވީ އިރު ހުދުބަތާއި، ހުދުފުށާއި، ދޯބުރާލިހަކުރާއި، ހަވާދުލީ ކާނާ ވެސް އަހަރެން ހަރާންކޮށްފީމެވެ. އެއިން އެއްޗެއް ފެނުނަސް ފޫހިވެއެވެ. އެ ކާ މީހަކާ ދިމާއަށް ބަލަން އުނދަގޫވުމުގެ އިތުރަށް، އެ ތަނެއްގައި އިންނާކަށް ވެސް ފަސޭހައެއް ނޫނެވެ. މަންމަޔާ އެއްކޮށް ގެޔަކަށް ދެވޭ ފަހަރު ވެސް، އެ ގޭގައި ހުންނަ އެއްޗެހި ކާން އަހަރެން ޖެހިލުންވެއެވެ. އެ ދުވަހު ކާންޖެހޭ މިންގަނޑަށް ވުރެ ކެލޮރީ ގިނަވެދާނެތީއެވެ. ހަދާފައި ހުންނަ އެއްޗެހިތަކަށް އަޅާފައި ހުރީ ކޯޗެއް، ކިހައި މިންވަރަކަށްކަން ނޭނގޭތީއެވެ. އަހަރެން ބޯލަނީ ފެންތަށްޓެކެވެ. މަންމައަށް އެ ކަން ވަނީ ވަރަށް ރަނގަޅު، އެހާމެ ހަރުދަނާ އުސޫލަކަށެވެ.
ކޮފީއަށާއި، ކެއުމަށާއި، ދައުވަތުތަކަށް ދިޔުން އަހަރެން ހުއްޓައިލީމެވެ. އަހަރެން އުޅުނީ، އުޅެން އެންމެ ރަނގަޅުކަމަށް ބުލޮގުތަކުގައި ލިޔެފައި ހުންނަ ގޮތަށެވެ. އަހަރެންގެ ލޯ އަޅައިގަންނަނީ "ކްލީން ފުޑް" ނުވަތަ "ޑިޓޮކްސް" ފަދަ ލަފުޒުތަކުގައެވެ. ކިތަންމެ ރެޔަކު ހުސްބަނޑާ ނިދަމެވެ. ރަނގަޅުކާނާ ނޫން އެއްޗެއް އަރުން އެތެރެ ނުކުރާންވެގެންނެވެ. އަހަންނަށް އެކާވީސް އަހަރުވީ އިރު އަހަރެންގެ ހިތްވަރާއި، ކެތްތެރިކަމުގެ ވާހަކަދައްކައި އެކުވެރިން ފޫހިނުވެއެވެ. އެކަކު ފިޔަވައެވެ. އެއީ އަމާނީއެވެ. އެއީ ވަރަށް ފަހުން، އިންސްޓަގްރާމުން ލިބުނު އެކުވެރިއެކެވެ.
ފިހާރައެއްގައި ހުރި ދަޅުތައް ނަގައި އޭގައި ހުރި ލިޔުންތައް ނެޓުން ދިރާސާކުރި އިރު އޭނަ ހުރީ ފޫހިވެގެން މަރުވާ ވަރު ވެފައެވެ.
"ތީ ބައްޔެކޭ!" އަމާނީ ބުންޏެވެ. "ސީރިޔަސްކޮށޭ! އަހަރެން މިހާރު ނަން ވެސް ހޯދައިފިން. ތިއަށް ކިޔަނީ އޮތޮރެކްސިޔާ. ނެޓުން ބަލާބަލަ! ޕްލީޒް!"
އެ ވަގުތު އަހަރެން އަޅައެއްނުލަމެވެ. އެހެނަސް، އެރެއަކީ އަނެއްކާ ވެސް ބޮޑު ރެޔެކެވެ. އަހަރެންގެ އެތެރެހަށި ހީވަނީ ފުރިފައިހުންނަހެންނެވެ. ވާ ގޮތް ބުނެދޭން ވެސް ނޭނގެއެވެ. އަހަރެން ނެޓަށްވަދެ، އަމާނީ ބުނި ނަން ޖެހީމެވެ. އެއީ އޮތޮރެކްސިޔާ ނަރވޯސާ ނުވަތަ "އޮން" އެވެ. ތެދެކެވެ. އަހަރެންގެ ފަރާތުން ފެންނަނީ އެ ބަލީގެ އަލާމަތްތަކެވެ. އެއީ ހަމަ ނާގަހަރުފައެކެވެ. ޝައްކުބަލީގެ އެ ހަރުފަ، މަޑުމަޑުން އަހަރެން ގައިގަ އޮޅާލީއެވެ. ރަނގަޅުކަމަށް އަހަންނަށް ހީވި އާދައަކީ، އެންމެ ރަނގަޅު އާދައެއް ނޫނެވެ. ދުނިޔެ އަހަންނަށް ދެއްކީ ކެހިވެެރި ދަޅައެކެވެ. އިންސްޓަގްރާމުން ފެނުނު ފޮޓޯތަކަށް މާ ބޮޑަށް އިތުބާރުކުރެވުނީއެވެ. ހިތަށްއެރިއެވެ. ޑަކުޓަރެއްގެ މަޝްވަރާ ނުވެސް ހޯދައި، ބައެއް ކާނާ އަމިއްލައަށް ހަރާންކުރީ ކީއްވެގެން ހެއްޔެވެ؟ އެއީ ކިހައި މޮޔަކަމެއް ހެއްޔެވެ؟
މިހާރު ވެސް ހިތުހުރި އެއްޗެއް އަހަރެން ނުކަމެވެ. އަހަރެން އުޅެނީ ބަލައިގެންނެވެ. އެކަމަކު، އަމިއްލައަށް ކާނާ ހަރާންކުރުން ހުއްޓައިލައިފީމެވެ. ހަށިގަނޑަށް ވަމުންދިޔަ އުނދަގޫތަކާއި، އަހަރެންގެ އެކަނިވެރިކަން ވެސް މިހާރު ފިލައިފިއެވެ. މިހާރު ހަފުލާތަކަށް ދަމެވެ. ރައްޓެހިންނާ އެކުގައި ސައިބޯން ވެސް ދަމެވެ. ގިނައިން ކަނީ ތަރުކާރީއާއި މޭވާއެވެ. ވަރަށް ގިނައިން ފެން ވެސް ބޮމެވެ. އެކަމަކު މަސް ކަމެވެ. ބިހާއި ހެދިކާ ކަމެވެ. ކިރާއި އައިސްކިރިމު ވެސް ބޮމެވެ. އުފަލަކީ އެއީއެވެ. ދިރިއުޅުމުގެ ހަމަ އެކަނި މަގުސަދަކީ ކެއުމާއި ބުއިމެއް ނޫނެވެ. ރައްޓެހިންނާ އެކުގައި އަހަރެން ވަގުތު ހޭދަކުރަމެވެ. ދަތުރުދަމެވެ. މަޖާ ވެސް ކަމެވެ. ކުޅިއެއްޗެހި ކަމެވެ. ފޮނިއެއްޗެހި ވެސް ކަމެވެ. ދިރިއުޅުން ބާއްޖަވެރިކުރުމަށް ޓަކައި، ތިލަފަތް ހަމަކުރުން ކިހައި މުހިންމުކަން މިހާރު ވިސްނެއެވެ.
ނިމުނީ