ގޮޓާބަޔަގެ ރާއްޖެ ދަތުރު ހަމަޖެއްސީ ގާނޫނާ އެއްގޮތަށް: ލަންކާ އެއާ ފޯސް
ގޮޓާބަޔަގެ ރާއްޖެ ދަތުރު ހަމަޖެއްސީ ގާނޫނާ އެއްގޮތަށް: ލަންކާ އެއާ ފޯސް

ސްރީ ލަންކާގެ ރައީސް ގޮޓާބަަޔަ ރާޖަޕްކަސް ރޭ މެންދަމު ރާއްޖެ ވަޑައިގަތުމުގެ ދަތުރު ހަމަޖައްސައިދިނީ ގާނޫނުއަސާސީގައި ރައީސަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ގާނޫނާ އެއްގޮތަށް ކަމަށް ލަންކާގެ އެއާ ފޯސް އިން ބުނެފި އެވެ.

އެއާ ފޯސް އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާ އެކު އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަމާ ގުޅުން ހުރި ހުރިހާ އިދާރާއެއްގެ ހުއްދަ ލިބިގެން، ކަޓުނަޔަކަ އެއާޕޯޓްގެ އުސޫލުތަކާ އެއްގޮތަށް ހުރިހާ ކަމެއް ހަމަޖެހިގެން ކުރެއްވި ދަތުރެއް ކަމަށެވެ.

އެއާ ފޯސް އިން ބުނީ ކަޓުނަޔަކަ އެއާޕޯޓުން ގޮޓަބަޔަ ވަޑައިގަތީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާ އެކުގައި ކަމަށެވެ.

މީގެ ކުރިން ގޮޓާބަޔަ ވައިގެ މަގުން ފުރާވަޑައިގަތުމަށް އެއާޕޯޓްގެ މުވައްޒަފުން ވަނީ ހުރަސްއަޅައިފަ އެވެ. މެންދަމުގެ ވަގުތެއްގައި އޭނާ ރާއްޖެ ވަޑައިގަތީ މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާނުކުރެއްވުމަށް ފަހުގަ އެވެ.

ލަންކާގެ ގާނޫނުތައް އޮންނަ ގޮތުން، ވެރިކަމުގައި ހުންނަވަނިކޮށް ރައީސަކު ހައްޔަރެއް ނުކުރެވޭނެ އެވެ. އެހެންވެ، ގައުމުގައި ހުންނަވައިގެން އިސްތިއުފާ ދެއްވައިފި ނަމަ، ގައުމުގެ ހާލަތާ މެދު ރުޅިގަދަވެފައި ތިބި އާންމުންގެ ޕްރެޝަރާ އެކު ހައްޔަރުކޮށްފާނެ ކަމުގެ ބިރު އެބަ އޮތެވެ.

ގޮޓާބަޔަ ދަތުރުކުރެއްވި އަސްކަރީ މަތިންދާބޯޓް ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މެންދަމުން އަލިވެ 3:05 ގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ސްރީ ލަންކާ މިހާރު އޮތީ 1948 ވަނަ އަހަރު އެ ގައުމަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިވެފައި ނެތް އިގްތިސާދީ ބޮޑު ހީނަރުކަމެއްގެ ތެރޭގަ އެވެ. އަސާސީ ހުރިހާ ތަކެއްޗެއް ލިބުން ދަތިވެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.