13 ޖުލައި 2022 - 07:40

ސްރީ ލަންކާގައި މިހާރު އުފެދިފައިވާ ބޮޑެތި ހަމަނުޖެހުންތަކާއެކު، ރައްކާތެރި މާހައުލަކަށް ވަޑައިގަތުމަށް އެ ގައުމުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ކުރެއްވި މަސައްކަތަށް ލަންކާގެ އިމިގްރޭޝަނާއި އެހެން އިދާރާތަކުން ހުރަސް އަޅާފައި ވަނިކޮށް، ގޮޓާބަޔަ ރޭ ދަންވަރު ރާއްޖެ ވަޑައިގަތުމުން ދެ ގައުމުގެ މީހުން ވެސް ރުޅިގަދަވާން ފަށައިފި އެވެ.
ލަންކާގެ ރައީސްގެ މަގާމުގައި އަދިވެސް ހުންނެވީ ގޮޓާބަޔަ ކަމަށް ވާތީ އޭނާ މަގާމުގައި ހުންނަވަނިކޮށް ހައްޔަރު ކުރުމަކީ އެ ގައުމުގެ ގާނޫނުގައިވާ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ، އިސްތިއުފާ ދެއްވާނެކަން މިއަދު އިއުލާނުކުރުމުގެ ކުރިން ގައުމު ދޫކުރައްވައި ރާއްޖެ ވަޑައިގަތީ ކަމަށް ބެލެވެ އެވެ. އެއީ މަގާމުން އިސްތިއުފާ ދެއްވުމާއެކު، ލަންކާގެ ކަމާ ގުޅޭ އިދާރާތަކުން ގޮޓާބަޔަ ހައްޔަރު ކޮށްފާނެތީ އެޅުއްވި ފިޔަވަޅެއް ކަމަށް ލަފާކުރެވެ އެވެ.
ލަންކާގެ އެއާ ފޯސް އިން އެންމެ ފަހުން ބުނެފައިވާ ގޮތުން ނަމަ، އެއާ ފޯސްގެ މަތިންދާބޯޓެއްގައި ރާއްޖެ އަށް ދަތުރުފުޅު ކުރެއްވުމުގެ ހުއްދަ ގޮޓާބަޔަ އަށް ދިނީ އެއީ އަދިވެސް އެ ގައުމުގެ ރައީސް ކަމަށް ވާތީ އެވެ. އަދި އެ ކަން ކުރީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާއެކު ކަމަށް އެއާ ފޯސް އިން ބުނެ އެވެ.
ގޮޓާބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރު އަދި އޮތީ ހިމޭނުންނެވެ. އެކަމަކު ސީއެންއެން އިން ބުނާގޮތުން ގޮޓާބަޔަ ދަތުރުކުރެއްވި ލަންކާގެ އަސްކަރީ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ފުރަތަމަ ހުއްދަ ނުދިނަސް އެ ކަން އެހެން ގޮތަކަށް ބަދަލުވެ، ރާއްޖެ އިން ގޮޓާބަޔަ އަށް މަރުހަބާ ކިޔާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ ކަމުގެ ތެރެއަށް ވަދެވަޑައިގަތުމުންނެވެ. ނަޝީދު އެ މައްސަލައިގައި އަދި ހުންނެވީ ހިމޭނުންނެވެ.
ނަމަވެސް ދެ ގައުމުގެ އާންމުން ތިބީ ރަތަށް އަރައިފަ އެވެ. ބައެއް މީހުން ދެ ގައުމުގެ ޒަމާންވީ ގުޅުމަށް ރުހުން އޮތަސް ގޮޓާބަޔަ ފަދަ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އަދި ފުރުން މަނާކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާ ބޭފުޅަކު ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމަކީ ވަރަށް ގޯހުން ދިޔަ ކަމެއް ކަމަށް "މިހާރު" އާއި ސޯޝަލް މީޑިއާގެ ކޮމެންޓްތަކުން މިހާރު ވެސް ސާފެވެ.
"ލަންކާއަކީ އެތައް ހާސް ދިވެހިންނެއް ދިރިއުޅޭ ތަނެއް. ލަންކާ ރައްޔަތުން އަރާ ރުޅީގަ ގޮސް ދިވެހިން ބޮލަށް އެރީމަ އެކަމުގެ ޒިންމާ ނަގާނީ ކާކު ތަ؟،" ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓެގްކޮށް، ތޯހާ ޔާސީން ކިޔާ މީހަކު ކުރި ޓުވީޓެއްގައި ވެ އެވެ.
ލަންކާގެ ރައީސް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމާ ގުޅިގެން "މިހާރު" ގައި މިއަދު ހެނދުނު ޖެހި ޚަބަރަށް ބައެއް މީހުން ކުރި ކޮމެންޓްތަކުގައި ވަނީ އޭނާ ހައްޔަރުކުރަން ގޮވާލައިފަ އެވެ. އަދި މިއީ ދިވެހިން ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ކަމަށް ބައެއް މީހުން ބުންޏެވެ.
އެކަކު ބުނިގޮތުގައި، ގޮޓާބަޔަ އަށް ވައްކަމުގެ ތުހުމަތު ކުރާއިރު، އޭނާ އަށް ރާއްޖޭގައި ފިއްލަވައިގެން ހުންނެވިގެން ވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
"މިއީ އެއްވެސް ބޭނުމެއް ނެތި ލަންކާގެ 21 މިލިއަން މީހުންގެ ރުޅި އާއި ނަފުރަތަށް ދިވެހިން ހުށަހަޅާލުން. ރައީސް ނަޝީދުގެ ސަބަބުން ދިވެހިންނަށް ޑިމޮކްރަސީ އާއި ބަސްބުނުމުގެ މިނިވަންކަން ލިބުނަސް މިއަދު އޭނާ ވެފައިވަނީ ގައުމު ހަލާކަށް ހުށަހަޅާ މީހަކަށް. މިއަދު ލަންކާގައި ތިބި 8000 ދިވެހިންނަށް އޮންނާނީ ކޮން ރައްކާތެރި ކަމެއް؟ އަހަރެމެން މި ތިބީ 20 ވަރަކަށް ދުވަހަށް ގެއިން ނިނުކުމެ ވާވަރަށް ސާމާން ގަނެގެން. އެކަމުން އެހެން ތިބޭނީ ކިތައް ދިވެހިން؟،" "މިހާރު" އަށް ކުރި ކޮމެންޓެއްގައި މީހަކު ބުންޏެވެ.
އެހެން ކޮމެންޓެއް ކުރި މީހެއްގެ ސުވާލަކީ ރާއްޖެ އަކީ 'ކޮރަޕްޓް ވަގުންނަށް' ހިމާޔަތް ދޭ ގައުމެއް ތޯ އެވެ.
"މަޖުލީހުގެ ރައީސް ނަޝީދު ކޮރަޕްޓް ވަގުންނަށް މަރުހަބާ ކިޔަން ދިނުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް. މުޅިން ނުބައި އަމަލެއް،" އެ މީހާގެ ކޮމެެންޓްގައި ވެ އެވެ.
ބައެއް މީހުން މި މައްސަލައިގައި ނަފުރަތު ކުރަނީ ކުރީގެ ރައީސް ނަޝީދަށެވެ. ސަބަބަކީ ގޮޓާބަޔަ އަށް ރާއްޖެ އެތެރެވެވުނީ ނަޝީދުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާތީ އެވެ. އެހެންވެ، އެ ކަމުގެ ޒިންމާ ނަޝީދު ނަންގަވަން ޖެހޭނެ ކަމަށް ބައެއް މީހުން ދެކެ އެވެ.
"ނަޝީދު ތި ދިނީ މިއިން ދުވަހަކު ދިވެހިންނަށް ނުދޭވަރުގެ ގެއްލުމެއް. ތިކަމުގެ ސަބަބުން ލަންކާ ރައްޔިތުންގެ ރުޅި ދިވެހިރައްޔިތުންގެ މައްޗަށް ބަލާ އަނިޔާވެރިވެއްޖެ ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނެ. ދުނިޔޭގެ އެއްވެސް ގައުމަކުން ގޮތަބަޔާ އަށް ވިސާ ނުދީގެން އެ އުޅެނީ ލަންކާ އިން ފުރުން މަނާކޮށްފައިވާ މީހަކަށް ވާތީ،" ކޮމެންޓެއްގައި ބުންޏެވެ.
ގޮޓާބަޔަ ރާއްޖެ ވަޑައިގަތުމުން ބައެއް މީހުން ރުޅިގަދަވިޔައް އަނެއް ބައި މީހުންނަށް އެކަން މައްސަލައެއް ނެތެވެ. އެއީ ގޮޓާބަޔަ އަކީ އަދިވެސް ލަންކާގެ ރައީސަށް ވާތީ އެވެ. އަދި ގޮޓާބަޔަ ހައްޔަރުކުރުމުގެ އެއްވެސް އަމުރެއް މިހާތަނަށް ނެރެފައި ނުވާތީ ރާއްޖެ އެތެރެވާން ހުއްދަ ދިނުން މައްސަލައެއް ނެތް ކަމަށް ބައެއް މީހުން ބުނެ އެވެ.
"ސިޔާސީ މީހުން ގައުމުތަކަށް ތި ގޮތަށް ފިއްލަވައިގެން ދިއުމަކީ އާދައިގެ ކަމެއް. ފިލާ ނުވަތަ އަމިއްލަ އަށް އަރުވާލެވޭ މީހުންނަށް މެހްމާންދާރީ އަދާ ކުރުމަކީ މާބޮޑު ގޯހެއް ނޫން. މޮޓަރުބޯޓު ގަޑުބަޑުގައި ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ބޭފުޅުން ލަންކާ އަށް ވަޑައިގަތް،" 'މިހާރު' އަށް ކުރި ކޮމެންޓެއްގައި ބުންޏެވެ.
"އެމް.ޑީ.ޕީ ވެސް އުފެެއްދީ ލަންކާގެ މެހްމާންދާރީ ލިބިފައި ތިބި ދިވެހިންގެ ބަޔަކު. އީޑީ އަމީނު އަދި ނަވާޒު ޝަރީފު ފިލާ ތިބީ ސައުދީއެރަބިއްޔާގައި."
ލަންކާގެ އެއާފޯސްގެ މަތިންދާބޯޓެއްގައި ގޮޓާބަޔަ ރާއްޖެ ވަޑައިގަތީ ލަންކާގެ އެއާޕޯޓުން ފުރާވަޑައިގަތުމަށް ކުރެއްވި މަސައްކަތްޕުޅަށް އެ ގައުމުގެ އިމިގްރޭޝަނުން ހުރަސް އެޅުމުންނެވެ. ގޮޓާބަޔަގެ އާއިލާގެ ބައެއް މީހުން ފުރާވަޑައިގަންނަވަން އުޅުއްވުމުން ވެސް އިމިގްރޭޝަނުން ވަނީ ހުރަސް އަޅައިފަ އެވެ.
ލަންކާގެ އިގްތިސާދު ފުންވަޅުގަނޑަކަށް ވެއްޓި، އެ ކަންކަން މެނޭޖު ނުކުރެވުމުން ލަންކާގެ އެތައް ހާސްބަޔަކު ވަނީ ގޮޓާބަޔަ އާއި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެފަ އެވެ. ގޮޓާބަޔަ މިއަދު އިސްތިއުފާ ދެއްވަން ނިންމެވީ އެ ފިއްތުންތަކާއެކު، ހުރިހާ ކަމެއް ބޮއްސުންލައިގެން ދިއުމުންނެވެ.