ލަންކާގެ ރައީސް ފިއްލަވައިގެން ރާއްޖެއަށް
ލަންކާގެ ރައީސް ފިއްލަވައިގެން ރާއްޖެއަށް

މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވާ، ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އަށް ގައުމުން ބޭރަށް ވަޑައިގެންނެވޭނެ ގޮތެއް ނެތިފައި ހުންނެވުމަށް ފަހު އެންމެ ފަހުން އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ އަށް ވަޑައިގެންފި އެވެ.

ސްރީ ލަންކާގެ އިމިގްރޭޝަންގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން އެކަން ކަށަވަރު ކޮށްދިނެވެ. ގޮޓާބަޔަ ވަޑައިގަންނަވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް މެންދަމުގެ ވަގުތުގައި ވަރަށް ބޮޑަށް ވަރުގަދަ ވެސް ކުރި އެވެ.

ގޮޓާބަޔަކަށް ދަތުރުކުރެއްވި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ މެންދަމުން އަލިވެ 3 ޖަހަން އުޅެނިކޮށް ކަމަށް ވަނީ ބެލެވިފަ އެވެ.

ސީއެންއެންއެން އިން ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ބުނިގޮތުގައި ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން، ބޯޓު ޖެއްސުމުގެ ހުއްދަ އެންމެ ފުރަތަމަ ނުދިނެވެ. ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެ ކަމުގެ ތެރެއަށް ވަންނަވައިގެން ހުއްދަ ލިބުނީ ކަމަށް ސީއެންއެން އިން ބުނެ އެވެ. އެ ކަމާ ބެހޭ ގޮތުން ނަޝީދުގެ ބަހެއް ހޯދަން ސީއެންއެން އިން ނަޝީދަށް ގުޅާފައިވާ ކަމަށް ވެސް ބުންޏެވެ.

އެ އިން އެއްވެސް ކަމަކާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އިދާރާތަކުގެ ބަހެއް އަދި ނުލިބެ އެވެ.

ގޮޓާބަޔަ އަދި އިސްތިއުފާ ނުދެއްވާއިރު، އޭނާ އަކީ އަދިވެސް ލަންކާގެ ރައީސަށް ވާތީ އޭނާ ހައްޔަރުކުރުމުގެ ގާނޫނީ ބާރެއް ލަންކާގައި ނެތެވެ. އެހެންވެ ގައުމަށް ބޭރަށް ވަޑައިގަތީ އިސްތިއުފާ ދެއްވުމާ އެކު ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބެލެވެ އެވެ.

އޭއެފްޕީން ބުނީ ގޮޓާބަޔާގެ ދެކަނބަލުންނާއި ބޮޑީގާޑެއް ރާއްޖެއަށް ފުރާވަޑައިގަތީ އެންޓަނޯވް-32 މަރުކާގެ މިލިޓަރީ އެއާކްރާފްޓެއްގައި ކަމަށެވެ. ރާއްޖޭގެ އެއާޕޯޓް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ބުނި ގޮތުގައި ގޮޓާބަޔަ ރާއްޖެއަށް ވަޑައިގަތުމާ އެކު، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ވަނީ އެއާޕޯޓުން ބޭރަށް ވަނީ ގެންގޮސްފަ އެވެ.

ގޮޓާބަޔަ މި ވަގުތު ހުންނެވި ތަނެއް ނޭނގެ އެވެ. އަދި މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އިދާރާތަކުން ވެސް ވާހަކައެއް ނުދައްކަ އެވެ.

ގޮޓާބަޔަ ރާއްޖެއަށް މި ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު އާންމުން ގޮސް ރައީސްގެ ގެކޮޅު ހިސާރުކުރުމުގައި އެކު ފިއްލަވައިގެން އުޅުއްވުމަށް ފަހު ވައިގެ މަގުން ޔޫއޭއީއަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުންނެވެ. ބަންޑާރަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ގޮޓާބަޔަ އަށް އެންމެ ފުރަތަމަ ފުރާވަޑައިގަނެވޭ ގޮތް ނުވީ ލަންކާގެ އިމިގްރޭޝަން އޮފިޝަލުން އިދާރީ ކަންކަން ހަމަޖައްސައިނުދިނުމުންނެވެ. އޭގެ ފަހުން ގޮޓާބަޔަގެ ކޮއްކޯފުޅު ބާސިލްއަށް ވެސް ފުރާވަޑައިގަނެވޭ ގޮތެއް ނުވި އެވެ.

ގޮޓާބަޔައަށް ވައިގެމަގުން ފުރާވަޑައިގަނެވޭ ގޮތް ނުވުމުން ކަނޑުމަގުން ކަނޑުގެ ސިފައިންގެ އުޅަނދެއްގައި ވެސް ފިއްލަވަން މަސައްކަތްޕުޅު ކުރެއްވި ކަމަށް އޭއެޕްޕީން ބުންޏެވެ. ޑިފެންސް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ބުނި ގޮތުގައި ލަންކާގެ އާ އިންޓަނޭޝަލް އެއާޕޯޓު ބޭނުންކުރައްވައިގެން ވެސް ގޮޓާބަޔަ އަށް ފުރާވަޑައިގަނެވޭނެ ގޮތް އޮންނާނެ އެވެ.