15 ޖުލައި 2022 - 09:29

އެ ދުވަހުގެ މެންދުރުން ފެށިގެން ބައެއް މީހުން ކޮޓަރި ތަޅުލައިގެން ނުނިކުމެ ތިބެ އެވެ. އަނެއް ބަޔަކު ގޭގެ ދޮރާށިން ބޭރަކަށް ނުނިކުމެ އެވެ. ފާރުމަތިން ލޯ ދީގެން ވެސް ބައެއް މީހުން މަގުތަކަށް ބަލަން ތިބެ އެވެ. އެއީ ނަމުރުތައް ނުކުންނާތީ މާފަރުގައި ކުރީ ޒަމާނުއްސުރެ ކަން ހިނގާ ގޮތެވެ.

ދެލިމާއްޔަކީ ރާއްޖޭގެ އެކި ރަށްރަށުގައި ކުޅޭ ކުޅިވަރެއް ނަމަވެސް، ނ. މާފަރުގައި މި ކުޅިވަރު ކުޅެނީ އެހެނ ގޮތަކަށެވެ. ޝައުގުވެރި ގޮތަކަށެވެ. ދެލިމާލީގެ ބަދަލުގައި މާފަރު މީހުން މި ކުޅިވަރަށް ކިޔަނީ "ނަމުރު" ކުޅުމެވެ.

މި ކުޅިވަރު ކުޅުމަށް ޓަކައި، ދެލި އަންދާނެ ޓީމެއް އެންމެ ފުރަތަމަ ކަނޑައަޅަ އެވެ. އެއަށްފަހު، ހެނދުނު އެކި ތަންތަނުން ބޮނބި އެއްކޮށް އަތިރިމަތީގައި ބޮނބި އަންދަން ފަށަ އެވެ. އެކަން ކުރުމަށް ޓަކައި ފުރަތަމަ ކޮންނަނީ ބޮޑު ވަޅުގަނޑެކެވެ. ގިނަ ފަހަރަށް ދެތިން ވަޅުގަނޑު ކޮނެ އެވެ.

އެއަށްފަހު އެ ވަޅުތަކަށް ބޮނބިތައް އަޅައި ރޯކުރެ އެވެ. ވަކި ވަރަކަށް އެނދުމުން، އަލިފާންގަނޑަށް ފެން ޖަހާ ނިއްވާލަ އެވެ. އަދި އެ ބޮނބިތަކުގެ މަތީގައި ގޯނިއަޅައި އަނެއްކާ ވެސް ވަޅުގަނޑަށް ފަސް އަޅާ ފޮރުވާލަ އެވެ.

އެ ބޮނބިތައް ނަގަނީ އޭގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ފަހުންނެވެ. ބޮނބިތައް ނެގުމަށްފަހު، ގޯނިގޯންޏަށް އަޅާ ހިޔާވާ ތަނެއްގައި ބަހައްޓަނީ އެވެ.

އާންމު ގޮތެއްގައި ނަމުރު ކުޅޭނީ އީދުގެ ތިންވަނަ، ނުވަތަ ހަތަރުވަނަ ދުވަހު އެވެ. އެ ދުވަހު ހެނދުނު ރަށުގެ ކޮންމެ ގެއަކަށް ވެސް ވަކިވަރަކަށް ދެލި ބަހަ އެވެ. ކޮންމެ ގެއަކުން ވެސް، އެ ގެއަކަށް ދޭ ދެލި ފުނޑައިގެން ގެންދަން ޖެހޭނީ ކުޅިވަރު އިންތިޒާމުކުރާ މީހުން ބުނާ ތަނަކަށެވެ. އެ ތަނެއްގައި ބަހައްޓާފައި ހުންނަ ޓައްޕަކަށް ގޮސް ފުނޑާފައި ހުންނަ ދެލި އޮއްސާލަ އެވެެ.

އާންމުކޮށް، ދޭއް ޖެހުމުގެ ކުރިން ދެލިތައް ގެންގޮސް އެ ތަނަށް ޖަމާކުރަން ޖެހޭނެ އެވެ. އަސްުރު ނަމާދުން ފައިބާ ގޮތަށް، ދެލިލާ މީހުން ދެލިލާން ވަލުތެރެއަށް ވަންނާނެ އެވެ. އެ ސަރަހައްދަށް ދިއުމަކީ މަނާ ކަމެކެވެ. ދެލި ލައިގެން ނުކުންނަނީ ކާކުކަމެއް ގިނަ ފަހަރަކަށް ނޭނގޭނެ އެވެ.

ދެލި ލައިގެން ނަމުރުތައް ނުކުންނަން ފަށާނީ ގާތްގަނޑަކަށް 4:30 ހާއިރު އެވެ. ނުކުންނާނީ މި ކުޅިވަރަށް ހާއްސަ ލަވައަކަށް ފައި ހަމަކުރަމުންނެވެ.

މި ކުޅިވަރުގައި މައި ނަމުރަކާއި ބަޑިޖަހާ ނަމުރެއް އުޅެ އެވެ. އިތުރަށް ތިބޭ ނަމުރުތައް ތިބޭނީ ބަޑިޖަހާ ނަމުރުގެ ފަހަތުގައި ދެ ސަފަކަށް އެތުރިގެންނެވެ.
މައި ނަމުރު އުޅޭނީ ރަށު ތެރޭގެ އެކި ތަންތަނުގަ އެވެ. އެއީ މި ކުޅިވަރުގެ "ނުބައިބައި" ކުޅޭ އެއްޗެވެ. ގިނަ މީހުން. ބިރު ގަންނާނީ ވެސް މައިނަމުރުު ދެކެ އެވެ. މައި ނަމުރު އުޅޭއިރު، މީސްމީހުންގެ ގޯތި ތެރެއަށް ވެސް ވަންނާނެ އެވެ.
"ނަމުރުގެޔާ އެންމެތަކުން
ހަމްދު ސަނާ ގޮވާ ދުލުން
ނަމުރު އަންނާނެތީ ހޭރެނީ،"
ތިންބެރު ލަވައަށް ފައިހަމަކުރަމުން ނަމުރުތައް މަޑު ހިނގުމެއްގައި ރަށު ތެރޭގައި ހިނގާނެ އެވެ. ހިނގަމުން ދާއިރު ރަށުގެ ބޮޑެތި މަގުތަކުގެ ހަތަރު އަނގޮޅި ކަންމަތިން މައިނަމުރާ ދިމާވާނެ އެވެ. އެ ހިސާބުން "ވައްކޮށްފައި" ފޯރި ނަގަން ފަށާނެ އެވެ. އެ ގޮތަށް މަޑުކުރުމުން ސަފުގައި ތިބޭ ނަމުރުތައް ތިބޭނީ އެއްފައި ޖައްސައިގެން އުޑަފައިން އިށީންދެ އެވެ.
އެ ތަނުގައި ބަޑިޖަހާ ނަމުރު މަސައްކަތް ކުރާނީ މައި ނަމުރު ގަޔަށް ބަޑިޖަހާ މަރާލާށެވެ. ގެންގުޅޭ ބޮޑު ބަޑިއެއް ކަހަލަ ދަނޑިގަނޑަކުން މައި ނަމުރުުގެ ނިގުލަށް ޖަހަން މަސައްކަތް ކުރާނެ އެވެ. އެކަމަކު އެ މަސައްކަތް ކާމިޔާބެއް ނުވާނެ އެވެ.
"ހުޅަނގު ވައިގައި އަރާ މުޅަގަނޑުގެ ދޮންބަފާ
ބުޅަލު ދަތްދޮޅި ހަލުވާ ލެއްވި ގޮތުން ބިރުން ރޮނީ
ނަމުރު އަންނާނެތީ ހޭރެނީ،"
އަނެއްކާ ވެސް ނަމުރުތައް ލަވައަށް ފައިހަމަ ކުރަމުން ހިނގައިގަންނާނެ އެވެ. ކޮންމެ ހަތަރު އަނގޮޅި ކަންމައްޗަކަށް މަޑުކުރަމުން، ވަޖިދުވެ މައި ނަމުރުު މަރާލަން މަސައްކަތް ކުރަމުންނެވެ.. އެކަމަކު، ބަލަން ތިބޭ މީހުންނަށް މައި ނަމުރު އަންނާނީ ކޮންތާކުން ކިހާ ހިސާބަކުން ކަމެއް ނޭނގޭނެ އެވެ. އެއީ ގިނަ މީހުން އެންމެ ބިރު ގަންނަ ސަބަބެވެ.
އިރުއޮއްސެން ކައިރިވުމުން، ނަމުރުތައް މިސްރާބު ޖަހާނީ ބަނދަރާ ދިމާލަށެވެ. އެ ތަނަށް ގޮސް ނަމުރުތައް ވައްބުރަކަށް އެތުރެ އެވެ. އެ ތަނުން އަނެއްކާ ވެސް މައި ނަމުރު ދިމާކޮށްލަ އެވެ. އެ ހިސާބުން، ކުރިއަށް ދާނީ އެންމެ ޝައުގުވެރި ބައެވެ. ފަހުތަޅާލުން ގަނޑެވެ. ދެ ތިން ލަވައަށް އެ ތަޅާފޮޅުން ދެމިގެން ދެއެވެ.
ވަކި ހިސާބަކުން މައި ނަމުރު ވަރުބަލިވެ، ބަޑިޖަހާ ނަމުރު އޭގެ ނިގުލަށް ބަޑިޖަހާ މަރާލަ އެވެެ. ވަގުތުން ދެން ތިބޭ ހުރިހާ ނަމުރެއް އަރައިގަނެ، މައި ނަމުރު ނަގައިގަނެގެން ގެންގޮސް މޫދަށް އެއްލާލަ އެވެ. އެ ހިސާބުން ކުޅިވަރު ނިމުނީ އެވެ.
ނަމުރު ކުޅޭއިރު ކުރިއާ މިހާރާ ވަރަށް ތަފާތުކަމަށް މާފަރުގެ ގިނަ ދުވަސްވީ މީހުން ބުނެ އެވެ. ގިނަ ދުވަސްތަކެއް ވަންދެން މި ކުޅިވަރު ކުލެފައިވާ، އަބްދުލްފައްތާހު ހަސަން ބުނީ ކުރީގައި ކުޑަކުދިން ގައިގައި ދެލި ނުލައްވާނެ ކަމަށެވެ. އަދި މިހާރު އެ ކަން ބަދަލުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަށާރަ އަހަރުން ދަށުގެ ކުދިން ކުރީގައި ދެލި ނުލާނެ. ބޮޑެތި ޖާނުންވަރުގަދަ މީހުން ދެލި ލާނީ އޭރު. އެކަމަކު މިހާރު ދެލިލާކަށް ބޮޑެތި މީހުންނެއް ނުވޭ. އެހެންވެ ކުޑަކުދިން ލައްވަން ޖެހެނީ،" ފައްތާހު ކިޔައިދިނެވެ.
ކުރީ ޒަމާނުގައި ނަމުރުތަކުގެ މޫނުމަތި ހަދާ ގޮތް ވެސް ތަފާތެވެ. މިހާރު ޒަމާނީ މާސްކު އެޅި ނަމަވެސް ކުރީ ޒަމާނުގައި މާސްކު ހަދަނީ ރުކުގެ އިލާއިންނެވެ. އޭގެން ލޮލާއި އަނގަ ކެނޑުމަށްފަހު ދެލި ހާކަނީ އެވެ.
"އޭރު އެންމެ ކުރީގައި ހުންނަނީ ބޯކެޔޮގަހުން ތާކިހާ ވެސް ހަދާފަ. ތާކިހަލުގެ މަތީގައި ބަޅުކޮށް އިންނަ ދެ ރާވަޅި ޖަހާފަ ކަރުދާހުން ނޫނީ އިލައިން މޫނުމަތި ހަދާފަ. މިހާރަކު ތާކިހަލެއް ނުހަދާ އެކަކު ވެސް. މިއީ ތާކިހާ ހަދާ ޒަމާނެއް ނޫން،" ފައްތާހު ކިޔައިދިނެވެ.
ފައްތާހު ބުނި ގޮތުގައި، މި ކުޅިވަރު ފެށިގެން އައި ގޮތެއް ނޭނގެ އެވެ. ސަބަބަކީ، އެ މީހުންގެ ހަނދާން ހުންނަން ފެށީއްސުރެ ވެސް މާފަރުގައި ހަމަ މި ގޮތަށް މި ކުޅިވަރު ކުޅުމެވެ.
"މި ކުޅިވަރުގައި މައި ނަމުރަކީ ނުބައި އެތި. އޭތި އަތުލައިގަތުންތާ ބޭނުމަކީ،" ފައްތާހު ކިޔައިދިނެވެ.
ފައްތާހު ބުނީ ދެލި ލާން މީހުން ވަލުތެރެއަށް ވަނުމުން ކުރީ ޒަމާނުގައި އެ ތަނަށް މީހުންނަށް ކައިރި ނުވެވޭނެ ކަމަށެވެ. އަދި އެތަނަށް ވަދެވޭނީ އޭރު މަދު ބަޔަކަށް ކަމަށް އޭނާ ކިޔައިދިނެވެ. އެކަމަކު މިހާރު އެތަނަށް ދެލިލާ ވަގުތު ގިނަ ބަޔަކު ވަދެ ނުކުމެ ހަދާ ކަމަށް ފައްތާހު ކިޔައިދިނެވެ.
ކުރީގައި މި ކުޅިވަރު ކުޅޭއިރު ސަފުގައި ތިބޭ ނަމުރުތައް ކުޅިބަލަން ތިބޭ މީހުންނާ މައްލަވައެއް ނުކުރާނެ އެވެ. އެކަމަކު ޒަމާނާއެކު ބަދަލުވެ، މީހުން ގައިގައި ދެލިހާކަން ސަފު ރޫޅާލައިފައި ދާކަން ފައްތާހު ފާހަގަ ކުރި އެވެ.
މާފަރުގެ މި ކުޅިވަރު ދައްކާލަން އެ އަތޮޅު ކުޑަފަރިއަށް އެއް ފަހަރަކު ދިޔަ ކަމަށް ވެސް ފައްތާހު ބުންޏެވެ. އަދި އެ ފަހަރު އެ ރަށަށް އެރީ ވެސް ދެލި ލައިގެން ކަމަށާއި، އެ ރަށަށް ނަމުރުތައް އެރުމުން އެންމެން ބިރުން ގެއަށް ވަނީ ކަމަށް އޭނާ ކިޔައިދިނެވެ.
މި ކުޅިވަރު އުވިގެން ގޮސްދާނެ ކަމުގެ ބިރެއް ނެތް ކަމަށް ފައްތާހު ބުންޏެވެ. އެހެން ނަމަވެސް، ޒަމާނީ ބަދަލުތަކާއެކު ނަމުރު ކުޅުމުގެ ސަގާފަތަށް ބަދަލުތަލެއް އައިސްދާނެތީ އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް އޭނާ ބުންޏެވެ. އަދި ކާބަފައިގެން ސަގާފީ ކުޅިވަރު އެ ގޮތުގައި ކުޅުމަކީ ދެކެން ބޭނުންވާ މަންޒަރު ކަމަށް އޭނާ ބުންޏެވެ.
މާފަރަށް އީދަށް ދާ މެހެމާނުންނަށް ވެސް އެންމެ ކަމުދާ އެއް ކުޅިވަރަކީ މިއީ އެވެ. މި ކުޅިވަރު ތަފާތުވެގެން، އެ ވާހަކަ މާފަރަށް ދާ ގިނަ ބަޔަކު ދައްކަ އެވެ. އަދި ބައެއް މީހުން ނަމުރު ބަލާ ބިރުން ވެސް އުޅެ އެވެ. ނަމުރު އަންނާނެތީ ހޭރެމުންނެވެ.