ކުރިން ބުނި އެތި ކެންސަލް؛ މިއީ ކޮން ވާހަކައެއް؟
ކުރިން ބުނި އެތި ކެންސަލް؛ މިއީ ކޮން ވާހަކައެއް؟

"ކުރިން ބުނި އެތި ކެންސަލް،"

މި ދުވަސްކޮޅު ސޯޝަލްމީޑިއާގައި އެންމެންހެން ލިޔަނީ މިހެންނެވެ. ކޮންމެ ކަމަކާ ގުޅުވާފައި ވެސް ބުނަނީ "ކެންސަލް" ކަމަށެވެ. މި ވަނީ ކީއްކަން ނޭނގިގެން އުޅޭ މީހުން ވެސް އެހާ ގިނަ އެވެ.

ކާން ދޭނަމޭ ބުނެވިފައި އޮތިއްޔާ ކެންސަލް، މީހަކަށް ލަނޑެއް ދެވިފައި އޮތިއްޔާ ކެންސަލް، އިންނަން އެއްބަސް ވެވިފައި އޮތިއްޔާ ކެންސަލް ފަދަ އެތައް ބައިވަރު ކަމެއް "ކެންސަލް" އެވެ.

މިއީ ރާއްޖޭގެ ކޮމީޑިއަން ނާޒިރު ޝިހާމް (ކާއްޓޭ) މިދިޔަ މަހު އަޕްލޯޑް ކުރި ވީޑިއޯއެއްގައި ކިޔާ އެއްޗެކެވެ. އއ. މަތިވެރީގައި ހަދާފައިވާ އެ ވީޑިއޯ މިހާރު ވަނީ ވަރަށް ބޮޑަށް ސޯޝަލް މީޑީއާގައި ވައިރަލްވެފަ އެވެ.

"މަތީނޫ. މިނިސްޓްރީން އެބަ އެދޭ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރުމުގެ ގޮތުން މި ރަށުގެ ކުދިބޮޑު އެންމެން އަތާއަތުގުޅާލައި މިއަދުގެ ހަތަރެއް ޖަހާއިރަށް ބަނދަރު މައްޗަށް ނުކުތުމަށް،" ވީޑިއޯ ފެށޭ ތަނުން ކާއްޓޭ (މަތީނު) ގާތުގައި ރަށު އޮފީސް ކައިރީ ހުރެ މީހަކު ބުނާތަން ފެނެ އެވެ.

އެ ހިސާބުން ކަރުގައި ސްޕީކަރެއް އަޅުވައިގެން ކާއްޓޭ ނުކުންނަނީ އެ ވާހަކަ ރައްޔިތުންނަށް އަންގާށެވެ.

"އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީން ބާއްވާ އަތާ އަތް ގުޅާލުމުގެ އިވެންޓަށް ހަތަރެއް ޖަހާއިރަށް ބަނދަރު ސަރަހައްދުގައި އޮންނާނެ. ހުރިހާ ބޭފުޅުން ވެސް އައުމަށް ދަންނަވަން،" މުޅި ރަށުގައި އަޑުހަރުކޮށް އެހެން ގޮވަމުން ކާއްޓޭ ހިނގަ އެވެ.

އެކަމަކު މުޅި ރަށުގައި އެހެން ގޮވުމަށް ފަހު އެނބުރި ރަށު އޮފީހަށް ދިއުމުން ކާއްޓޭއަށް އަނެއްކާ ޖެހުނީ އެހެން މަސައްކަތެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިނިސްޓްރީގެ މީހުންނަށް ނާދެވޭތީ، އިވެންޓު ކެންސަލްވީ އެވެ.

"އެހެންވީމަ ކުރިން ގޮވި އެތި މިހާރު ކެންސަލް ކަމަށް ގޮވާލަދޭންވީ،" ރަށު އޮފީހުން ކާއްޓޭއަށް އެންގީ މިހެންނެވެ.

އަނެއްކާ ވެސް ކާއްޓޭ ސްޕީކަރު ކަރުގައި އަޅުވައިގެން ނުކުމެ އެވެ. އަދި ރަށުގައި ހަރު އަޑުން އެ އިވެންޓު ކެންސަލްވީ ވާހަކަ ގޮވަން ފަށަ އެވެ.

"އާދެ ވަރަށް ބޮޑަށް އަނެއްކާ ވެސް ދަންނަވާލަން. ކުރިން ބުނި އެތި ކެންސަލް. ކުރިން ބުނި އެތި ކެންސަލް،" ކާއްޓޭ ގޮވަ އެވެ.

އެކަމަކު ކެންސަލްވީ ކޯއްޗެއް ކަމެއް ކާއްޓޭ ނުބުނެ އެވެ. ވީޑިއޯ ނިމެނީ ހަރު އުމުރުގެ ފިރިހެނަކު ރުޅި އައިސްފައި ހުރެ، ކެންސަލްވީ ކޯއްޗެއްތޯ އަހާ ހިސާބުންނެވެ. ކުރިން ބުނީ ކޯއްޗެއްތޯ އޭނާ އަހަ އެވެ.

"ކޯއްޗެއް ކެންސަލްވީ؟ ކޯއްޗެއް ކުރިން ބުނީ؟" އޭނާ އަހަ އެވެ.

ކާއްޓޭގެ މި ވީޑިއޯ ބޮޑަށް ވައިގައި ހިފީ އީދަށް ރަށަށް ދާން ރޭވި ބައެއް މީހުންނަށް ދަތުރު ކެންސަލް ކޮށްލަން ޖެހުމުންނެވެ. އަދި އީދުގެ ބައެއް ހަރަކާތްތައް މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކުރަން ޖެހުމުން ވެސް މިހެން ގިނަ ބަޔަކު ކި އެވެ. އެ ނޫނަސް، ހުރިހާ ކަމަކާ ގުޅުވައި ވެސް މުޅި ސޯޝަލް މީޑިއާގައި މީހުން މިދިޔަ ދެތިން ދުވަހެއްގައި ކީ މިހެންނެވެ.

ކާއްޓޭގެ ވީޑިއޯތަކަކީ މަގުބޫލު ވީޑީއޯ ތަކެކެވެ. އޭނާގެ މި ވީޑީއޯ ބެލި މީހުންގެ އަދަދު އުޅެނީ ލައްކައިން މަތީގަ އެވެ. އަދި ގިނަ ބަޔަކު ވަނީ މި ވީޑީއޯއަށް ކޮމެންޓުކޮށް ޝެއާކޮށްފަ އެވެ.