ޗެލްސީން މާ ބޮޑު އަގެއް ހުށަހެޅިއަސް ރަފީނިއާގެ ޓްރާންސްފާގައި ކުރި ހޯދީ ބާސާ
ޗެލްސީން މާ ބޮޑު އަގެއް ހުށަހެޅިއަސް ރަފީނިއާގެ ޓްރާންސްފާގައި ކުރި ހޯދީ ބާސާ

ބާސެލޯނާ (ޖުލައި 13) - ޕްރިމިއަ ލީގުގެ ގިނަ ކުލަބުތަކަކުން ޝައުގުވެރިކަން ފާޅުކުރި ލީޑްސް ޔުނައިޓެޑްގެ ބްރެޒިލް ވިންގާ ރަފީނިއާ، އެންމެ ފަހުން ބާސެލޯނާ އަށް ވިއްކާލަން ލީޑްސް ޔުނައިޓެޑް އެއްބަސްވެއްޖެ ކަމަށް ރިޕޯޓް ކޮށްފި އެވެ.

މީޑިއާތަކުން ބުނާ ގޮތުން ބާސެލޯނާ އިން ރަފީނިއާ ގެންދަނީ ލީޑްސް ޔުނައިޓެޑަށް 58.1 މިލިއަން ޑޮލަރުގެ އަގެއް ދީފަ އެވެ. އަދި އަދި އެޑޯންސް އާ އެކު، މި އެއްބަސްވުމުގެ ޖުމްލަ އަގު 67.2 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ލީޑްސް އިން ރަފީނިއާ ވިއްކާލަން ބާސެލޯނާއާ އެކު އެއްބަސްވުމަކަށް އައުމުގެ ކުރިން ވެސް، ރަފީނިއާ ވަނީ ފަސް އަހަރު ދުވަހަށް، ޖޫން 2027 އާ ހަމައަށް ބާސެލޯނާއާ ގުޅެން، އޭނާގެ އެޖެންޓް، ޑެކޯ އާއެކު އެއްބަސް ވެފަ އެވެ.

ރަފީނިއާ، 25، ހޯދަން ބާސާއިން މާ ކުރިން މަސައްކަތް ފަށާފައިފަ އެވެ. ރަފީނިއާ ވެސް ވަނީ އޭނާ ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާކަން ކުލަބަށް އަންގައިފަ އެވެ. ނަމަވެސް ދެ ކުލަބުގެ މަޝްވަރާގެ ދެމެދަށް މި ފަހުން ޗެލްސީ ވަނުމުން، ބާސެލޯނާ އަށް ކަންކަން އުނދަގޫވި އެވެ.

ޗެލްސީގެ އިތުރުން އާސެނަލް އާއި ޓޮޓެންހަން ހޮޓްސްޕާސް އިން ވެސް ރަފީނިއާ ހޯދަން ހުށަހެޅި އެވެ. އަދި މާލީ އަނދަވަޅަކުން އަރައިގަންނަން މަސައްކަތް ކުރަމުން އަންނަ ބާސާގެ އޮފާއަށް ވުރެ މަތިން، 75.2 މިލިއަން ޑޮލަރަށް ރަފީނިއާ ގެންދަން ޗެލްސީން، ލީޑްސް އާއެކު އެއްބަސްވުމަކަށް ދިޔަ އެވެ. އެކަމަކު ރަފީނިއާ، ބާސެލޯނާއަށް ބަދަލުވާން ބޭނުންވުމާ އެކު ލިބުނު ހުށަހެޅުންތަކަށް ވުރެ ދަށް އަގަކަށް ވިއްކާލަން ލީޑްސް އަށް މަޖުބޫރު ވީއެވެ.

ބާސާ އިން ރަފީނިއާ ގެންދިޔުމާ އެކު، ބެޔާން މިއުނިކަށް ކުޅޭ ޖަރުމަން ވިންގާ ސާޖް ގްނަބްރީ ހޯދަން ޗެލްސީން މަސައްކަތް ފަށައިފި ކަމަށް ވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. ބެޔާނަށް ކުޅޭ ޕޮލެންޑު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ހޯދަން ވެސް ޗެލްސީން ޝައުގުވެރިކަން ފާޅު ކޮށްފައި ވެއެވެ. ނަމަވެސް ލެވަންޑޯސްކީ ބޭނުންވަނީ ބާސާ އަށް ބަދަލުވާށެވެ.

މިހާރު ބާސެލޯނާ އާއެކު ކޮންޓްރެކްޓް ހަމަވެފައި ހުރި ވިންގާ އުސްމާން ޑެމްބެލޭ، މުސާރަ ކުޑަ ކުރަން ދެކޮޅު ހެދި ނަމަވެސް، އެންމެ ފަހުން މުސާރަ ކުޑަ ކުރުމަށް ފަހު އިތުރު ދެ އަހަރަށް ކުލަބުގައި މަޑުކުރަން އެއްބަސް ކުރުވައިފަ އެވެ.