"ޓައިގާ ޒިންދާ ހޭ" އަށް ހިކެން ޖެހޭތީ ސަލްމާން ހާއްސަ ޑައިޓެއްގައި
"ޓައިގާ ޒިންދާ ހޭ" އަށް ހިކެން ޖެހޭތީ ސަލްމާން ހާއްސަ ޑައިޓެއްގައި

މި އަހަރު ސަލްމާންގެ ދެ ފިލްމެއް ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ "ޓިއުބުލައިޓް" އާއި "ޓައިގާ ޒިންދާ ހޭ" އެވެ. މިހާރު "ޓިއުބުލައިޓް"ގެ މަސައްކަތް ނިމި "ޓައިގާ ޒިންދާ ހޭ"ގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން އެ ފިލްމުގައި އޭނާ ކުޅޭ ރޯލަށް ބަރުދަން ކޮންމެވެސް ވަރަކަށް ލުއިކުރަން ވަނީ ޖެހިފަ އެވެ.

އެހެންވެ ސަލްމާން މިހާރު ވަނީ ޚާއްސަ ޑައިޓެއް ނަގަން ފަށައި ޖިމްގެ ވޯކްއައުޓްތައް ވަރުގަދަކޮށްފަ އެވެ.
ސަލްމާނަކީ ބާންދްރާގައި ހުންނަ ކާތަނަކަށް އާންމުކޮށް ގޮސް އުޅޭ މީހަކަށް ވާތީ އެތަނުން ސަލްމާނަށް ހާއްސަ ކެއުމެއް ވަނީ ތައްޔާރުކުރަން ފަށައިފަ އެވެ. ސަލްމާން އެދިފައި ވަނީ ކުކުޅު މަހުގައި، ވީހާވެސް ކެލޮރީ މަދު ކެއުމެއް ތައްޔާރުކޮށްދިނުމަށެވެ.

އެންމެ ފަހުން މިފަދަ ފިޓްނަސް މަސައްކަތްތަކެއް ސަލްމާން ކޮށްފައިވަނީ "ސުލްތާން"ގައި ރެސްލިންތަޅާ މީހެއްގެ ރޯލު ކުޅުމަށެވެ. ނަމަވެސް އޭރު ހަށިގަނޑުގެ ބަރުދަން އިތުރު ކުރި ގޮތަށް މުޅިން އެ ހުރިހާ ސަރުބީތަކެއް މިހާތަނަށް ވެސް ސަލްމާނަށް ވިރުވާލެވިފައެއް ނުވެ އެވެ.

"އޭކް ތާ ޓައިގާ"ގެ ސީކުއަލް ކަމަށްވާ "ޓައިގާ ޒިންދާ ހޭ" ގައި ސަލްމާނާ އެކު ބަތަލާގެ ބައި ކުޅެނީ ކެޓުރީނާ ކައިފް އެވެ. މިއީ "ސުލްތާން"ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު ފަހުކޮޅު އެވެ.