12 ޖުލައި 2022 - 17:10

އިގްތިސާދީ ތަދުމަޑުކަމާ ހެދި ރައްޔިތުން ރުޅިގަދަވެ މަގުތަކަށް ނުކުތުމާ އެކު އިސްތިއުފާ ދެއްވަން ނިންމެވި ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ވައިގެމަގުން ގައުމު ދޫކޮށް ވަޑައިގަންނަވަން މަސައްކަތްކުރެއްވުމުން އެއާޕޯޓްގެ އިމިގްރޭޝަން މުވައްޒަފުން އެކަމަށް ހުރަސްއަޅައި ހުއްޓުވާފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން މިއަދު ބުނެފި އެވެ.
އޭއެފްޕީން ބުނީ މިދިޔަ ހޮނިހިރު ދުވަހު ރައީސްގެ ގެކޮޅަށް އާންމުން ވަދެގަތުމާ އެކު އެތަން ދޫކުރައްވައި ވަޑައިގެންނެވި ގޮޓާބަޔައަށް އެއާޕޯޓުން ކުރިމަތިވި ލަދަށް ފަހު މިހާރު މަސައްކަތްކުރައްވަނީ ކަނޑުގެ ސިފައިން ޕެޓްރޯލް އުޅަނދެއްގައި ކަނޑުމަގުން ފިއްލަވަން ކަމަށެވެ.
ގޮޓާބަޔަ ވަނީ ހަމަނުޖެހުން ބޮޑުވެ ކޮންޓްރޯލް ގެއްލުމާ އެކު މާދަމާ އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާނުކުރައްވައިފަ އެވެ. އަދި އިސްތިއުފާ ދެއްވަން މުއްދަތެއް ކަނޑައެޅުއްވީ ސުލްހަވެރިކަމާ އެކު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ ބޭނުމުގައި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވެ އެވެ.
އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ބުނީ އެތައް ހާސް ބަޔަކު ގޮސް، ކޮލަމްބޯގައި ހުންނަ ގޮޓާބަޔަގެ ގެކޮޅަށް ވަދެގަންނަން އުޅުމާ އެކު އެތަން ދޫކުރައްވައި ވަޑައިގަތުމަށް ފަހު ދެން އުުޅުއްވީ ދުބާއީ އަށް ވަޑައިގަންނަވަން ކަމަށެވެ.
ބެލެވޭ ގޮތުން ގޮޓާބަޔަ އިސްތިއުފާ ދެއްވުމުގެ ކުރިން ގައުމުން ބޭރަށް ވަޑައިގަތުމަށް މަސައްކަތްކުރައްވަނީ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ އެކު ހައްޔަރުކޮށްފާނެތީ އެވެ. ލަންކާގައި، މަގާމުގައި ހުންނަވަނިކޮށް ރައީސަކު ހައްޔަރުކުރުމުގެ ގާނޫނީ ބާރެއް ނޯވެ އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި ގޮޓާބަޔަށް ފުރާވަޑައިގަތުމަށް ވީއައިޕީ އަށް ވަޑައިގަތުމުން ޕާސްޕޯޓްގައި ސްޓޭމް ޖަހަން އިމިގްރޭޝަން އޮފިސަރުން އެތަނަށް ދާން ދެކޮޅުހެދީ އެވެ. އިމިގްރޭޝަނުން ވީއައިޕީ އަށް ހިދުމަތް ނުދިނުމުން އާންމުން ބޭނުންކުރާ ކައުންޓަރުތަކުން ހިދުމަތް ހޯދަން ޖެހިވަޑައިގަތުމުން އާންމުން އަރައިގެންފާނެ ކަމުގެ ބިރަށް ރައީސް އެކަމަށް އިންކާރުކުރެއްވީ ކަމަށްވެ އެވެ.
އެއާޕޯޓުން ފުރާވަޑައިގަނެވޭ ގޮތް ނުވުމުން ރައީސްގެ ދެކަނބަލުން އެ ރޭ ތިއްބެވީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓާ ޖެހިގެން އޮންނަ ވައިގެ ސިފައިންގެ މަރުކަޒުގަ އެވެ. އޭގެ ފަހުން ޔޫއޭއީއަށް އެތައް ފްލައިޓެއް ދަތުރުކުރި ކަމަށާއި އެކަމަކު އެ ހުރިހާ ފްލައިޓެއް ވެސް މިސްވީ ކަމަށް އޭއެފްޕީން ބުންޏެވެ.
ގޮޓާބަޔަ މިހާރު ހުންނެވީ ކޮން ތަނެއްގައިކަން ޔަގީނެއް ނޫނެވެ. ނަމަވެސް ގޮޓާބަޔަ އަކީ އަދިވެސް ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމަށް ވާތީ އޭނާ ހުންނަވާނީ އަސްކަރިއްޔާގެ ހިމާޔަތުގައި ކަމަށް ބެލެވެ އެވެ. ޑިފެންސްގެ ބައެއް ފަރާތްތަކާ ހަވާލާދީ އޭއެފްޕީން ބުނީ ރައީސް އާއި އާއިލާ އަދި އަރިސް ބޭފުޅުން ކަނޑުގެ ސިފައިން އުޅަނދެއްގައި ގައުމަށް ބޭރަށް ގެންދިއުމަށް ޑިފެންސްގެ އިސް އޮފިޝަލުން މަޝްވަރާކުރެއްވި އެވެ. ހޮނިހިރު ދުވަހު ވެސް ގޮޓާބަޔަ އެއާޕޯޓަށް ވައިގެމަގުން ގެންދިޔައީ ކަނޑުމަގުން ޓްރިންކޮމަލީ ބަނދަރަށް ވަޑައިގެން ހެލިކޮޕްޓަރުގައި ކަމަށްވެ އެވެ.
އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ބުނި ގޮތުގައި މި ވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ ކަނޑުމަގުން ވަޑައިގަތުމެވެ. އަދި އަނެއް ގޮތަކީ ލަންކާގެ ދެ ވަނަ އިންޓަނޭޝަނަލް އެއާޕޯޓް މައްޓަލަ އެއާޕޯޓުން ފްލައިޓެއް ޗާޓަރުކޮށްގެން އެއިން ވަޑައިގަތުމެވެ.
އޭޕްރީލް މަހު ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި، ގޮޓާބަޔަގެ ކޮއްކޯފުޅު ބާސިލް ވެސް މިއަދު ޔޫއޭއީ އަށް ވަޑައިގަތުމަށް މަސައްކަތްުކުރެއްވި ނަމަވެސް އެއާޕޯޓްގެ މުވައްޒަފުން އެކަމަށް ހުރަސްއެޅުމުން ވަނީ ފުރާވަޑައިގަނެވޭ ގޮތް ނުވެފަ އެވެ. އެމެރިކާގެ ރަށްވެހިކަން ވެސް އޮންނަ ބާސިލް މަސައްކަތްކުރެއްވީ ބިޒްނަސް ޓްރެވަލާސް އަށް ހާއްސަ، އިތުރު ފީއެއް ދައްކައިގެން އާންމު އުސޫލަށް ވުރެ އަވަސް ހިދުމަތް ހޯދައިގެން ފުރާވަޑައިގަތުމަށެވެ. އެކަމަކު އެއާޕޯޓުން މިހާރު ވަނީ އެ ހިދުމަތް ވަގުތުން ހުއްޓާލައިފަ އެވެ.
"ބާސިލް ބޯޓަށް އަރައިވަޑައިގަތުމަށް އެހެން ބައެއް ފަސިންޖަރުން ވެސް ދެކޮޅުހެދި،" އެއާޕޯޓް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ. "މައްސަލަ ވަރަށް ގޯސްވި. އެހެންވެ ބާސިލް އަވަހަށް އެއާޕޯޓް ދޫކުރައްވައި ވަޑައިގަތީ."
ޑިޕްލޮމެޓިކް ފަރާތްތަކާ ހަވާލާދީ އޭއެފްޕީން ބުނީ ބާސިލް ހޮނިހިރު ދުވަހު އާންމުން ގޮސް ރައީސްގެ ގެކޮޅަށް ވަދެގަތުމާ އެކު ބާސިލް ވެސް އެތަނުން ވަޑައިގަތީ މުހިންމު އެތައް އެއްޗެއް ދޫކުރައްވާފައި ކަމަށާއި އޭގެތެރޭގައި ބާސިލްގެ އެމެރިކާ ޕާސްޕޯޓް ވެސް ހިމެނޭ ކަމަށެވެ. އެހެންވެ ދެން ޖެހޭނީ އެމެރިކާގެ އާ ޕާސްޕޯޓެއް ހައްދާށެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި މުހިންމު ލިޔެކިޔުންތަކަކާއި 17.85 މިލިއަން ރުޕީސް ހުރި ސޫޓްކޭހެއް ވެސް ރައީސްގެ ގެކޮޅަށް ދޫކޮށްލާފައި އޮތެވެ. މިހާރު އެ އެއްޗެހި ވަނީ ކޯޓާ ހަވާލުކޮށްފަ އެވެ.