އަނަންޔާ އާއި އަދިތުޔާ ރައްޓެހިވެގެން؟
އަނަންޔާ އާއި އަދިތުޔާ ރައްޓެހިވެގެން؟

"އާޝިގީ 2" އިން ހިތްތައް ކަތިލި ބޮލީވުޑްގެ އެކްޓަރު އަދިތުޔާ ރޯއީ ކަޕުރާއި ޒުވާން ތަރި، އަނަންޔާ ޕާންޑޭ ރައްޓެހިވެގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ވައިބް" ދިމާނުވާ ކަމަށް ބުނެ އަނަންޔާ އާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްޓާރު ރުޅިވީ މީގެ ތިން މަސް ކުރިންނެވެ.

އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު އަދިތުޔާ އާއި އަނަންޔާ އުޅެނީ ރައްޓެހިވެގެންނެވެ. އެމީހުން އެންމެ ފުރަތަމަ ދިމާވީ ކަރަން ޖޯހަރަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މެއި 25 ގައި ބޭއްވި ޕާޓީންނެވެ. އެ ޕާޓީން ދިމާވި ފަހުން ދެ މީހުން އެކަކު އަނެކަކަށް ވަރަށް ބޮޑަށް ގާތްވެފައިވާ ކަމަށްވެ އެވެ.

މިހާތަނަށް އާންމު ތަނަކުން އަނަންޔާ އާއި އަދިތުޔާ އެކުގައި ފެނިފައެއް ނުވެ އެވެ. އެކަމަކު ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ އެ މީހުންނާ ގާތް މީހަކާ ހަވާލާދީ އެވެ.

އުމުރުން 36 އަހަރުގެ އަދިތުޔާ އާއި 23 އަހަރުގެ އަނަންޔާ ރައްޓެހިވި ކަމަށް އަޑުފެތުރުނަސް މިހާތަނަށް އެކަމާ ގުޅިގެން ދެ ތަރިން ވެސް ވާހަކައެއް ނުދައްކަ އެވެ.

އަނަންޔާ އާއި އިޝާން ތިން އަހަރު ރައްޓެވިގެން އުޅުނެވެ. އެމީހުން ދިމާވީ ފުރަތަމަ އެކުގައި މަސައްކަތްކުރި ފިލްމު، "ކާލީ ޕީލީ" ގެ ސެޓުންނެވެ. އެކަމަކު ވައިބް ދިމާނުވާ ކަމަށް ބުނެ ރުޅިވީ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އެކްޓަރު ޗަންކީ ޕާންޑޭގެ ދޮށީ އަންހެން ދަރިފުޅު، އަނަންޔާގެ ކުރިއަށް އޮތް ފިލްމަކީ "ލިންގާ" އެވެ. އަދި އަދިތުޔާގެ ކުރިއަށް އޮތީ ގުމްރާ އެވެ.